މައިލޯ ގައުމީ ނެޓްބޯޅަ މުބާރާތުގެ އަންހެން ފުރަތަމަ ޑިވިޝަނުގެ ޗެމްޕިއަންކަން ކުޅުދުއްފުށީ ޔޫތު އެންޑް ރެކްރިއޭޝަން ކުލަބު (ކޭވައިއާރްސީ) އިން ހޯދައިފިއެވެ.
މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދިޔަ މި މުބާރާތުގެ އަންހެން ފުރަތަމަ ޑިވިޝަނުގެ ޗެމްޕިއަންކަން ކޭވައިއާރްސީން ހޯދީ ހުކުރު ދުވަހުގެރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު ފައިނަލް މެޗުން ކުލަބު ގްރީން ސްޓްރީޓްސް ބަލިކުރުމަށްފަހުއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު ކޭވައިއާރްސީން ކާމިޔާބުކޮށްފައިވަނީ 55-46 އިންނެވެ. މި މެޗު ޝަރަފުވެރިކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ. އަދި އަރިހުގައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ފަހަރުގެ ފައިނަލުގައި ކޭވައިއާރްސީން ގްރީން ސްޓްރީޓްސް ބަލިކުރިއިރު، މިދިޔަ އަހަރު ކުޅުނު މި މުބާރާތުގެ ފައިނަލުގައިވެސް ބައްދަލުކުރީ މި ދެ ޓީމެވެ. އެ ފަހަރު ގްރީން ސްޓްރީޓްސްއިން ވަނީ ކޭވައިއާރްސީ ބަލިކޮށް ޗެމްޕިއަންކަން ހޯދާފައެވެ.
މި އަހަރުގެ މުބާރާތުގެ ފައިނަލް މެޗު މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި ކޭވައިއާރްސީގެ މަރިޔަމް ޝިނާތެވެ. އަދި މި މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި އެ ޓީމުގެ ހަތަރު ކުޅުންތެރިއަކު ވަނީ ހިމެނިފައެވެ.
މި އަހަރުގެ މުބާރާތުގެ އަންހެން ފުރަތަމަ ޑިވިޝަނުގައި އަށް ޓީމެއް ވަނީ ވާދަކޮށްފައެވެ. މީގެ އިތުރުން މި އަހަރުގެ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޔޫތު ޔުނައިޓެޑް ސްޕޯޓްސް ކުލަބެވެ. އެ ޓީމުން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ކުލަބު ވިޔަންސާ 48-30 އިން ބަލިކޮށްގެންނެވެ.