ދުނިޔޭގެ ވިޔަފާރި

ދުނިޔޭގެ ވަޒީފާގެ ބާޒާރުގެ ކުރިއެރުން ދަށްވާނެ ކަމަށް އައިއެލްއޯއިން ލަފާކޮށްފި


ދުނިޔޭގެ ވަޒީފާ ބާޒާރުގެ ކުރިއެރުން މިކުއާޓަރުގައި ދަށްވާނެ ކަމަށް އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން، އައިއެލްއޯ އިން ބުނެފިއެވެ.

އައިއެލްއޯ އިން ބުނިގޮތުގައި ވަޒީފާގެ ބާޒާރުގެ ކުރިއެރުން ދަށްވާން މެދުވެރިވާނެ މައިގަނޑު ސަބަބުތަކަކީ ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ކުރިމަތިވެފައިވާ އިޤްތިޞާދީ ހަލަބޮލިކަމާއި، ޚަރަދުކުރުމުގައި ގެންގުޅޭ ހަރުކަށި މާލީ އުސޫލުތަކެވެ.
2019 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރާއި އަޅާބަލާއިރު މިއަހަރުގެ ޖުލައި މަހުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފުލް ޓައިމް ވަޒީފާތައް 40 މިލިއަން މަދުވެފައިވާ ކަމަށް އައިއެލްއޯ އިން ބުނެއެވެ.

ވަޒީފާ ބާޒާރުގެ މިހާރުގެ ހާލަތަށް ބަލާނަމަ މިއަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި ވަޒީފާގެ ކުރިއެރުން ދަށްވާނެ ކަމަށް އައިއެލްއޯ އިން އެކުލަވާލާފައިވާ "ވޯލްޑް އޮފް ވޯކް" ރިޕޯޓުގައިވެއެވެ.

އެ ރިޕޯޓުގައިވާ ގޮތުގައި މިއަހަރުގެ މެދުތެރޭގައި މަސައްކަތް ކުރި ގަޑިތަކުގެ އަދަދު މަދުވެފައި ވަނީ އާންމު ސިއްހަތުގެ ގަވާއިދުތައް އަލުން އެކުލަވާލައި، ޗައިނާގެ ވަޒީފާގެ ބާޒާރަށް ބުރޫއެރުމުގެ އިތުރުން ރަޝިއާ ޔުކްރެއިން ހަނގުރާމައާއި އިންފްލޭޝަންގެ ސަބަބުން ކާބޯތަކެއްޗާއި ހަކަތައިގެ އަގު އުފުލުމުން ކަމަށް އައިއެލްއޯ އިން ބުނެއެވެ.

ހަރުކަށި މާލީ އުސޫލުތަކުގެ ސަބަބުން ތަރައްގީވެފައިވާ އަދި ތަރައްގީވަމުން އަންނަ ގައުމުތަކުގެވެސް ވަޒީފާތަކަށާއި އާމްދަނީ އަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް އައިއެލްއޯގެ ރިޕޯޓުގައި އިތުރަށް ބުނެފައިވެއެވެ.

ހުސް ވަޒީފާތައް މިހާރުވެސް މަދުވަމުން އަންނަ ކަމަށާއި، އަހަރުގެ ފަހު މަސްތަކުގެ ތެރޭގައި ވަޒީފާ ނެތް މީހުންގެ ނިސްބަތް އިތުރުވާނެ ކަމަށްވެސް އައިއެލްއޯ އިން ވަނީ ބުނެފައެވެ. ތަރައްގީވެފައިވާ ގައުމުތަކުގައި ހުސް ވަޒީފާތައް އިތުރުވެ، ވަޒީފާގެ ބާޒާރަށް އަސަރުކޮށްފައިވާ ކަމުގެ ނިޝާންތައް މިހާރުވެސް ފެންނަން ފަށާފައިވާ ކަމަށް އައިއެލްއޯގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

މިކަމަށް ހައްލު ހޯދުމުގެ ގޮތުން ސިޔާސަތު ތަކެއް ކަނޑައަޅަން ޖެހޭ ކަމަށް އައިއެލްއޯގެ ޑިރެކްޓަރ ޖެނެރަލް ގިލްބާޓް ހުންބޯ ވިދާޅުވިއެވެ.