ކުޅިވަރު

ފަހަތުން އަރައި އީގަލްސް ބަލިކޮށް ވެލެންސިއާ ކުރިއަށް


އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކުލަބު އީގަލްސް ބަލިކޮށް ތާވަލުގެ ކުރިއަށް ކުލަބު ވެލެންސިއާ ޖެހިލައިފިއެވެ.

އަންގާރަ ދުވަހުގެރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން ވެލެންސިއާ މޮޅުވީ ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ކުރީކޮޅު ވެލެންސިއާއިން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިއިރު، މެޗުގެ ނުވަވަނަ މިނެޓުގައި އެ ޓީމުގެ މިސްރުގެ މިޑްފީލްޑަރު ޚަލީލް ޖަމާލް ނަގައިދިން ހުރަހަކުން އޭރިއާ ތެރެއިން އަބްދުﷲ ޔާމީން (ޔާނު) ބޮލުން ފޮނުވާލި ބޯޅައެއް ވަނީ އަރިމަތީ ދަނޑިއަށް އަމާޒުވެފައެވެ.

އޭގެ ފަހުން މެޗުގެ 27 ވަނަ މިނެޓުގައި އީގަލްސްއިން ވަނީ ލީޑު ނަގާފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު ރިޒްވާން (ރިޒޭ) އެވެ. މިއީ އޭރިއާ ތެރެއިން އީގަލްސްގެ ބްރެޒިލުގެ މިޑްފީލްޑަރު ބްރޫނޯ ވިނީޝިއުސްއަށް ވެލެންސިއާގެ ގޯލްކީޕަރު އާދަމް އިމްއާން ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ.

މި މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު އީގަލްސް ލީޑުގައި އޮތް ނަމަވެސް، ދެވަނަ ހާފުގައި ވެލެންސިއާއިން ވަނީ ކުޅުން ރަނގަޅުކޮށް އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. އެގޮތުން މެޗުގެ 64 ވަނަ މިނެޓުގައި ޕެނަލްޓީއަކުން އިސްމާޢީލް އީސަ (މެސީ) ވަނީ ވެލެންސިއާއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މިއީ އޭރިއާ ތެރެއިން ވެލެންސިއާގެ ޚަލީލަށް އީގަލްސްގެ އަބްދުﷲ ސަމީހް މޫސާ (ސަމިއްޓެ) ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީއެކެވެ.

އޭގެ ފަހުން މެޗުގެ 74 ވަނަ މިނެޓުގައި އީގަލްސްއަށް ވަނީ އަލުން ލީޑު ނަގަން ރަނގަޅު ފުރުސަތެއް ލިބިފައެވެ. އެކަމަކު އޭރިއާ ތެރެއިން އެ ޓީމުގެ ރިޒޭ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

އެއާއެކު މެޗުގެ 80 ވަނަ މިނެޓުގައި ވެލެންސިއާއިން ވަނީ ލީޑު ނަގާފައެވެ. ބަދަލަކަށް ކުޅެން ނުކުތް ޔޫސުފް ރަމީޒް ދިން ބޯޅައެއްގައި، އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު އުމެއިރެވެ. އަދި އޭގެ ފަސް މިނެޓު ފަހުން ޔޫސުފް ރަމީޒް ދިން އިތުރު ބޯޅައެއްގައި މެސީ ވަނީ ލަނޑެއް ޖަހައި، ވެލެންސިއާއަށް ލީޑު ފުޅާކޮށްދީފައެވެ.

މި މޮޅާއެކު ތާވަލުގެ ތިންވަނައަށް ވެލެންސިއާ ޖެހިލިއިރު، އެ ޓީމަށް ކުޅުނު 20 މެޗުން ވަނީ 29 ޕޮއިންޓް ލިބިފައެވެ. އަދި ވެލެންސިއާ އަތުން ބަލިވި އީގަލްސް އޮތީ ތާވަލުގެ ދެވަނައިގައި 20 މެޗުން 46 ޕޮއިންޓާއެކުއެވެ. އެހެންކަމުން މި ދެ ޓީމުގެ މެދުގައި 17 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.