ދުނިޔޭގެ ވިޔަފާރި

ޓާޓާ އިން ފޯޑުގެ ކާރުޚާނާއެއް ގަންނަން ނިންމައިފި


އިންޑިއާގެ އޮޓޯ ވެހިކަލް އުފައްދާ ކުންފުނި ޓާޓާ މޮޓޯސްއިން އިންޑިއާގައި ހުންނަ ފޯޑުގެ ކާރުޚާނާއެއް ގަންނަން ނިންމައިފިއެވެ. އިންޑިއާގެ ގުޖުރާތުގައި ހުންނަ ފޯޑުގެ މިކުންފުނި ޓާޓާއިން ގަންނަން އެއްބަސްވެފައިވަނީ 91.5 މިލިއަން އެމެރިކާ ޑޮލަރަށެވެ.

ޓާޓާއިން މިގޮތަށް އެއްބަސްވެފައި މިވަނީ ޑިމާންޑު އިތުރު ވާތީ ޓާޓާގެ އުފެއްދުންތެރިކަން އިތުރުކުރަން މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ. ޓާޓާގެ އިލެކްޓްރިކް ވެހިކަލް ސަބްސިޑަރީ އާއި އެމެރިކާގެ ފޯޑު ކާރު އުފައްދާ ކުންފުނީގެ އިންޑިއާ ޔުނިޓާ ދެމެދު ވެފައިވާ މި އެއްބަސްވުމުގެ ދަށުން ބިމާއި މެޝިނަރީ އަދި ހުރިހާ "ޝަރުތު ހަމަވާ މުވައްޒަފުން" ވެސް ޓާޓާއަށް ލިބޭނެއެވެ.

ވިހި އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރުމަށްފަހު ފޯޑުން މިދިޔަ އަހަރު އިންޑިއާގައި އުފެއްދުން ހުއްޓާލީ އިންޑިއާގެ ކާރުޚާނާތަކުން ކުންފުންޏަށް ފައިދާ ހޯދަން އުނދަގޫވުމުގެ ސަބަބުންނެވެ. ފޯޑުގެ ކާރުޚާނާ ގަތުމަކީ ހުރިހާ ސްޓޭކްހޯލްޑަރުންނަށްވެސް ފައިދާވާނެ ކަމެއްކަމަށް މިކަމާ ގުޅިގެން ޓާޓާއިން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.

މި އެއްބަސްވުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ޖަގަވާ ލޭންޑްރޯވަރުގެ ބެލެނިވެރި ކުންފުނި ޓާޓާ އިން އިތުރަށް ބުނީ އެމީހުންގެ ސަނަންދު ކާރުޚާނާގައި އަހަރަކު އުފައްދާ އުފެއްދުންތައް ފުރަތަމަ ފަހަރަށް 300،000 އަރާނެކަމަށެވެ. އަދި މި ކެޕޭސިޓީ 420000w އަށް އިތުރު ކުރެވިދާނެކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

މި އެއްބަސްވުމަކީ އިންޑިއާގެ ވިޔަފާރި އަލުން އެކުލަވާލުމަށް ފޯޑުން ކުރަމުންދާ މަސައްކަތަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށް ފޯޑްގެ ޓްރާންސްފޯމަޝަން އޮފިސަރު ސްޓީވް އާމްސްޓްރަންގް ވިދާޅުވި އެވެ.

ފޯޑުގެ އިންޑިއާ ކާރުޚާނާތައް ބަންދުކުރާނެކަން މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ފޯޑުން ވަނީ އިއުލާނުކޮށްފައެވެ. މިކަމަށް ގާތްގަޑަކަށް 2 ބިލިއަން އެމެރިކާ ޑޮލަރު ހޭދަވާނެކަމަށްވެސް ފޯޑުން އޭރު ވަނީ ބުނެފައެވެ. ފޯޑުން އޭރު ބުނިގޮތުގައި އެ ނިންމުމުގެ ސަބަބުން ގާތްގަޑަކަށް 4000 މުވައްޒަފުންނަށް އަސަރުކުރާނެއެވެ. އިންޑިއާގައި ފޯޑްގެ އޮޕަރޭޝަންތަކަށް ވޭތުވެ ދިޔަ 10 އަހަރު ދުވަހު ވަނީ 2 ބިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިފައެވެ.

އިންޑިއާ ވިޔަފާރިން ފޯޑަށް ގެއްލުން ބޮޑުވީ ކުންފުނީގެ އެންމެ ބޮޑު އެއް މާކެޓަކަށް އިންޑިއާ ހަދަން މަސައްކަތްކުރުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.