ކުޅިވަރު

އިންގްލަންޑް ޓީމުން އާންމުންނާއެކު އުފާފާޅުކޮށްފި


ޔުއެފާ ވިމެންސް ޔޫރޯ 2022 ގެ ޗެމްޕިއަންކަން އިންގްލަންޑުން ހޯދުމުން، އެ ގައުމުގައި އެކަން ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

މިގޮތުން އިންގްލަންޑް ޓީމްވަނީ އާންމުކޮށް ޔޫރޯގެ ތަށި އާންމުންނަށް ދައްކާލުން ލަންޑަންގައި ބާއްވާފައެވެ.

ޓްރަފަލްގާ ސްކުއެއަރ ގައި ބޭއްވި ރަސްމިއްޔާތުގައި އެތައްހާސް އާންމުންނެއް ބައިވެރިވެފައިވެއެވެ. އިންލަންޑްގެ ކެޕްޓަން ލިއާ ވިލިއަމްސަން ހާމަކުރިގޮތުގައި އިންގްލަންޑްގެ ޓީމުން ވަނީ އިންގްލަންޑްގައި އަންހެން ފުޓްބޯޅަ އާއި މެދު އިންގްލަންޑުން ދެކޭގޮތް ބަދަލުކޮށްލާފައެވެ. އޭނާ ހާމަކުރިގޮތުގައި އިންގްލަންޑުން ވަނީ ވަރަށް ކާމިޔާބު މުބާރާތެއް ބާއްވާފައިކަމަށެވެ. އަދި އިންގްލަންޑުން އަންހެން ފުޓްބޯޅައަށް ދެކޭގޮތް މިމުބާރާތުގެ ސަބަބުން ބަދަލުކުރެވިއްޖެކަމަށް އުންމީދު ކުރާ ކަމަށާއި އަދި އެކަމުގެ ސަބަބުން މުޅި ޔޫރަޕާއި ދުނިޔެއިން އަންހެން ފުޓްބޯޅައަށް ސަމާލުކަންވެސް އިތުރު ވެގެންދާނެކަމަށް ގަބޫލް ކުރާކަމަށެވެ.

އިންގްލަންޑްގެ ފުޓްބޯލް އެސޯސިއޭޝަނުގެ ޗެއަރ ޑެބީ ހުވިޓް ހާމަކުރިގޮތުގައި އިންގްލަންޑްގެ އެކި ކަންކޮޅުތަކުގައި އަންހެން ކުދިންނަށް ފުޓްބޯޅަ ކުޅެވޭނެގޮތް ހަދަން ޖެހޭ ކަމަށެވެ. އަދި ހުރިހާ ސްކޫލެްގައިވެސް ފިރިހެން ކުދިންނެކޭ އެއްގޮތަށް އަންހެން ކުދިންނަށްވެސް ފުޓްބޯޅަ ކުޅެވޭނެގޮތް ހެދި ކްލަބް ތަކާއި އެކުދިން ގުޅުވައިދެވުމުންނުނީ މިކަމަށް އަމަލީ ސިފައެއް ނާންނާނެކަމަށް އޭނާ ހާމަކުރިއެވެ. އަދި ޕްރިމިއަރ ލީގުންވެސް ޔޫރޯ 2022ގެ ކާމިޔާބީއާއެކު އަންހެނުންގެ ފުޓްބޯޅައަށް އިންވެސްޓް ކުރެވިދާނެކަމަށް ގަބޫލް ކުރާކަމަށް ޑެބީ ހާމަކުރިއެވެ.
އިންގްލަންޑްއިން ފުރަތަމަ ފަހަރަށް ވިމެންސް ޔޫރޯ މުބާރާތް ކާމިޔާބުކުރީ ޖަރުމަނުވިލާތާއި ފައިނަލްގައި ވާދަކޮށް 2 ލަނޑު އެއްލަނޑުން މެޗް ކާމިޔާބުކޮށްގެންނެވެ.