ކުޅިވަރު

އެފް ވަންގައި 2023 ވަނަ އަހަރު ގިނަ ރޭސްތަކެއް


ފޯމިއުލަރ ވަން ކާރު ރޭސް މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ރޭސް ބާއްވާ އަހަރަކަށް އަންނަ އަހަރު ވެގެންދާނެކަމަށް އެފް ވަންއިން ހާމަކޮށްފިއެވެ.

މިގޮތުން 2023 ވަނަ އަހަރު 24 ރޭސް ބޭއްވުމަށް އެފް ވަންގެ ގަވަރނިންގ ބޮޑީއިން ވަނީ ފާސްކޮށްފައެވެ.

މިއަހަރުގެ ރޭސްތަކަށް މިއަންނަ އަހަރު ލަސް ވޭގާސްގައި ބާއްވާ ރޭސް މުޅިން އަލަށް ހިމެނިފައިވާއިރު ގަތަރާއި ޗައިނާގައި ކުރިން ބައްވަމުން ދިޔަ ރޭސް މިވަނީ އަންނަ އަހަރު އަލުން ހިމަނަށް ނިންމާފައެވެ. ނަމަވެސް އަންނަ އަހަރު ފްރެންޗް ގްރޯން ޕްރީ ނޯންނާނެ ކަމަށްވެސް އެފް ވަންއިން ހާމަކުރެއެވެ.

އެފް ވަންއިން އާންމު ކުރި އަންނަ އަހަރުގެ ކަލަންޑަރުގައިވާ ގޮތުން ސީޒަން ފެށުމަށް ހަމަޖެހިފައިވަނީ މާރޗް މަހުގެ 5 ވަނަ ދުވަހު ބަހްރޭނުންނެވެ. އަދި ސީޒަން ނިންމުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު އަބޫ ދާބީއިންނެވެ.

އަންނަ އަހަރު އަލަށް ތައާރަފްކުރާ ލަސް ވޭގަސް ރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. އަދި ކޮރޯނާ ވައިރަހުގެ ސަބަބުން ވޭތުވެދިޔަ ތިން އަހަރު ނުބޭއްވި ދިޔަ ޗައިނާ ގްރޯން ޕްރީ އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ އެޕްރީލް މަހުގެ 16 ވަނަ ދުވަހުއެވެ. ނަމަވެސް ޗައިނާގައި އަދިވެސް ދޭތެރެ ދޭތެރެއިން ލޮކްޑައުން އަންނަމުންދާތީ އަންނަ އަހަރުގެ ރޭސް ވެސް ބޭއްވޭނެ ކަމާމެދު ކޮންމެވެސް ވަރަކަށް ސުވާލު އުފެދިފައިވެއެވެ.

އެފް ވަންއިން ރޭހުގެ ކުރިން ކޮރޯނާ ވައިރަހުގެ ޕޮސިޓިވް ކޭސްތަކެއް އުޅޭކަމަށްވާނަމަ ކަންކުރާނެ ގޮތުގެ ތަފްސީލް ޗައިނާ ސަރުކާރުން ދިނުމަށް އެދިފައެވެ. އެންމެ ގިނަ ރޭސް އަންނަ އަހަރު ބޭއްވޭ ކަމަށްވީ ނަމަވެސް އެފްރިކާ ބައްރުގައި އެއްވެސް ރޭހެއް ބޭއްވޭގޮތަށް އަދިވެސް ހަމަޖެހިފައެއް ނުވެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެފް ވަންގެ ރައީސް ސްޓެފާނޯ ޑޮމެނިކާލީ ވަނީ ދެކުނު އެފްރިކާއަށް ޖޫންމަހުގެ ތެރޭގައި ދަތުރުކޮށް ކިޔަލާމީ ސަރކިޓްގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާތައް ބާއްވާފައެވެ. ނަމަވެސް ދެފަރާތުގެ މެދުގައި އެއްބަސްވުމަކަށް އާދެވޭގޮތެއް ނުވިއެެވެ.