ޔޫކްރެއިންގެ ޝަޚްތަރު ޑޮނެސްކަށް ކުޅެމުން އަންނަ މަނޯ ސޮލޮމަނުގެ އެއްބަސްވުން ސަސްޕެންޑް ކުރުމާއެކު، އޭނާގެ ސޮއި ހޯދުމަށް އިނގިރޭސި ޕްރިމިއާ ލީގަށް އަލަށް ޕްރޮމޯޓުވި ފުލަމުން މަސައްކަތް ފަށައިފިއެވެ.
ފުލަމުން ހާމަކުރިގޮތުގައި އެ ކްލަބުން އޭނާ ސޮއކުރުމަށް އެއްބަސްވުމަކަށް އާދެވިފައިވަނީ މި އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.
އުމުރުން 23 އަހަރުގެ މިކުންތެރިޔާ ޝަޚްތަރަށް ކުޅެމުން ދިޔަ ނަމަވެސް، ފީފާއިން ވަނީ ރަޝިޔާއިން ޔޫކްރެއިންއަށް އަރާފައިވާތީ ޔޫކްރެއިންގެ ކްލަބްތަކަށް ކުޅޭ ބޭރުގެ ކުޅުންތެރިންގެ އެއްބަސްވުން ވަގުތީ ގޮތުން ސަސްޕެންޑް ކުރުމުގެ ފުރުސަތު ކުޅުންތެރިންނަށް ހުޅުވާލަދީފައެވެ. ފުލަމްއިން ނެރުނު ބަޔާނެއްގައި ވާގޮތުން ސޮލޮމަންގެ އެއްބަސްވުން ސަސްޕެންޑް ކުރުމާއެކު ފީފާއިން ނެރެފައިވާ އައު އުސޫލްގެ ދަށުން ހާމަކޮށްފައިވާގޮތުގައި މިހާލަތުގައި ވާ ކުޅުންތެރިންގެ އެއްބަސްވުން ރަޖިސްޓަރ އެންމެ އަވަހަށްވެސް ކުރެވޭނީ މިއަހަރުގެ އޯގަސްޓް މަހުގެ އެއްވަނަ ދުވަހުން ފަށައުގެން ކަމުން ސޮލޮމަންގެ ޓްރާންސްފަރ ސެޓްފިކެޓް ހެދިގެން ދާނީ އެދުވަހުން ފެށިގެން ކަމަށެވެ.
ސޮލޮމަން ޝަޚްތަރަށް ސޮއިކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. އަދި ފުލަމްއާއެކު ހަދާ އެއްބަސްވުން ނިމޭއިރު ޔޫކްރެއިންގެ ހާލަތު ރަނގަޅު ވެއްޖެނަމަ އޭނާ އަނބުރާ ޝަޚްތަރަށް ދާނެއެވެ. ސޮލޮމަން ހާމަކުރިގޮތުގައި ފުލަމްއަށް ސޮއިކުރުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާވާކަމަށެވެ. މިކްލަބްގައި ފާހަގަ ކޮށްލެވޭ ކުޅުންތެރިންތަކެއް އެބަތިބި ކަމަށާއި އެކްލަބް ހާސިލް ކުރަން ބޭނުންވާ ލަނޑު ދަނޑި އާ ހަމައަށް ވާސިލް ވުމުގައި އޭނާ ފުރިހަމައަށް ބައިވެރިވާނެކަމަށެވެ.
ޔޫކްރެއިންގެ ޓީމްތަކަށް ކުޅޭ ބޭރުގެ ކުޅުންތެރިންގެ އެއްބަސްވުން ސަސްޕެންޑް ކުރުމުގެ ފުރުސަތު ފީފާއިން ހުޅުވާލުމާއި ގުޅިގެން އެކަމުން ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް ޝަޚްތަރުން މިހާރުވަނީ ހުށަހަޅާފައެވެ.