ކުޅިވަރު

ޓީސީ އާއި ސަސްގެ ކުރިމަތިލުން އެއްވަރު


އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކުލަބާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ބުދަ ދުވަހުގެ ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވިއެވެ.

މި މެޗުން ޓީސީ އެއްވަރުވިއިރު، ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުންވެސް އެ ޓީމު ވަނީ އެއްވަރުވެފައެވެ. އެގޮތުން ލީގުގައި މިދިޔަ ހުކުރު ދުވަހުގެރޭ ކުލަބު ވެލެންސިއާއާ ދެކޮޅަށް ޓީސީ ކުޅުނު މެޗުވެސް ނިމިފައިވަނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވިއެވެ.

ބުދަ ދުވަހުގެ ހަވީރު ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 13 ވަނަ މިނެޓުގައި ޓީސީގެ އަޙްމަދު ސާމިއުއަށް ވަނީ ލަނޑެއް ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އަދި އޭގެ ފަހުން ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ސަސްގެ އަޙްމަދު އައިހަމް ނަގައިދިން ހުރަހަކުން އެ ޓީމުގެ އަހުނަފް ރަޝީދު (އަހުއްކޮ) ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެއެވެ.

މި މެޗުގެ ދެވަނަ ހާފުގައި ދެ ޓީމަށްވެސް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައިރު، މި ހާފުގައި ބަދަލަކަށް ކުޅެން ނުކުތް މުޙައްމަދު މުސްލިހް (މުއްޓީ) މެޗުގެ 77 ވަނަ މިނެޓުގައި ހިލޭ ޖެހުމަކުން ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ. އަދި އޭގެ ދެ މިނެޓު ފަހުން ސަސްގެ ޔޫސުފް ޖުނައިދު ޒާހިރު ފޮނުވާލި ހަމަލާ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

މި މެޗުގެ އިތުރު ވަގުތުގައި ދެ ޓީމަށްވެސް ވަނީ ލަނޑެއް ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން އޭރިއާ ތެރެއިން ސަސްގެ އަލީ ނަސޫހް ރަޝީދު (ޕިލާ) ފޮނުވާލި ނުރައްކާތެރި ހަމަލާއެއް، ޓީސީގެ ސްރީ ލަންކާގެ ގޯލްކީޕަރު ސުޖަން ޕެރޭރާ ދިފާއުކުރިއިރު، ރިބައުންސް ބޯޅައިގައި ހުހަށްހުރެ ސަސްގެ ރިލްވާން ނައީމް ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެއެވެ.

އޭގެ ފަހުން ދެވަނަ ހާފުގައި ބަދަލަކަށް ކުޅެން ނުކުތް ޓީސީގެ ޒަޔާން ނަސީރު (ޒައްޔު) އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއެއް ސަސްގެ ގޯލްކީޕަރު މުޙައްމަދު ޝަފީއު (ޗެކް) ދިފާއުކުރިއިރު، ދެވަނަ ފަހަރަށް އޮމަރު ސަލާހު ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެއެވެ.

މި މެޗު ނިމިގެން ހިނގާދިޔަ ހަމަނުޖެހުމާ ގުޅިގެން މެޗުގެ ރެފުރީ ވަނީ ޓީސީގެ ހުސެއިން އަހުސަމް މޫސާ (ތިއްތޭ) އަށް ދެވަނަ ރީނދޫ ކާޑާއެކު، ރަތް ކާޑެއް ދައްކާފައެވެ. މި ހަމަނުޖެހުމުގެ ތެރެއިން ޓީސީގެ އޮފިޝަލުންވެސް ވަނީ ރެފުރީއާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

މި މެޗު އެއްވަރުވުމާއެކު ޓީސީ އޮތީ ތާވަލުގެ ހަތަރުވަނައިގައި ކުޅުނު 20 މެޗުން ލިބުނު 28 ޕޮއިންޓާއެކުއެވެ. އަދި ރެލިގޭޝަނުގައި ކުޅެން ޖެހިފައިވާ ސަސް އޮތީ ތާވަލުގެ ފުލުން ދެވަނައިގައި 20 މެޗުން 15 ޕޮއިންޓާއެކުއެވެ.