ލެވާ ކަޕް ޓެނިސް މުބާރާތުގައި އެމެރިކާގެ ފްރަންސިސް ޓިއަފޯ ބަލިކޮށް ސާބިއާގެ ނޯވަކް ޖޯކޮވިޗުގެ ޓީމުން ޔޫރަޕަށް ލީޑު ނަގައިދީފިއެވެ.
މި މެޗު ޖޯކޮވިޗް ކާމިޔާބުކޮށްފައިވަނީ ފަސޭހަ ކަމާއެކު ސީދާ ދެ ސެޓުންނެވެ. މެޗްގެ ފުރަތަމަ ސެޓު ޖޯކޮވިޗް ގެންގޮސްފައިވަނީ ހައެއް އެކަކުންނެވެ. އަދި ދެވަނަ ސެޓް ގެންދިޔައީ ހައެއް ތިނަކުންނެވެ.
މިއީ ވިމްބަލްޑަން ޓެނިސް މުބާރާތް ކާމިޔާބުކުރި ފަހުން ޖޯކޮވިޗް ކުޅުނު ވާދަވެރި ފުރަތަމަ މެޗެވެ. ޖޯކޮވިޗް ކުޅުނުއިރު އޭނާއަށް ސަޕޯޓުކުރުމަށް ރޮޖަރ ފެޑެރަރ އެޓީމްގެ ބެންޗްގައި އިނެވެ.
މެޗަށްފަހު ވާހަކަދައްކަމުން ޖޯކޮވިޗް ހާމަކުރިގޮތުގައި ކުރީ ރެއަކީ އާދަޔާ ހިލާފު ރެއެއް ކަމަށާއި ފެޑެރަރގެ ފެއާވެލްއަށްފަހު އަލުން ފަށައިގަންނަން އުނދަގޫވި ކަމަށެވެ. އެއީ އޭނާގެ ހަޔާތުގައި ލައިވްކޮށް ނުވަތަ ޓެނިސް ކޯޓެއްގައި އިހްސާސްކުރި އެންމެ ރީތި އެއް ވަގުތުކޮޅު ކަމަށެވެ. އެންމެންނަށް ވެސް އެ ވަގުތުކޮޅުގެ އަސަރުކުރި ކަމަށެވެ.
ސިންގަލްސްގެ އިތުރުން ޑަބަލްސްގައި ވެސް ޖޯކޮވިޗް ވަނީ މަޓިއޯ ބެރެޓީނީ އާއި އެއްކޮށް ކުޅެ ޓީމް ވާރލްޑްގެ ޖެކް ސޮކް އާއި އެލްކްސް ޑި މިނާއު ބަލިކޮށްފައެވެ. މި މެޗް ޓީމް ޔޫރަޕް ކާމިޔާބުކުރީ ހައެއް ފަހެއް އަދި ހައެއް ދެއަކުންނެވެ. މި ކާމިޔާބީއާއެކު ޓީމް ޔޫރަޕަށްވަނީ އަށް ޕޮއިންޓް ހަތަރު ޕޮއިންޓްގެ ލީޑެއް ދެވަނަ ދުވަހާއެކު ނަގާފައެވެ.
މީގެއިތުރުން ބެރެޓީނީ ވަނީ ސިންގަލްސްގައި ޓީމް ވާރލްޑްގެ ފީލިކްސް އައުގަރ އަލިއަސީމް އާއި ބައްދަލުކުރި މެޗް ހަތެއް ހައެއް، ހަތަރެއް ހައެއް އަދި ދިހައެއް ހަތަކުން ކާމިޔާބުކޮށްފައެވެ. ނަމަވެސް ޖެހިގެން އައި މެޗްގައި އިނގިރޭސިވިލާތުގެ ކެމެރަން ނޯރީ އެމެރިކާގެ ޓޭލަރ ފްރިޓްޒް އަތުން ބަލިވުމާއެކު ހަތަރު ޕޮއިންޓް ހަތަރު ޕޮއިންޓުން އޮތީ އެއްވަރުވެފައެވެ. މި މުބާރާތުގައި އާދީއްތަ ދުވަހުގެ ރޭ ވެގެން ދާނީ ފަހު ރެއަށެވެ. އަދި އެންމެ ފުރަތަމަ 13 ޕޮއިންޓު ހޯދާ ޓީމަކަށް މި މުބާރާތް ކާމިޔާބުވާނެއެވެ. މިހާތަނަށް ބޭއްވި ލެވަރ ކަޕްގެ ހުރިހާ މުބާރާތެއްވެސް ކާމިޔާބުކޮށްފައިވަނީ ޓީމް ޔޫރަޕެވެ.