ޓައިވާނުގެ ޖީޑީޕީ ނުވަތަ ޤައުމީ އުފެއްދުންތެރިކަމުން ބޮލަކަށް ޖެހޭ މިންވަރު 3 ވަނަ ކުއާޓަރުގައި އިތުރުވެއްޖެއެވެ.
ޖުލައިމަހުން ސެޕްޓެމްބަރުމަހުގެ ނިޔަލަށް ޓައިވާނުގެ ޖީޑީޕީ އިތުރުވެފައި ވަނީ އޭގެ ކުރީ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %4.1 އަށެވެ. ދެވަނަ ކުއާޓަރުގައި މި މިންވަރު ހުރީ %3.05 ގައި ކަމަށް ޓައިވާނުގެ ސްޓެޓިސްޓިކްސް އޭޖެންސީގެ ހިސާބުތަކުން ދައްކައެވެ. ރޮއިޓާސް ޕޯލުން ލަފާކޮށްފައިވާ ގޮތުގައި ޓައިވާނުގެ ބޮލަކަށް ޖެހޭ މިންވަރު އިތުރުވާނީ %3.2 އަށެވެ.
ތިންވަނަ ކުއާޓަރުގައި ޓައިވާނުގެ އިގްތިސާދީ ދުވެލި ހަލުއި ވެފައިވާއިރު، މިއީ 2021 ވަނަ އަހަރުގެ ފަހު 3 މަސް ދުވަހުގެ ފަހުން ޓައިވާނުގެ އިގްތިސާދީ ދުވެލި އެންމެ ހަލުއިވި ފަހަރެވެ. އިގްތިސާދީ ދުވެލި ހަލުއިވެފައި މިވަނީ ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތައް އުވާލުމުން އެތެރޭގެ ޑިމާންޑު އިތުރުވުމުންނެވެ. އިގްތިސާދީ ދުވެލި ހަލުއިވި ނަމަވެސް ޓައިވާނުގެ އެކްސްޕޯޓް ވަނީ ދަށްވެފައެވެ.
ޓައިވާނުން އެކްސްޕޯޓުކުރި މިންވަރު 3 ވަނަ ކުއާޓަރުގައި ދަށްވެފައިވާކަމަށް ސްޓެޓިސްޓިކް އޮފިޝަލް ވޫ ޕެއި ޝޫއާން ވިދާޅުވިއެވެ. ނަމަވެސް އަމިއްލަ މީހުން ހަރަދުކުރާ މިންވަރު އިތުރުވެ، އެތެރޭގެ ފަތުރުވެރިކަންވެސް ރަނގަޅުވެފައިވާ ކަމަށް ވޫ ވިދާޅުވިއެވެ.
ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ހަރުކަށި ފިޔަވަޅުތަކެއް މިދިޔަ އަހަރުވެސް އެޅުމަށްފަހު ފިޔަވަޅުތައް އުވާލުމުން ހަރަދުކުރާ މިންވަރު ފުދޭވަރަށްވުރެވެސް ރަގަޅުވެފައިވާކަމަށް ސްޓެޓިސްޓިކް އޭޖެންސީން ބުނެއެވެ.
ބޮލަކަށް ޖެހޭ މިންވަރު އިތުރުވެ، ތިންވަނަ ކުއާޓަރުގައި ޓައިވާނުގެ އިގްތިސާދީ ދުވެލި ހަލުއިވެފައި ވީ ނަމަވެސް ޓައިވާނުގެ އިގްތިސާދީ ދުވެލި މުޅި އަހަރަށް ބަލާއިރު ހަލުއި ވާނީ %4 އަށް ވުރެ ދަށްކޮށް ކަމަށް ކަމާއިބެހޭ މާހިރުން ލަފާކުރެއެވެ.
އެގޮތުން އެކްސްޕޯޓުކުރި މިންވަރު ތިން ވަނަ ކުއާޓަރުގައި ދަށްވުމުން، 4 ވަނަ ކުއާޓަރުގައި ޓައިވާނުގެ އިގްތިސާދީ ދުވެލި މަޑުޖެހޭނެ ކަމަށް ލަފާކުރާ ކަމަށް ފަސްޓް ކެޕިޓަލް މެނޭޖެމަންޓްގެ އެނާލިސްޓް ޖެންގީ ލިޔު ވިދާޅުވިއެވެ.
ޓައިވާނުގެ އިގްތިސާދީ ދުވެލި މިއަހަރު ހަލުއި ވާނީ %3.3 އަށް ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު، އައިއެމްއެފްއިންވެސް މީގެކުރިން ވަނީ ލަފާކޮށްފައެވެ. އައިއެމްއެފް އިން މިދިޔަ އޭޕްރީލް މަހު ލަފާކޮށްފައިވާ ގޮތުގައި އިގްތިސާދީ ދުވެލި ހަލުއި ވާނީ %3.2 އަށެވެ.
އިންފްލޭޝަން މަތިވުމާއި ޓައިވާނުގެ އެންމެ ބޮޑު އެސްޕޯޓު މާކެޓް ކަމަށްވާ ޗައިނާ ފުރަބަންދު ކުރުމުގެ ސަބަބުންނާއި އާންމުކޮށް ތަކެއްޗަށް އޮތް ޑިމާންޑު ދަށްވުމުގެ ސަބަބުން ތިން ވަނަ ކުއާޓަރުގައި ޓައިވާނުން އެކްސްޕޯޓުކުރި މިންވަރު އޭގެކުރީ އަހަރާއި އަޅާބަލާއިރު އިތުރުވެފައި ވަނީ %3.38 އެވެ.