ދުނިޔޭގެ ވިޔަފާރި

ޗައިނާގެ އެކްސްޕޯޓާއި އިމްޕޯޓުވެސް ދަށްވެއްޖެ


ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއިހެދި މިދިޔަ އޮކްޓޫބަރު މަހު ޗައިނާއިން އެކްސްޕޯޓު އަދި އިމްޕޯޓުކުރި މިންވަރުވެސް ދަށްވެއްޖެއެވެ. މިއީ 2020 ވަނަ އަހަރުގެ މެއި މަހުގެ ފަހުން ޗައިނާގެ އެކްސްޕޯޓު އަދި އިމްޕޯޓު އެއްފަހަރާ ދަށްވި ފުރަތަމަ ފަހަރެވެ.

ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި މީގެ އެއް އަހަރު ކުރިއާ އަޅާބަލާއިރު އައުޓްބައުންޑު ޝިޕްމަންޓުތައް ވަނީ %0.3އަށް މަދުވެފައެވެ. މިއީ ދިރާސާކުރާ ފަރާތްތަކުން ލަފާކޮށްފައިވާ %4.3 އަށް ވުރެ ދަށް އަދަދެކެވެ. މި އަދަދު އޭގެ ކުރިން ސެޕްޓެމްބަރު މަހު ހުރީ %5.7 ގައެވެ.

އިންބައުންޑް ޝިޕްމަންޓުތައް އޮކްޓޫބަރު މަހު ވަނީ %0.7 އަށް މަދުވެފައެވެ. މިއީ ދިރާސާކުރާ ފަރާތްތަކުން ލަފާކޮށްފައިވާ %0.1އަށް ވުރެ ދަށް އަދަދެކެވެ. އަދި 2020 ވަނަ އަހަރުގެ އޮގަސްޓު މަހަށްފަހު އިންބައުންޑް ޝިޕްމަންޓްތައް އެންމެ މަދުވި ފަހަރެވެ.

ޖުމްލަކޮށް ބަލާއިރު އޮކްޓޫބަރުމަހުގެ ޓްރޭޑް ސާޕްލަސް ވަނީ ސެޕްޓެމްބަރު މަހާއި އަޅާ ބަލާއިރު ކުޑަކޮށް މައްޗަށް ޖެހިލާފައެވެ. އޮކްޓޫބަރު މަހުގެ ޓްރޭޑް ސާޕްލަސް އަކީ 85.15 އެމެރިކާ ޑޮލަރެވެ. ސެޕްޓެމްބަރު މަހުގެ ޓްރޭޑް ސާޕްލަސް އަކީ 84.74 އެމެރިކާ ޑޮލަރެވެ.

އެކްސްޕޯޓަކީ ޗައިނާގެ ހީނަރުވެފައިވާ އިގްތިސާދު ކިރިޔާވެސް ކުރިއެރުމެއް ގެނެވޭނެ އެއް މަގު ކަމަށްވާއިރު، އޮކްޓޫބަރު މަހު އެކްސްޕޯޓު ދަށްވުމަކީ އިގްތިސާދީ ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މިކަމުގެ ސަބަބުން ގައުމީ އުފެއްދުންތެރިކަން ދަށްވާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. ޗައިނާގެ އެކްސްޕޯޓަރުންނަށް އިތުރަށް ދިމާވެފައިވާ އެއް ގޮންޖެހުމަކީ ޗައިނާގެ ފައިސާ ކަމަށްވާ، ޔުއާންގެ އަގު ދަށްވުމެވެ.