ކުޅިވަރު

ޓެންޓާއި ކުޑަ ހެންވޭރު ސެމީގެ އުއްމީދުގައި


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ބުދަ ދުވަހު ކުޅުނު މެޗުތަކުން މޮޅުވެ, ޓެންޓް ސްޕޯޓްސް ކުލަބާއި ކުޑަ ހެންވޭރު ޔުނައިޓެޑުން ސެމީ ފައިނަލުގެ އުއްމީދު ދަމަހައްޓައިފިއެވެ.

ބުދަ ދުވަހުގެރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ގްރޫޕް އެކެއްގެ މެޗުން ޓެންޓް މޮޅުވީ ބިސް ބުރު ސްޕޯޓްސް ކުލަބު އަތުން 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މި މެޗުގެ 12 ވަނަ މިނެޓުގައި ސްރީ ލަންކާގެ ރުކްސާން މުޙައްމަދު މުޖޫބުލް ރަހްމާން ވަނީ ޓެންޓަށް ލީޑު ނަގައިދީފައެވެ. އަދި ދެވަނަ ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައި ޓެންޓުގެ ލީޑު ފުޅާކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ސަފްރާޒް އިބްރާހީމެވެ.

މި މެޗުގެ 55 ވަނަ މިނެޓުގައި މުޙައްމަދު އިޔާން ހަސަން ޓެންޓުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިންއިރު، އޭގެ ފަހުން ގާތްގާތުގައި އިތުރު ތިން ލަނޑު ޖަހައި ޓެންޓުގެ ސަފްރާޒް ވަނީ މެޗުގައި ޖުމްލަ ހަތަރު ލަނޑު ހަމަކޮށްފައެވެ.

މި މެޗުން ޓެންޓް މޮޅުވިއިރު، ބުދަ ދުވަހުގެ ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން ކުޑަ ހެންވޭރު ވަނީ ޖޭޖޭ ސްޕޯޓްސް ކުލަބު އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ކުޑަ ހެންވޭރު ޓީމުގެ އިބްރާހީމް ރިޒުހާން ވަނީ އެ ޓީމަށް ދެ ލަނޑުގެ ލީޑެއް ނަގައިދީފައެވެ. އަދި ދެވަނަ ހާފުގެ ކުޅުން ފަށައިގެން 12 ވަނަ މިނެޓުގައި ޖޭޖޭގެ އިސްމާޢީލް އާއިޒް ހަމީދު އަތުން ބައިކޮޅަށް ވަން ލަނޑާއެކު ކުޑަ ހެންވޭރު ޓީމުން ތިން ލަނޑުގެ ލީޑެއް ނެގިއެވެ. ނަމަވެސް މެޗުގެ 63 ވަނަ މިނެޓުގައި އަޙްމަދު ހުނެއިފް ވަނީ ޖޭޖޭގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދީފައެވެ.

މި ނަތީޖާތަކާއެކު ގްރޫޕް އެކެއްގެ ދެވަނައިގައި އޮތީ ކުޅުނު ހަ މެޗުން 12 ޕޮއިންޓް ހޯދާފައިވާ ކުޑަ ހެންވޭރެވެ. އަދި ޓެންޓް ވަނީ ފަސް މެޗުން ނުވަ ޕޮއިންޓާއެކު ތިންވަނައަށް ޖެހިލާފައެވެ. މި ގުރޫޕްގެ އެއްވަނައިގައި އޮތް ބުރު ސްޕޯޓްސް ކުލަބުން ވަނީ ހަ މެޗުން 18 ޕޮއިންޓާއެކު، ބާކީ އެއް މެޗު އޮއްވައި ގުރޫޕްގެ އެއްވަނަ މަގާމާއެކު ސެމީގެ ޖާގައެއް ކަށަވަރުކޮށްފައެވެ.

ޖުމްލަ 15 ޓީމާއެކު ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މި ފަހަރުގެ ދެވަނަ ޑިވިޝަން ކުރިއަށްދަނީ ދެ ގްރޫޕުން އެންމެ ގަދަ ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ. އަދި ސެމީ ފައިނަލަށް ފަހު ފައިނަލަށް ހޮވޭ ދެ ޓީމު ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަނަށް ހޮވޭނެއެވެ