އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ސްކޮޓިޝް ލީގުގެ ރޭންޖާސްއާ ދެކޮޅަށް ކުޅުނު މެޗު އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓްނަމް ހޮޓްސްޕާއިން ކާމިޔާބުކޮށްފިއެވެ.
މި މެޗް ސްޕާސްއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ރޭންޖާސްއިން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް، ގިނަ ހަމަލާ އުފައްދާފައިވަނީ ސްޕާސްއިންނެވެ. މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 24 ވަނަ މިނެޓުގައި ރޭންޖާސްއަށް ކާމިޔާބުކޮށްދިނީ އެ ޓީމަށް އަލަށް ސޮއިކުރި އެންޓޯނިއޯ ކޮލަކެވެ.
އެކަމަކު މެޗުގެ 50 ވަނަ މިނެޓުގައި ސްޕާސްއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހެރީ ކޭންއެވެ. އަދި މި މެޗުން ސްޕާސް މޮޅުކޮށްދިން ލަނޑު އޭގެ ހަ މިނެޓު ފަހުން ޖަހައިދިނީވެސް މެޗުގައި މޮޅު ކުޅުމެއް ދެއްކި ކޭންއެވެ.
މި މެޗުގައި ސްޕާސްއަށް އަލަށް ސޮއިކުރި ޔިވެސް ބިސޮއުމާ އާއި، ރިޗާލިސަން އާއި، އިވާން ޕެރިސިޗާއި، ޖެޑް ސްޕެންސް އާއި، ކްލެމެންޓް ލެންގްލޭ އަދި ފްރޭސާ ފޮސްޓާ ވަނީ ބަދަލުކުޅުންތެރިންގެ ގޮތުގައި ކުޅެފައެވެ.