ކުޅިވަރު

ގްރީން ސްޓްރީޓްސް އަތުން ދަ ގްރާންޑޭއަށް ޕޮއިންޓެއް


އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކުލަބު ގްރީން ސްޓްރީޓްސްއާ އެއްވަރުކޮށް، ތާވަލުގެ ފުލުގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުން ޕޮއިންޓެއް ހޯދައިފިއެވެ.

ބުދަ ދުވަހުގެރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

މިއީ މި ފަހަރުގެ ލީގުގައި ކުޅުނު 20 މެޗުގެ ތެރެއިން ދަ ގްރާންޑޭއަށް ލިބުނު ދެވަނަ ޕޮއިންޓެވެ. ލީގުގައި ދެ މެޗަކުން ދަ ގްރާންޑޭ އެއްވަރުވިއިރު، އަނެއް 18 މެޗުން އެ ޓީމު ވަނީ ބަލިވެފައެވެ.

ލީގުގައި މީގެ ކުރިންވެސް ދަ ގްރާންޑޭއަށް ޕޮއިންޓެއް ލިބިފައިވަނީ ގްރީން އަތުންނެވެ. އެއީލީގުގެ ފުރަތަމަ މެޗުގައި މި އަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު މި ދެ ޓީމު ބައްދަލުކުރި މެޗެވެ. އެ މެޗުވެސް ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

ބުދަ ދުވަހުގެރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން އެޓޭކިން ގޭމެއް ފެނިގެންދިޔައިރު، މެޗުގެ ފަށައިގެން ތިންވަނަ މިނެޓުގައި އޭރިއާ ބޭރުން ގްރީންގެ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ދަ ގްރާންޑޭގެ ލުބުނާނުގެ ގޯލްކީޕަރު މުޙައްމަދު ތޯހާ ވަނީ ހުއްޓުވާފައެވެ.

އޭގެ ފަހުން މެޗުގެ 17 ވަނަ މިނެޓުގައި ދަ ގްރާންޑޭއިން ވަނީ ލީޑު ނަގާފައެވެ. މުސްރިފް މޫސާ ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އާޖެންޓީނާގެ ފޯވާޑް ހޫގޯ ނިކޮލަސްއެވެ. އެކަމަކު އޭގެ އަށް މިނެޓު ފަހުން ހަސަން ނަޒީމް (ޗޯޓު) ދިން ބޯޅައެއްގައި، އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ރިލޭ ވަނީ ލަނޑެއް ޖަހައި، ގްރީނަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި މެޗުގެ 31 ވަނަ މިނެޓުގައި ގްރީންގެ ކުރިއަށް ކުޅެމުން އައި ފަރުހާދު އިސްމާޢީލް (ފަރޭ) އަށް ވަނީ ލީޑު ނަގަން ރަނގަޅު ފުރުސަތެއް ލިބިފައެވެ. އެކަމަކު ހުހަށްހުރެ އޭނާ ފޮނުވާލި ހަމަލާ ދަ ގްރާންޑޭގެ ގޯލްކީޕަރު ތޯހާ ވަނީ ދިފާއުކޮށްފައެވެ. އަދި އޭގެ ފަހުން ދަ ގްރާންޑޭގެ ހޫގޯ އާއި އެ ޓީމުގެ ސްރީ ލަންކާގެ ވިންގް މުޙައްމަދު އާކިބް ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ގްރީންގެ ޕާކިސްތާނުގެ ގޯލްކީޕަރު ހަނީފް ސާގިބެވެ.

މި މެޗުގެ ދެވަނަ ހާފުގައި ދެ ޓީމަށްވެސް މާގިނަ ފުރުސަތުތަކެއް ތަނަވަސްކުރެވިފައި ނުވާއިރު، މި ހާފު ފަށައިގެން ހަތްވަނަ މިނެޓުގައި އޭރިއާ ތެރެއިން ގްރީންގެ ޗޯޓު ފޮނުވާލި ހަމަލާއެއް ގޯލްކީޕަރު ތޯހާ ވަނީ ދިފާއުކޮށްފައެވެ. އަދި މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް އޭރިއާ ތެރެއިން ގްރީން ފުލްބެކް ހަސަން ފަވާޒް (ފައްވަ) ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެއެވެ.

މި މެޗު އެއްވަރުވުމާއެކު ތާވަލުގެ ތިންވަނައަށް އަރަން ލިބުނު ފުރުސަތު ގްރީނަށް ވަނީ ގެއްލިފައެވެ. އެގޮތުން އެ ޓީމު މިހާރު އޮތީ ތާވަލުގެ ފަސްވަނައިގައި 20 މެޗުން 27 ޕޮއިންޓާއެކުއެވެ.