ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ މޮޅުވީ ސަޕޯޓަރުން ދިން އިތުބާރާ ހިތްވަރާއެކު ކަމަށާއި، އެއަށްވުރެ ބޮޑު ސަޕޯޓެއް ކުރިއަށްހުރި މެޗުތަކުގައި ބޭނުންވާ ކަމަށް ރާއްޖޭގެ އުންމީދީ ބާސްކެޓްބޯޅަ ތަރި އިސްރާއު އަބްދުއްޝުކޫރު (އިއްކޮ) ބުނެފިއެވެ.
އިސްރާއު ވަނީ ނޭޕާލާއި ދެކޮޅަށް ކުޅުނު މެޗުގައި ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މުޅި މެޗުގައި އެންމެ ގިނަވަގުތު ކުޅުނު އެއް ކުޅުންތެރިއަކީ އިސްރާއު އެވެ. އޭނާ ވަނީ ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުގައި ޖުމްލަ 23 ޕޮއިންޓް ރާއްޖެއަށް ސްކޯ ކޮށްދީފައެވެ. މުޅި މެޗުގައި ވެސް އިންޑިވިޖުއަލް ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ހޯދި ކުޅުންތެރިއަކީ ވެސް އިސްރާއު އެވެ.
މީގެއިތުރުން ނޭޕާލް މެޗުގައި އެ ޓީމު ކުޅުންތެރިން ވަނީ ޖުމްލަ 12 ފަހަރު އިސްރާއު އަށް ފައުލުކޮށްފައެވެ. މިއީ މުޅި މެޗުގައި ވެސް ރެކޯޑެކެވެ. އޮފެންސް އަދި ޑިފެންސްގައި ވެސް އެންމެ ވަރުގަދަކޮށް ފެނުނު އިސްރާއު ވަނީ ޖުމްލަ 13 ރިބައުންޑެއް ނަގައިފަ އެވެ. މީގެތެރޭގައި 11 ޑިފެންސިވް ރީބައުންޑް ހިމެނެއެވެ.
ޕީއެސްއެމް ސްޕޯޓްސް އާއި ވާހަކަދައްކަމުން އިސްރާއު ބުނީ ވަރުގަދަ ސަޕޯޓަރުންތަކެއްގެ ހާޒިރުގައި ކުޅުމުގެ ފުރުސަތު ލިބުމަކީ ލިބޭ ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި އެކަމަށް ޝުކުރުއަދާކުރާ ކަމަށެވެ. އެހެންކަމުން ކުރިޔަށްހުރި މެޗުތަކުގައި މިއަށްވުރެ ބޮޑު ސަޕޯޓެއް ބޭނުންވާ ކަމަށާއި ކުރިން ނުނަގާ ކުލައެއްގެ މެޑަލެއް ނަގަން ސަޕޯޓަރުންގެ ބައިވެރިވުން ބޭނުންވާ ކަމަށް އިސްރާއު ބުންޏެވެ.
ޖުމްލަ ހަތަރު ގައުމެއް ވާދަކުރާ މި މުބާރާތް ކުރިޔަށްދަނީ ރައުންޑް ރޮބިން އުސޫލުންނެވެ. މުބާރާތުގައި ރާއްޖެއާއި ސްރީލަންކާ ބައްދަލުކުރާ މެޗު ބުދަ ދުވަހުގެ ރޭ ކުޅޭއިރު މި މެޗަކީ ދިވެހި ޓީމަށް މުހިއްމު މެޗެކެވެ. މި މެޗު ކާމިޔާބުކޮށްފި ނަމަ ރާއްޖެއަށް މެޑަލެއް ޔަގީންވާނެ އެވެ.