ސްޕެނިޝް ލީގުގެ ބާސެލޯނާއިން ވަރަށް ފަހުން ވަކިވި ބްރެޒިލުގެ ތަޖުރިބާކާރު ކުޅުންތެރިޔާ ޑެނީ އަލްވޭސް، މެކްސިކޯގެ ކުލަބެއް ކަމަށްވާ ޕޫމާސް އުނާމަށް ސޮއިކޮށްފިއެވެ.
އަލްވޭސް ޕޫމާސްއަށް ސޮއިކޮށްފައިވަނީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. އުމުރުން 39 އަހަރު ވެފައިވާ އަލްވޭސް ދެވަނަ ފަހަރަށް ބާސާއަށް ދިޔައީ އެ ކުލަބުގެ ހާލަތު ދަށްވުމާއި ގުޅިގެން އެ ޓީމަށް އެހީތެރިވެދިނުމުގެ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެކަމަކު އަލްވޭސް ވަނީ މިދިޔަ މަހު ބާސާގެ އެއްބަސްވުން އާނުކުރާނެކަން ހާމަކޮށްފައެވެ.
އަލްވޭސް ވަނީ ބާސާއަށް 408 މެޗު ކުޅެދީފައެވެ. ޕޫމާސްއަށް ސޮއިކުރުމަށްފަހު ވާހަކަ ދައްކަމުން އަލްވޭސް ބުނީ ފުޓުބޯޅައިގެ ސަބަބުން އޭނާގެ ހަޔާތް ބަދަލުވެފައިވާ ކަމަށެވެ. އަދި އޭނާ ބޭނުންވަނީ ކުރިއަށް އޮތް ތަނުގައި ފުޓްބޯޅައިގެ ސަބަބުން އެހެން މީހުންގެ ހަޔާތްވެސް ބަދަލުވާން ކަމަށާއި، ޕޫމާސްއަށް ބަދަލުވާން އެއްބަސްވީވެސް އެކަމުގެ ބޭނުމުގައި ކަމަށްވެސް ވަނީ ބުނެފައެވެ.
އަލްވޭސް ޕޫމާސްއަށް ސޮއިކުރިއިރު، އެ ޓީމަށް 2011 ވަނަ އަހަރަށްފަހު ތައްޓެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. އަދި މިދިޔަ ސީޒަން ނިންމާލީ މެކްސިކޯ ލީގުގެ 11 ވަނައިގައި އޮވެގެންނެވެ.