ކުޅިވަރު

ލޮރެންޒޯ އަތުން މަހިބަދޫއަށް ފުރަތަމަ މޮޅު


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ލޮރެންޒޯ ސްޕޯޓްސް ކުލަބު ބަލިކޮށް މަހިބަދޫ ސްޕޯޓްސް ކުލަބުން ފުރަތަމަ މޮޅު ހޯދައިފިއެވެ.

ހޮނިހިރު ދުވަހުގެރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން ގްރޫޕް ދޭއްގައި ހިމެނޭ މަހިބަދޫ މޮޅުވީ ލޮރެންޒޯ އަތުން ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ކުރީކޮޅު މަހިބަދޫން ގިނަ ހަމަލާތަކެއް ފޮނުވާލިއިރު، މެޗު ފަށައިގެން ދެވަނަ މިނެޓުގައި އެ ޓީމުގެ ކެޕްޓަން ޝުއައިދު ސައީދު ބޮލުން ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ. އޭގެ ފަހުން މެޗުގެ 18 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ލޮރެންޒޯގެ ނަސޫހް ސައީދަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އެ ފުރުސަތުގެ ބޭނުން އޭނާއަށް ހިފިފައެއް ނުވެއެވެ. އެކަމަކު މެޗުގެ 23 ވަނަ މިނެޓުގައި ނަސޫހް ވަނީ ލަނޑެއް ޖަހައި، ލޮރެންޒޯއަށް މެޗުގައި ލީޑު ނަގައިދީފައެވެ.

މި މެޗުގެ ދެވަނަ ހާފު ފަށައިގެން މަހިބަދޫން ކުރިއަށް ޖެހި ގިނަ ހަމަލާތަކެއް ފޮނުވާލިއިރު، އެ ޓީމުގެ ފޯވާޑް އާދަމް ނާއިލް ވަނީ މި ހާފުގެ ކުރީކޮޅު ނުރައްކާތެރި ތިން ހަމަލާއެއް ފޮނުވާލާފައެވެ. އަދި އޭގެ ތެރެއިން އެއް ހަމަލާ ވަނީ ގޯލުގެ ދަނޑިއަށްވެސް އަމާޒުވެފައެވެ.

މި މެޗުގައި މަހިބަދޫން ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 58 ވަނަ މިނެޓުގައެވެ. މެޗުގައި މޮޅު ކުޅުމެއް ދެއްކި ނާއިލް ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިސްމާޢީލް ނަޒީރެވެ. އަދި އޭގެ މިނެޓެއް ފަހުން މަހިބަދޫގެ ޝުއައިދަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ލޮރެންޒޯގެ ގޯލްކީޕަރު އަޙްމަދު ސައިފް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މި މެޗުގައި މަހިބަދޫން ފަހަތުން އަރައި އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައިވަނީ މެޗުގެ އިތުރު ވަގުތުގައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހީމް ޝާތިރެވެ. މިއީ އޭރިއާ ތެރެއިން މަހިބަދޫގެ ނާއިލަށް ލޮރެންޒޯގެ ޑިފެންޑަރު އަޙްމަދު ޔާޒީ ނާޒިމް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

މި މޮޅާއެކު ގްރޫޕް ދޭއްގެ ތާވަލުގެ ފަސްވަނައަށް މަހިބަދޫ ޖެހިލީ ކުޅުނު ދެ މެޗުން ލިބުނު ތިން ޕޮއިންޓާއެކުއެވެ. އެ ޓީމާ އެއްވަރަކަށް ކުލަބު ޓީނޭޖަށްވެސް ޕޮއިންޓް ލިބިފައިވާއިރު، ޓީނޭޖަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. އަދި ލޮރެންޒޯއިން މިހާތަނަށް ކުޅުނު ތިން މެޗުންވެސް ބަލިވިއިރު، އެ ޓީމު އޮތީ ތާވަލުގެ ފުލުގައި ޕޮއިންޓެއް ނުލިބިއެވެ.

ޖުމްލަ 16 ޓީމާއެކު ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މި ފަހަރުގެ ދެވަނަ ޑިވިޝަން ރޭވިފައިވާ ގޮތުން ދެ ގްރޫޕުން އެންމެ ގަދަ ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ. އަދި ސެމީ ފައިނަލަށް ފަހު ފައިނަލަށް ހޮވޭ ދެ ޓީމު ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަނަށް ހޮވޭނެއެވެ.