މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ތައިލޭންޑަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުކަމަށް ޓުއަރިޒަމް އޮތޯރިޓީ އޮފް ތައިލޭންޑް، ޓީއޭޓީ އިން ބުނެފިއެވެ.
ޓީއޭޓީން ބުނީ މިއަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އޮކްޓޫބަރު މަހު 26 ވަނަ ދުވަހުގެ ނިޔަލަށް ތައިލޭންޑަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 7.35 މިލިއަނަށް އަރާފައިވާކަމަށެވެ.
ތައިލޭންޑަށް މިދިޔަ އަހަރު ދަތުރުކޮށްފައި ވަނީ އެންމެ 428000 މީހުންނެވެ. އަދި ކޯވިޑުގެ ބަލިމަޑުކަމުގެ ކުރިން 2019 ވަނަ އަހަރު އެ ގައުމަށް ދަތުރުކޮށްފައި ވަނީ 40 މިލިއަން މީހުންނެވެ.
ތައިލޭންޑަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިއަހަރު އިތުރުވެފައި މިވަނީ ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ދަތުރުފަތުރުކުރުމުގައި އަޅާފައިވާ ފިޔަވަޅުތައް އުވާލުމުންކަމަށްވެސް ޓީއޭޓީން ބުނެއެވެ.
ތައިލޭންޑަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ މެލޭޝިއާއިންނެވެ. މެލޭޝިއާއިން އެ ގައުމަށް ދަތުރުކޮށްފައިވާ ފަތުރުވެރިންގެ އަދަދަކީ 1.25 މިލިއަން މީހުންނެވެ. ދެވަނަ އަށް އެންމެ ގިނައިން ތައިލޭންޑަށް ފަތުރުވެރިން ދަތުރުކުރި ގައުމަކަށް އިންޑިއާ ވާއިރު، އިންޑިއާއިން 661751 ފަތުރުވެރިން ތައިލޭންޑަށް ވަނީ ޒިޔާރަތްކޮށްފައެވެ. ލާއޯސްއިން 538789 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ކެމްބޯޑިއާއިން 373811 ފަތުރުވެރިން ތައިލޭންޑަށް ޒިޔާރަތްކުރިއިރު ސިންގަޕޫރުން ތައިލޭންޑަށް ޒިޔާރަތް ކޮށްފައި ވަނީ 365593 ފަތުރުވެރިން ކަމުގައި ޓީއޭޓީއިން ބުނެއެވެ.
ފަތުރުވެރިކަމުގެ ސިނާއަތަކީ ދެކުނު އިރުމަތީ އޭޝިއާގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދު އޮންނަ ތައިލޭންޑުގެ މައިގަނޑު އިގްތިސާދީ ވަސީލަތެވެ. މިއަހަރު ގާތްގަޑަކަށް 10.3 މިލިއަން ފަތުރުވެރިން އެ ގައުމަށް ޒިޔާރަތްކުރާނެ ކަމަށާއި އަންނަ އަހަރު މިއަދަދު 21.5 މިލިއަނަށް އަރާނެކަމަށް ލަފާކުރާކަމަށް ތައިލޭންޑުގެ މާލީ ވުޒާރާއިން ވަނީ ބުނެފައެވެ.
އަހަރުގެ ދެވަނަ ކުއާޓަރުގައި ފަތުރުވެރިކަމުން ލިބޭ އާމްދަނީ 10.6 ބިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް އަމާޒު ހިފާފައިވާކަމަށް ތައިލޭންޑުން މީގެކުރިން ވަނީ ބުނެފައެވެ.