ދުނިޔޭގެ ވިޔަފާރި

އެމެރިކާގެ ބަޖެޓް ޑެފިސިޓް ދަށަށް!


އެމެރިކާގެ މިއަހަރުގެ ބަޖެޓް ޑެފިސިޓް އޭގެކުރީ އަހަރާއި އަޅާބަލާއިރު ދަށަށް ހިނގައްޖެއެވެ.

އެމެރިކާ ސަރުކާރުން ހުކުރު ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި މިހިނގާ މާލީ އަހަރުގެ ބަޖެޓް ޑެފިސިޓް އޭގެ ކުރީ އަހަރާއި ބަލާއިރު ދެބައިކުޅަ އެއްބައި ދަށްވެ 1.375 ޓްރިލިއަން އެމެރިކާ ޑޮލަރަށް ވަނީ ވެއްޓިފައެވެ. ބަޖެޓް ޑެފިސިޓް ދަށްވެފައި ވަނީ ކޯވިޑުގެ ބަލިމަޑުކަމަށް ކުރާ ޚަރަދުތައް މަދުވެ، އެމެރިކާގެ އިގްތިސާދީ ދުވެލި ހަލުއިވެ ރެކޯޑުގެ އަދަދެއްގެ އާމްދަނީއެއް ލިބުމުގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެމެރިކާގެ ޓްރެޜަރީން ބުނީ ބަޖެޓް ޑެފިސިޓުން 1.4 ޓްރިލިއަން އެމެރިކާ ޑޮލަރު މަދުވުމަކީ އެމެރިކާގެ މާލީ ޙާލަތަށް އެއް އަހަރު ދުވަހުގެ ތެރޭގައި ލިބުނު އެންމެ ބޮޑު ކުރިއެރުން ކަމަށެވެ.

ބަޖެޓް ޑެފިސިޓް ކުޑަ ކުރުމުގެ ވާހަކަތައް ދެއްކި ނަމަވެސް އެއަށް އަމަލު ނުކުރެވޭ ކަމަށް ވިދާޅުވެ ވައިޓް ހައުސްގައި ދެއްކެވި ވާހަކަފުޅެއްގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ރިޕަބްލިކަަން ޕާޓީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި އޭނާގެ ވެރިކަމުގައި ޑެފިސިޓް ދަށްކުރިއިރު އިންފްރާސްޓްރަކްޗާއަށް ކުރާ ހަރަދުތައް އިތުރުކޮށް، މެދުފަންތި އަދި މަދުން އާމްދަނީ ލިބޭ އެމެރިކާ މީހުންނަށް ލިބޭ ފައިދާތައް އިތުރުކޮށްފައިވާކަމަށްވެސް ބައިޑަން ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ މާލީ އަހަރާއި އަޅާބަލާއިރު، ސެޕްޓެމްބަރު 30 ގައި ނިމުނު މި އަހަރުގެ މާލީ އަހަރު ޚަރަދުކުރި މިންވަރު ވަނީ ރެކޯޑް އަދަދެއް ކަމަށްވާ، 550 ބިލިއަން އެމެރިކާ ޑޮލަރު ނުވަތަ %8 އަށް ދަށްވެފައެވެ. ނަމަވެސް ސެޕްޓެމްބަރު މަހުގެ ޚަރަދުތަކުގެ ތެރޭގައި ދަރިންވަރުންގެ ލޯނު މައާފްކޮށްދިނުމުގެ ޕްލޭންގެ ދަށުން ބައިޑަން ސަރުކާރުން ހޭދަކުރަން ހަމަޖައްސާފައިވާ 430 ބިލިއަން އެމެރިކާ ޑޮލަރުވެސް ހިމެނެއެވެ.

މި ފިޔަވަޅާއެކު ސެޕްޓެމްބަރު މަހުގެ ބަޖެޓް ޑެފިސިޓް 430 ބިލިއަން އެމެރިކާ ޑޮލަރަށް ވަނީ އަރާފައެވެ. މިއީ އޭގެ ކުރީ އަހަރުގެ ސެޕްޓެމްބަރު މަހު އޮތް 65 ބިލިއަން އެމެރިކާ ޑޮލަރުގެ ޑެފިސިޓަށްވުރެ ހަ ގުނަ އިތުރު އަދަދެކެވެ. ވޭތުވެދިޔަ އަހަރުތަކުގައި ގިނަ ފަހަރަށް ސެޕްޓެމްބަރު މަހަކީ ކުއާޓަރލީ ކޯޕަރޭޓް ޓެކްސް ދެއްކުމުގެ ސަބަބުން ސާޕްލަސްވާ މަހެކެވެ.

ކޮންގްރެސްގެ ބަޖެޓް އޮފީހުން ލަފާކުރާ ގޮތުގައި މި ޕްލޭނަށް ގާތްގަނޑަކަށް 400 ބިލިއަން ޑޮލަރު ޚަރަދުވާނެއެވެ. މީގެއިތުރުން މިއަހަރު ނިމެންދެން ސްޓޫޑެންޓް ލޯނުގެ ފައިސާ ދައްކަންޖެހޭ މުއްދަތު އިތުރުކޮށް، ބަޖެޓުގެ ހަރަދުގެ ގޮތުގައި ގާތްގަނޑަކަށް 21 ބިލިއަން އެމެރިކާ ޑޮލަރު އިތުރު ކުރުން ހިމެނެއެވެ.

މި ޕްލޭންގެ ސަބަބުން ޑިމޮކްރެޓުން ދާދި ފަހުން ގާނޫނަކުން ފާސްކުރި މޫސުމާއި ސިއްހީ ފަރުވާ އަދި އިންޓަރނަލް ރިވިއު ސާވިސް ފަންޑިން ބިލުން ޑެފިސިޓް ކުޑަކުރުމުގެ މައްސަލަ ނެތިގެންދާނެއެވެ.

ސެޕްޓެމްބަރުމަހުގެ ތެރޭގައި ލިބުނު އާމްދަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ވަނީ %6 އަށް އިތުރުވެ، 488 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައެވެ.