ސްޕެއިނުގެ ތަޖުރިބާކާރު ކުޅުންތެރިޔާ ސެސްކް ފެބްރިގާސް އިޓާލިއަން ލީގުގެ ބީގެ ޓީމެއް ކަމަށްވާ ކޯމޯއަށް ސޮއިކޮށްފިއެވެ.
މައުލޫމާތުލިބިފައިވާގޮތުގައި ފެބްރިގާސް ކޯމޯއަށް ސޮއިކޮށްފައިވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެދަށުންނެވެ.
އުމުރުން 35 އަހަރުގެ ފެބްރިގާސް އެންމެ ފަހުން ކުޅެފައިވަނީ ފްރެންޗް ލީގް އާންގެ މޮނާކޯ އަށެވެ. އަދި އެކްލަބާއި އެކު ހަދާފައިވާ އެއްބަސްވުން ވަނީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވެފައެވެ. އެހެން ކަމުން އޭނާ ކޯމޯއަށް ސޮއިކޮށްފައިވަނީ ފްރީ ޓްރާންސްފަރއެއްގެ ދަށުންނެވެ. ފެބްރިގާސް މޮނާކޯއަށް ސޮއިކޮށްފައިވަނީ 2019 ވަނަ އަހަރު އިންގްލިޝް ޕްރިމިއަރ ލީގުގެ ޗެލްސީއިންނެވެ. ފެބްރިގާސް ހާމަކުރިގޮތުގައި އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ފާހަގަ ކޮށްލެވޭ ކްލަބްތަކަކަށް ކުޅުމުގެ ފުރުސަތު ލިބުނުކަމީ އޭނާގެ ނަސީބު ކަމަށެވެ. އަދި ކޯމޯއަކީވެސް އޭގެތެރެއިން އެއް ކްލަބް ކަމަށް އޭނާ ހާމަކުރިއެވެ. އަދި ކޯމޯއާއެކު އެކްލަބްގެ ސަޕޯޓަރުން ކުރިމަތީ ކުޅުމަށް ކެތް މަދުވެފައިވާކަމަށް އޭނާ ހާމަކުރިއެވެ. ފެބްރިގާސް ކޯމޯއަށް ސޮއިކުރުމާއެކު ކޯމޯގެ ޗީފް އެގްޒެކެޓިވް އިންގްލަންޑާއި ޗެލްސީގެ ކުރީގެ ކުޅުންތެރިޔާ ޑެނިސް ވައިސްވަނީ އޭނާ އަށް މަރްހަބާ ކިޔާފައެވެ. ވައިސް ހާމަކުރިގޮތުގައި ފެބްރިގާސްއަކީ އެކްލަބުން ސެރީއާއަށް ވާސިލްވުމަށް އެކުލަވާލައިފާވާ ތިން އަހަރު ދުވަހުގެ ޕްލޭންގަޕއި ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށެވެ.
ފެބްރިގާސްވަނީ މޮނާކޯގައި ހޭދަކުރި ތިން އަހަރާއި ބައިގެ ތެރޭގައި 68 މެޗް ކުޅެދީފައެވެ. ނަމަވެސް އޭނާއަށް ފަހަކަށް އައިސް ދިމާވަމުންދާ އަނިޔާގެ ގިނަ މައްސަލަ ތަކާހުރެ އެންމެ ބޭނުންވާވަރަށް މޮނާކޯއަށް ކުޅެފިފައެއް ނުވެއެވެ. މޮނާކޯގެ އިތުރުން ޕްރިމިއަރ ލީގުގައި އާސެނަލްއަށް 212 މެޗް އޭނާ ކުޅެދީފައިވާއިރު ޗެލްސީއަށް ވަނީ 200 މެޗް ކުޅެދީފައެވެ. އަދި މިދޭތެރޭގައި ބާސެލޯނާގައި ފެބްރިގާސް ތިން އަހަރު ހޭދަކޮށްފައިވެއެވެ. އަދި ފެބްރިގާސްވަނީ 2010 ވަނަ އަހަރު ސްޕެއިން އާއެކު ވާރލްޑް ކަޕްވެސް ކާމިޔާބުކޮށްފައެވެ.