ރާއްޖޭގެ ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ "ރިސޯޓް ލީގު 2022" ގެ ސައުތު އަރި ޒޯނުގެ ޗެމްޕިއަންކަން މި ފަހަރުވެސް ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑުން ހޯދައިފިއެވެ.
ކޮންރެޑުން ޗެމްޕިއަންކަން ހޯދީ ބުދަ ދުވަހުގެ ހަވީރު ކުޅުނު ފައިނަލް މެޗުގައި ލިލީ ބީޗު ރިސޯޓް އެންޑް ސްޕާއާ ވާދަކޮށް 5-2 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.
މިއީ ރިސޯޓު ލީގު ސައުތު އަރި ޒޯނުގެ ޗެމްޕިއަންކަން ކޮންރެޑުން ހޯދި ފަސްވަނަ ފަހަރެވެ. އަނެއްކޮޅުން ލިލީ ބީޗު ވަނީ މީގެ ކުރިން 2017 ގެ ފައިނަލުގައިވެސް ވާދަކޮށްފައެވެ. އެ ފަހަރުވެސް ލިލީ ބީޗު ބަލިވީ ކޮންރެޑް އަތުންނެވެ.
ފައިނަލް މެޗުގައި ކޮންރެޑުގެ ފަސް ލަނޑުގެ ތެރެއިން ތިން ލަނޑު ކާމިޔާބުކޮށް, ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ހުސެއިން ޝިފާހެވެ. މީގެއިތުރުން އޭނާ ވަނީ މި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖަހައިގެން ރަން ބޫޓުވެސް ހާސިލުކޮށްފައެވެ. އެގޮތުން އޭނާ ވަނީ މުޅި މުބާރާތުގައި ޖުމްލަ ހަތް ލަނޑު ޖަހާފައެވެ. އަދި ސައުތު އަރި ޒޯނުގެ އެންމެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވުނީ ޝިފާހެވެ.
ކޮންރެޑް ޓީމަށް މި މެޗުގައި ދެން ލަނޑުތަށް ކާމިޔާބުކޮށްދިނީ އާދަމް އާޒިމާއި ހުސެއިން ޝައްފާހެވެ. އަދި ލިލީ ބީޗުގެ ދެ ލަނޑު ކާމިޔާބުކޮށްދިނީ ހަނީފް އަބްދުﷲ އާއި ސޮފްވާން މުޙައްމަދެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ކޮންރެޑުގެ އަޙްމަދު ސައީދު، ހުސެއިން ފާރިޝާއި، އަލީ އުމެއިރާއި، އަބްދުﷲ އަޒީމް އަދި ލިލީ ބީޗުގެ މުޙައްމަދު އައިހަމެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ ކޮންރެޑުގެ ކޯޗު ހުސެއިން ޝަފީގެވެ.
ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާނު، ކޮންރެޑުގެ ޖެނެރަލް މެނޭޖަރު ކާލާ އާއި ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް އީވާ އަދި ޑައިރެކްޓަރ އޮފް އެޗްއާރު މައިކުގެ އިތުރުން ޑައިރެކްޓަރ އޮފް ފައިނޭންސް ޕްރަދީބެވެ. މީގެއިތުރުން ލިލީ ބީޗުގެ ބައެއް އިސްވެރިންވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެފަވެ.
ހަތަރު ޓީމު ވާދަކުރި ސައުތު އަރި ޒޯނުގެ ޗެމްޕިއަންކަން ކޮންރެޑުން ހޯދުމާއެކު، އެ ޓީމު ވެފައިވަނީ ރިސޯޓު ލީގުގެ ތާރީޚުގައި އެންމެ ކާމިޔާބު އެއް ޓީމަށެވެ. އެގޮތުން ކޮންރެޑުން ވަނީ މި އަހަރުގެ އިތުރުން 2015، 2016، 2017 އަދި 2019 ވަނަ އަހަރު ޗެމްޕިއަންކަން ހޯދާފައެވެ.