ކުޅިވަރު

ރުވާންޑާ އަތުން ހަނި ގޮތަކަށް ރާއްޖެ ބަލިވެއްޖެ


އިނގިރޭސިވިލާތުގެ ބާމިންހަމުގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގެ ބީޗް ވޮލީބޯޅަ އިވެންޓުގައި ރާއްޖޭގެ އިސްމާއީލް ސާޖިދު (ކުޑަކާއްޓޭ) އާއި އާދަމް ނަސީމް (އެޑަމާ) ގެ ޕެއާ، ތިން ސެޓު ކުޅެގެން ރުވާންޑާގެ ވެނޫސްޓޭ ގަޓްސިންޒީ އާއި އޮލިވާ އެންޓަގެންޑްވާގެ ޕެއާ އަތުން ބަލިވެއްޖެއެވެ.

މި ފަހަރުގެ ގޭމްސްގައި ރުވާންޑާގެ ޕެއާ އާއި ދެކޮޅަށް ރާއްޖޭގެ ކުޑަކާއްޓޭ އާއި އެޑަމާގެ ޕެއާއިން ވަނީ ރަނގަޅު ފައިޓެއް ދީފައެވެ. މި މެޗުގެ ފުރަތަމަ ސެޓު ރުވާންޑާގެ ޕެއާއިން ވަނީ 21-16 އިން ގެންގޮސްފައެވެ. އެކަމަކު ޖެހިގެން އައި ސެޓުގައި ކުޑަކާއްޓޭ އާއި އެޑަމާގެ ޕެއާގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓު ރާއްޖޭގެ ޕެއާއިން ކާމިޔާބުކުރީ 21-14 އިންނެވެ.

އެހެންކަމުން މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ތިންވަނަ ސެޓު ރުވާންޑާގެ ގަޓްސިންޒީ އާއި އެންޓަގެންގްވާގެ ޕެއާއިން ގެންދިޔައީ 16-14 އިންނެވެ. އެކަމަކު މި ސެޓުގައިވެސް ރާއްޖޭގެ ޕެއާއިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

ރުވާންޑާ އަތުން ރާއްޖެ ބަލިވިއިރު، މި ފަހަރުގެ ގޭމްސްގައި ރާއްޖޭގެ ބީޗް ވޮލީބޯޅަ ޕެއާއިން ކުޅުނު ފުރަތަމަ މެޗުން އޮސްޓްރޭލިއާ އަތުން ބަލިވެފައވަނީ ސީދާ ދެ ސެޓުންނެވެ. އެކަމަކު އެންމެ ފަހުގެ ޗެމްޕިއަން އޮސްޓްރޭލިއާއާ ދެކޮޅަށްވެސް ރާއްޖޭގެ ޕެއާއިން ދެއްކި ކުޅުމަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ.

ބީޗްވޮލީގެ ޕްރިލިމިނަރީ ގްރޫޕް ބީގެ އެއްވަނައިގައި އޮތް އޮސްޓްރޭލިއާ އާއި ދެވަނައިގައި އޮތް ރުވާންޑާ ވަނީ ކުޅުނު ދެ މެޗުންވެސް މޮޅުވެ، ހަތަރު ޕޮއިންޓް ހޯދާފައެވެ. ތިންވަނައިގައި އޮތް ރާއްޖެ އާއި ހަތަރުވަނައިގައި އޮތް ދެކުނު އެފްރިކާއަށް ދެ ޕޮއިންޓް ލިބިފައިވާއިރު، ބުދަ ދުވަހު މި ދެ ޓީމު ކުޅޭ މެޗުން މޮޅުވާ ޓީމަކަށް، އަނެއް ބުރަށް ދިއުމުގެ ފުރުސަތެއް އޮންނާނެއެވެ. އެއީ އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިންވަނަ ޓީމުތަކުގެ ތެރެއިން ކުރި ލިބިގެންނެވެ.