އަންނަ ބުރާސްފަތި ދުވަހު އިނގިރޭސިވިލާތުގެ ބާމިންހަމުގައި ފަށާ ކޮމަންވެލްތު ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޒިންމާ ގައުމީ ބެޑްމިންޓަން ޓީމުގެ ކުޅުންތެރިޔާ ޒަޔާން ޒަކީ އާއި ތަޖުރިބާކާރު ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ޖުމާނާ ނިމާލާ ހަވާލުކޮށްފިއެވެ.
ބާމިންހަމްގައި ކޮމަންވެލްތު ގޭމްސްގެ އެތުލީޓްސް ވިލެޖުގައި ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ދިދަ އުފުލާ އެތުލީޓުންނާއި ދިދަ ހަވާލުކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް އާއި އޮލިމްޕިކް ކޮމެޓީގެ ރައީސް މުޙައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އެވެ.
މިއީ ޖުމާނާ ކޮމަންވެލްތު ގޭމްސްގައި ވާދަކުރާ ހަތަރުވަނަ ފަހަރެވެ. އަދި ޒަޔާން ކޮމަންވެލްތު ގޭމްސްގައި ވާދަކުރާ ތިންވަނަ ފަހަރެވެ. ތިރީހަކަށް ހާސް މީހުންގެ ކުރިމަތީގައި ބާމިންހަމްގެ އަލެކްސަންޑަ ސްޓޭޑިއަމްގައި ދިވެހި ދިދަ އުފުލުމުގެ ޝަރަފް ލިބުމުން ޖުމާނާ އާއި ޒަޔާން ވެސް ދެކެނީ މިއީ ޝަރަފެއްގެ ގޮތުގައެވެ.
ކޮމަންވެލްތު ގޭމްސްގައި މިފަހަރު ރާއްޖެއިން ފަސް ކުޅިވަރެއްގައި ވާދަކުރާއިރު، މި ފުރުސަތުގެ ބޭނުން ހިފުމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވަނީ އެތުލީޓުންގެ އަރިހުން އެދިފައެވެ.
ރާއްޖޭން ކޮމަންވެލްތު ގޭމްސްގައި ވާދަކުރާ މުބާރާތްތަކަކީ ޓީޓީ، އެތުލެޓިކްސް، ފެތުން، ބީޗްވޮލީބޯޅަ އަދި ބެޑްމިންޓަންއެވެ
ރާއްޖޭން ކޮމަންވެލްތު ގޭމްސްގައި މި ބައިވެރިވަނީ މެދުކެނޑުމަކަށް ފަހު އެވެ. އެންމެ ފަހުން ރާއްޖޭގެ ކުޅުންތެރިން ކޮމަންވެލްތު ގޭމްސްގައި ވާދަކުރީ 2014 ވަނަ އަހަރު ސްކޮޓްލެންޑްގެ ގްލާސްގޯގައި ބޭއްވި ކޮމަންވެލްތު ގޭމްސްގަ އެވެ.ކޮމަންވެލްތް ގޭމްސްގައި ރާއްޖޭން 1986 ވަނަ އަހަރުން ފެށިގެން ބައިވެރިވަމުން އައި ނަމަވެސް 2016 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކޮމަންވެލްތުން ވަކިވާން ނިންމުމާ އެކު، އެ ގޭމްސްގެ ފުރުސަތު ރާއްޖެ އަށް ގެއްލުނެވެ.