ކުޅިވަރު

ޔޫވީ ބަލިކޮށް ވެލެންސިއާއަށް ތާވަލުގެ ތިންވަނަ


އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބަލިކޮށް ތާވަލުގެ ތިންވަނައިގައި ކުލަބު ވެލެންސިއާ މި ސީޒަނުގެ ލީގު ނިންމާލައިފިއެވެ.

ހޯމަ ދުވަހުގެ ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން ވެލެންސިއާ މޮޅުވީ ފަސޭހަކަމާއެކު 4-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވާއިރު، ވެލެންސިއާއިން ލީޑު ނަގާފައިވަނީ ދެވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިސްމާޢީލް ޒާން އާމިރެވެ. އަދި އޭގެ 11 މިނެޓު ފަހުން އަބްދުﷲ ޔާމީން (ޔާނު) ވަނީ ލަނޑެއް ޖަހައި، ވެލެންސިއާގެ ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގައި ވެލެންސިއާއިން ކާމިޔާބުކުރި ތިންވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން މެޗުގެ 75 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން ހުސެއިން ސުފިޔާން (ސޫފީ) އެވެ. މިއީ އޭރިއާ ތެރެއިން ޔޫވީގެ ޑިފެންޑަރު އާދިލް އަބްދުލް ރަހްމާން ބޯޅައިގައި އަތް ލުމުން ދިން ޕެނަލްޓީއެވެ. އަދި އެކަމާ ގުޅިގެން ރެފުރީ ވަނީ އާދިލަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާފައެވެ.

ވެލެންސިއާއިން ތިން ލަނޑުގެ ލީޑެއް ނެގިތާ ތިން މިނެޓު ފަހުން ޔޫވީން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބެލާރޫސްގެ ފޯވަޑް އީވާން ވެރާސްއެވެ. ނަމަވެސް މެޗުގެ 83 ވަނަ މިނެޓުގައި އިސްމާޢީލް އީސާ (މެސީ) ވަނީ ވެލެންސިއާގެ ހަތަރުވަނަ ލަނޑު ޖަހައިދީފައެވެ.

މި މޮޅާއެކު ވެލެންސިއާއިން ލީގު ނިންމާލީ 32 ޕޮއިންޓާ އެކު ތާވަލުގެ ތިންވަނައިގައި އޮވެގެންނެވެ. މި ފަހަރުގެ ލީގުގައި ކުޅުނު 21 މެޗުގެ ތެރެއިން 10 މެޗުން ވެލެންސިއާ ވަނީ މޮޅުވެފައެވެ. އަދި ޔޫވީން ލީގު ނިންމާލީ 26 ޕޮއިންޓާ އެކު ތާވަލުގެ ހަވަނައިގައި އޮވެގެންނެވެ.