ކުޅިވަރު

ރިސޯޓް ލީގު: ގިނަ ޓީމުތަކުން ކުއާޓާގެ ޖާގަތައް ކަށަވަރުކޮށްފި


ރާއްޖޭގެ ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ "ރިސޯޓް ލީގު 2022" ގެ ސައުތު މާލެ ޒޯނުގެ ކުއާޓާ ފައިނަލުގައި ބައްދަލުކުރާނެ ގިނަ ޓީމުތަކެއް ކަށަވަރުވެއްޖެއެވެ.

ޖުމްލަ ތިން ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ ސައުތު މާލޭ ޒޯނުގެ ކުއާޓާއަށް ދަތުރުކުރާނީ ކޮންމެ ގްރޫޕަކުންވެސް އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ޓީމެކެވެ. މިހާތަނަށް ގްރޫޕް ސީގެ ދެވަނައަށް ދާނެ ޓީމެއް ޔަގީންވުން ފިޔަވައި، އަނެއް ދެ ގްރޫޕުން ކުއާޓާއަށް ދިޔަ ޓީމުތައް ވަނީ ކަށަވަރުވެފައެވެ.

މުބާރާތުގައި އާދީއްތަ ދުވަހު ކުޅުނު މެޗުތަކާއެކު ގްރޫޕް އޭއިން އެއްވަނަ ޓީމުގެ ގޮތުގައި ދަ މެރީނާ ކުއާޓާއިން ޖާގަ ހޯދީ ހަތަރު ޓީމު ހިމެނޭ ގްރޫޕުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް، ނުވަ ޕޮއިންޓާއެކުއެވެ.

މި ގްރޫޕުން ދެވަނަ ޓީމުގެ ގޮތުގައި ކުއާޓާއިން ޖާގަ ހޯދީ ކަނޑޫމާއެވެ. އެއީ އާދީއްތަ ދުވަހު މާދޫ އަތުން 3-2 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މި ގްރޫޕުގައި ހިމެނޭ ބޮލިފުށި ކުއާޓާއިން ޖާގަ ހޯދީ ގްރޫޕުގެ ތިންވަނަ ޓީމުގެ ގޮތުގައެވެ. އަދި މާދޫ ވަނީ މުބާރާތުން ކަޓާފައެވެ.

މީގެއިތުރުން ގްރޫޕް ބީންވެސް ކުއާޓާއަށް ދަތުރުކުރި ޓީމުތަށް ވަނީ ކަށަވަރުވެފައެވެ. މި ގްރޫޕުގައި ހިމެނޭ ސާއީ ލެގޫން ވަނީ އެ ޓީމުގެ ގްރޫޕުގެ ފަހު މެޗުގައި އެނބޫދޫ ވިލެޖް 17-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށް، ކުއާޓާއިން ޖާގައެއް ކަށަވަރުކޮށްފައެވެ. މި ގްރޫޕުން ދެން ކުއާޓާއިން ޖާގަ ހޯދީ ވެލައްސަރާއި ފިހާޅޮއްސެވެ. މީގެތެރެއިން އެއްވަނަ, ދެވަނަ އަދި ތިންވަނަ ޓީމު ޔަގީން ވާނީ ހޯމަ ދުވަހު ކުޅޭ މެޗުތަކަށްފަހުއެވެ.


މި މުބާރާތުގެ ގްރޫޕް ސީން އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާއިން ޖާގަ ހޯދީ ހާޑް ރޮކެވެ. އެއީ ތިން ޓީމު ހިމެނޭ ގްރޫޕުގެ ހުރިހާ މެޗަކުން މޮޅުވެ، ހަ ޕޮއިންޓާއެކުއެވެ. ދެން މި ގްރޫޕުން ކުއާޓާއަށް ދާނެ ޓީމެއް ޔަގީންވާނީ އަނަންތަރާ އާއި ކޯމޯ ކޮކޯ ބައްދަލުކުރާ ނޮކައުޓް މެޗަށްފަހުއެވެ. މި މެޗުން މޮޅުވާ ޓީމަކަށް ކުއާޓާއިން ޖާގަ ލިބިގެންދާނެއެވެ.

ކްރޮސްރޯޑްސްގައި މި ފަހަރުގެ މުބާރާތް ކުރިއަށްދަނީ ޖުމްލަ 11 ޓީމާއެކުއެވެ. މި މުބާރާތް މި ޒޯނުގައި މި ފަހަރު މި ބާއްވަނީ ތިން އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ.

މި ޒޯނުގެ އެންމެފަހުގެ ޗެމްޕިއަނުންނަކީ ކަނޑޫމާއެވެ. އަދި އެންމެފަހުން މި ޒޯނުގައި މުބާރާތް ބާއްވާފައިވަނީ 2019 ވަނަ އަހަރުގައެވެ. ރިސޯޓު ލީގު ސައުތު މާލެ ޒޯނުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 15 ވަނަ ދުވަހެވެ.