ކުޅިވަރު

ކުޑަ ހެންވޭރުން ކެޕިޓަލް ސިޓީ ކޮޅަށް 11 ލަނޑު


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ކުޑަ ހެންވޭރު ޔުނައިޓެޑުން ކެޕިޓަލް ސިޓީ ސްޕޯޓްސް ކުލަބު ކޮޅަށް 11 ލަނޑު ޖަހައިފިއެވެ.

ހޯމަ ދުވަހުގެރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ގްރޫޕް އެކެއްގެ މެޗު ކުޑަ ހެންވޭރުން ކާމިޔާބުކުރީ 11-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މި މެޗުގެ 27 ވަނަ މިނެޓުގައި ފޯވާޑް ލިތޯފް އަޙްމަދު ފިރާގު ވަނީ ބޮލުން ލަނޑެއް ޖަހައި، ކުޑަ ހެންވޭރަށް ލީޑު ނަގައިދީފައެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ކުޑަ ހެންވޭރަށް ލީޑު ފުޅާކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވާޑް ސާދު ހޮސަމެލްދިންއެވެ.

އޭގެ ފަހުން މި މެޗުގައި ކެޕިޓަލް ސިޓީއަށް މައްސަލަތަކެއް ކުރިމަތިވީ މެޗުގެ 36 ވަނަ މިނެޓުގައި އެ ޓީމުގެ މިޑްފީލްޑަރު އިސްމާޢީލް މުޙައްމަދަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. އެއާއެކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ކުޑަ ހެންވޭރުން ވަނީ ތިންވަނަ ލަނޑެއް ޖަހާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަކުމަލް މުޙައްމަދެވެ.

މި މެޗުގެ ދެވަނަ ހާފުގައި ކުޑަ ހެންވޭރުން މޮޅު ކުޅުމެއް ދެއްކިއިރު، މި ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައި ލިތޯފް ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖަހައިދީފައެވެ. އަދި އޭގެ ފަސް މިނެޓު ފަހުން ސާދު ކުޑަ ހެންވޭރުގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިންއިރު، މެޗުގެ 66 ވަނަ މިނެޓުގައި އެ ޓީމުގެ ހަވަނަ ލަނޑު ޖަހައިދިނީ ކޯނަރަކުން ޝާފިއު ރަޝީދެވެ.

މި މެޗުގެ 73 ވަނަ މިނެޓުގައި ކުޑަ ހެންވޭރުގެ ހަތްވަނަ ލަނޑު ކާމިޔާބުކޮށްދީފައިވަނީ އެ ޓީމުގެ ކެޕްޓަން އިސްލާމް ފެކްރީއެވެ. އޭގެ ފަހުން މެޗުގެ 83 ވަނަ މިނެޓުގައި ފުލްބެކް އަޙްމަދު ރައްޔާން ކުޑަ ހެންވޭރުގެ އަށްވަނަ ލަނޑު ޖަހައިދިންއިރު، އޭގެ ދެ މިނެޓު ފަހުން މިޑްފީލްޑަރު އަޖްމަލް އަޙްމަދު ވަނީ އެ ޓީމަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީފައެވެ.

މި މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ކުޑަ ހެންވޭރުގެ ލިތޯފް ވަނީ ލަނޑެއް ޖަހައި، މެޗުގައި ހެޓްރިކް ހަދާފައެވެ. އޭގެ ފަހުން މެޗުގެ އިތުރު ވަގުތުގައި ކުޑަ ހެންވޭރުގެ ފަހު ލަނޑު ޖަހައިދިނީ އަޖްމަލްއެވެ.

މި މޮޅާއެކު ގްރޫޕް އެކެއްގެ ދެވަނައިގައި ކުޑަ ހެންވޭރު އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ނުވަ ޕޮއިންޓާއެކުއެވެ. އަދި މެޗުން ބަލިވި ކެޕިޓަލް ސިޓީ އޮތީ ފުލުގައި ކުޅުނު ހަތަރު މެޗުންވެސް ބަލިވެ، ޕޮއިންޓެއް ނުލިބިއެވެ.

ޖުމްލަ 15 ޓީމާއެކު ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މި ފަހަރުގެ ދެވަނަ ޑިވިޝަން ރޭވިފައިވާ ގޮތުން ދެ ގްރޫޕުން އެންމެ ގަދަ ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ. އަދި ސެމީ ފައިނަލަށް ފަހު ފައިނަލަށް ހޮވޭ ދެ ޓީމު ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަނަށް ހޮވޭނެއެވެ.