3 ލައްކަ ޓަނުގެ ގޮވާން އެތެރެކުރުމަށް ރަޝިޔާއާއެކު ޕާކިސްތާނުން އެއްބަސްވުމަކަށް އަތުވެއްޖެއެވެ.
ގާތްގަނޑަކަށް 112 މިލިއަން އެމެރިކާ ޑޮލަރުގެ ގޮވާން އެތެރެކުރުމަށް ޕާކިސްތާނު ސަރުކާރުގެ ފަރާތުން އިކޮނޮމިކް ކޯޕަރޭޝަން ކޮމިޓީން ހޯމަ ދުވަހު ރަޝިޔާއާއެކު އެއްބަސްވުމަކަށް އައީ މިހާރުވެސް ހީނަރުވެފައިވާ އިގްތިސާދު ކޮޅަށްޖެހުމަށާއި، ދާދިފަހުން އެ ގައުމަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާއިން ލިބުނު ގެއްލުންތަކުން އަރައިގަތުމަށެވެ. ފެންބޮޑުވުމުގެ ހާދިސާގައި ގާތްގަނޑަކަށް 1700 މީހުން މަރުވެ 30 މިލިއަން މީހުންނަށް ވަނީ އަސަރުކޮށްފައެވެ.
މި އެއްބަސްވުމުގެ ދަށުން ގޮވާން ސަޕްލައި ކުރާނީ، ރަޝިއާގެ ސްޓޭޓް ކޯޕަރޭޝަން ޕްރޯޑިންޓޯގްއިންނެވެ. ޕާކިސްތާނުން ރަޝިއާގެ ގޮވާން އެންމެ ފަހުން އެތެރެކޮށްފައި ވަނީ 2020 ވަނަ އަހަރުގެ ޖުލައިމަހުއެވެ.
ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ރަޝިޔާއާ ދެކޮޅަށް ހުޅަނގުން އަޅާފައިވާ ފިޔަވަޅުތަކުގެ އަސަރު ޕްރޯޑިންޓޯގްއަށް އެއްވެސް ވަރަކަށް ނުކުރާކަމަށް ޕާކިސްތާނުގެ ޓްރޭޑިންގ ކޯޕަރޭޝަންއިން ބުނެއެވެ. ރަޝިއާއާއި ޔުކްރެއިން އަކީ ދުނިޔޭގެ އެންމެ ގިނައިން ގޮވާން އުފައްދާ ގައުމުތަކުގެ ތެރެއިން ދެ ގައުމެވެ.
މިއަހަރުގެ ނިޔަލަށް 27 މިލިއަން ޓަނުގެ ގޮވާން ޕާކިސްތާނުގައި އުފައްދަން އެގައުމުން އަމާޒު ހިފިއެވެ. ނަމަވެސް ފެން ލިބުން ދަތިވުމާއި، ދަނޑުބިންތައް އަލުން ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމާއި އެނޫންވެސް ތަފާތު ސަބަބުތަކާއި ހެދި ގޮވާން އުފެއްދޭނެ މިންވަރު މިހާރުވެސް %15 މަދުވާނެކަމަށް ސައިންޓިސްޓުން ލަފާކުރެއެވެ.
ފެންބޮޑުވުމުގެ ސަބަބުން ޕާކިސްތާނުގެ ގޮވާމުގެ އުފެއްދުންތައް 8 މިލިއަން ޓަނަށް މަދުވާނެ ކަމަށް ދަނޑުވެރިކަމާއި ބެހޭގޮތުން އެމެރިކާއިން އެކުލަވާލާފައިވާ ރިޕޯޓެއްގައި ވަނީ ލަފާކޮށްފައެވެ.
ފެންބޮޑުވުމާއި ހަރުކަށި މާލީ ޝަރުތުތަކުގެ ސަބަބުން މިހިނގާ މާލީ އަހަރު ޕާކިސްތާނުގެ އިންފްލޭޝަން ގާތްގަޑަކަށް %23 އަށް މަތިވާނެ ކަމަށް މިދިޔަ މަހު ވޯލްޑް ބޭންކުން އެކުލަވާލާފައިވާ ރިޕޯޓެއްގައި ވަނީ ލަފާކޮށްފައެވެ.
ރަޝިއާއާއެކު ވިޔަފާރީގެ ގުޅުން ގާއިމުކޮށްފައިވާތީ، ޕާކިސްތާނަށް ހުޅަނގުން ފިޔަވަޅު އެޅުންވެސް ވަރަށް ގާތް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. ރަޝިއާ ޔުކްރެއިން ހަނގުރާމަ ފެށި ދުވަހުވެސް ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާން ވަނީ ރަޝިއާއަށް ދަތުރުކުރައްވާފައެވެ.
ޕާކިސްތާނުގެ ބޮޑު ވަޒީރުކަން މިހާރު ކުރައްވާ ޝެހެބާޒް ޝަރީފްވެސް ވަނީ މިދިޔަ ސެޕްޓެމްބަރު މަހު އުޒްބަކިސްތާނުގައި ބޭއްވި ޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަން ގައި ރަޝިއާގެ ރައީސް ވުލަދްމީރް ޕޫޓިންއާ ބައްދަލުކުރައްވާފައެވެ. އަދި ރަޝިޔާއަށް ވަޑައިގަތުމަށް ޕޫޓިން ދެއްވި ދައުވަތުވެސް ޝެހެބާޒް ވަނީ ގަބޫލުކުރައްވާފައެވެ.
ބައިނަލްއަގުވާމީ އެހީގެ ގޮތުގައި ވޭތުވެދިޔަ ދުވަސްތަކުގައި ޕާކިސްތާނަށް ބިލިއަނުން ފައިސާ ލިބިފައިވާއިރުވެސް، އެ ގައުމުގެ އިގްތިސާދު އަދިވެސް އޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ.