ކުޅިވަރު

ލީގު ކާމިޔާބުކޮށްދިނުމަށްފަހު ޖެސިކް މާޒިޔާ ދޫކޮށް ސައުދީއަށް


އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ހޯދައިދިނުމަށްފަހު، ސާބިއާ ކޯޗު މިއޮޑްރަގް ޖެސިކް އެ ޓީމު ދޫކޮށްލައިފިއެވެ.

މި އަހަރުގެ ފެބްރުއަރީ މަހުގެ ކުރީކޮޅު މާޒިޔާއިން ގެނައި އުމުރުން 63 އަހަރުގެ ޖެސިކް ވަނީ ބާކީ ދެ މެޗު އޮއްވައި އެ ޓީމަށް ޖެހިޖެހިގެން ތިންވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދައިދީފައެވެ.

މި ފަހަރުގެ ލީގުގައި ޖެސިކުގެ އިރުޝާދުގެ ދަށުން މާޒިޔާއިން ކުޅުނު 19 މެޗުގެ ތެރެއިން 18 މެޗުން އެ ޓީމު ވަނީ މޮޅުވެފައެވެ. އަދި އެ މެޗުތަކުގައި މާޒިޔާއިން 76 ލަނޑު ޖެހިއިރު، ބައިކޮޅަށް ވަދެފައިވަނީ އެންމެ ފަސް ލަނޑެވެ.

މާޒިޔާއިން ހާމަކޮށްފައިވާ ގޮތުން ޖެސިކް ވަނީ މެނޭޖުމަންޓާ މަޝްވަރާ ކުރުމަށްފަހު، އެ ޓީމު ދޫކޮށް ސައުދީ އަރަބިއްޔާގެ އެއްވަނަ ޑިވިޝަނުގެ ޓީމެއް ކަމަށްވާ އަލް ޝޯލާ އެފްސީއަށް ބަދަލުވެފައެވެ. އަދި ޖެސިކާއެކު އޭނާގެ ފިޓްނަސް ކޯޗު، ގޯރާން ގުޒިޖާންވެސް ޝޯލާއަށް ބަދަލުވެފައިވާ ކަމަށް މާޒިޔާއިން މައުލޫމާތުދެއެވެ.

ޖެސިކާއެކު މާޒިޔާއިން މި ފަހަރުގެ ލީގުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ނަމަވެސް، މި އަހަރުގެ އޭއެފްސީ ކަޕުގައި އެ ޓީމަށް މާ ބޮޑު ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ. އެކަމަކު މާޒިޔާއިން ވަނީ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި އިންޑިއާގެ އައި ލީގުގެ ޗެމްޕިއަން ގޯކުލަމް ކެރަލާ 1-0 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ.

މާޒިޔާ ދޫކޮށް ޖެސިކް ސައުދީގެ ކުލަބަކާ ގުޅުނުއިރު، އޭނާއަކީ މީގެ ކުރިން ޔޫރަޕާއި އޭޝިއާގެ މަތީ ފަންތީގައި މަސައްކަތް ކޮށްފައިވާ ކޯޗެެކެވެ. ޖެސިކަކީ ފުރަތަމަ ޑިވިޝަނުގައި މާޒިޔާއަށް ކޯޗުކޮށްދިން ބިދޭސީ ތިންވަނަ ކޯޗެވެ. އެގޮތުން މީގެ ކުރިން މާޒިޔާއަށް ފުރަަތަމަ ޑިވިޝަނުގައި ދެ ފަހަރެއްގެ މަތިން މެސެޑޯނިއާގެ ކޯޗު މަރުޖާން ސެކުލޮސްކީ އިރުޝާދުދިންއިރު، މިދިޔަ ސީޒަނުގެ މެދުތެރެއިން އެ ޓީމުގެ ކޯޗުކަމާ ހަވާލުވީ ސާބިއާގެ ރިސްޓޯ ވިޑަކޮވިޗެވެ.

ޖެސިކް މާޒިޔާ ދޫކޮށްލުމާއެކު ލީގުގައި ކުރިއަށް އޮތް ދެ މެޗާއި، މި ސީޒަނުގެ އެފްއޭ ކަޕުގައި މާޒިޔާއަށް އިރުޝާދު ދޭނެ ކަމަށް ބެލެވެނީ އެ ޓީމުގެ އެސިސްޓަންޓް ކޯޗު އަޙްމަދު ސުޒައިރު (ކޮއްކޮ) އެވެ. މީގެ ކުރިންވެސް އޭނާ ވަނީ ވަގުތީ ކޯޗެއްގެ ގޮތުގައި މާޒިޔާއަށް އިރުޝާދު ދީފައެވެ.