ޚަބަރު

ޔަހޫދީން ހުޅަނގު އައްސޭރިއަށް އަރައި ހަތަރު މުސްލިމުން ޝަހީދުކޮށްލައިފި


ޔަހޫދީ އިސްރާޢީލުގެ ސިފައިން ހުޅަނގު އައްސޭރީގެ ނާބުލުސްއަށް އަރައި ހިންގި އުދުވާންތަކެއްގައި ފަލަސްތީނުގެ ހަތަރު މުސްލިމުން ޝަހީދު ކޮށްލައިފިއެވެ. މި އުދުވާންތަކުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ތެރޭގައި ފަލަސްތީނުގައި ވެރިކަން ކުރާ ފަތަޙަ ޖަމާޢަތުގެ ހަތިޔާރު އެޅި ގުރޫޕު ކަމުގައިވާ އަލްއަޤްޞާ މާޓިޔަރސް ބްރިގޭޑްގެ އިސް ކޮމާންޑަރެއް ކަމުގައިވާ އިބްރާހީމް އަލްނަބުލްސީ ހިމެނެއެވެ.

ޔަހޫދީންގެ އުދުވާނުގައި ދެން މަރިލާފައި ވަނީ އެ ޖަމާޢަތަށް ނިސްބަތްވާ އިތުރު މީހަކާއި، ޒުވާން އުމުރުފުރައިގެ ދެ ކުއްޖެކެވެ. ޔަހޫދީންގެ އުދުވާންތައް ފެށީ ނާބުލުސްގައި އަލްނަބުލްސީ ދިރިއުޅޭ ގެ ވަށައިލުމަށް ފަހުއެވެ. އަދި، އަމާންދިނުމަށް އޭނާ ދެކޮޅު ހެދުމުން، ޔަހޫދީންގެ ސިފައިން ވަނީ އެ ސަރަޙައްދުގައި ހަރަކާތްތެރިވި އަލްއަޤްޞާ މާޓިޔަރސް ބްރިގޭޑްގެ މެންބަރުންނަށް ހަމަލާދީފައެވެ.

ޔަހޫދީން ފަލަސްތީނުގެ ޒުވާން އުމުރުފުރައިގެ ދެ ކުއްޖަކު ޝަހީދު ކޮށްލާފައި ވަނީ ހެބްރޯންގައި ދިން ހަމަލާތަކެއްގައެވެ. ޝަހީދު ކޮށްލާފައި ވަނީ އުމުރުން 16 އަހަރާއި 17 އަހަރުގެ ދެ ފިރިހެން ކުދިންނެވެ. އެ ކުދިންގެ ކުށަކީ، ޔަހޫދީ ސިފައިންނާ ދިމާއަށް ގައު އުކުން ކަމުގައި އިސްލާމިކް ޖިހާދު ޖަމާޢަތުން ބުންޏެވެ.

ޔަހޫދީން ނާބުލުސްއާއި ހެބްރޯނަށް އަރައި ހިންގި ލާއިންސާނީ ޖަރީމާތަކުގައި 40 އަށްވުރެ ގިނަ މީހުން ޒަޚަމްކޮށްލިއެވެ. މި ހަފުތާގެ ކުރީކޮޅު ޔަހޫދީން ޣައްޒާގައި ހިންގި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގައި މުސްލިމުންގެ 44 މީހުން ވަނީ ޝަހީދު ކޮށްލާފައެވެ.