ދުނިޔޭގެ ވައިގެ ދަތުރުތައް ސެޕްޓެމްބަރު މަހު އިތުރުވެއްޖެއެވެ. މިއީ ކޯވިޑުގެ ބަލިމަޑުކަމުގެ ކުރިން އޮތް މިންވަރަށް ވުރެ އިތުރު އަދަދެއް ކަމަށް ހިސާބުތަކުން ދައްކައެވެ.
އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓު އެސޯސިއޭޝަން، އައިއޭޓީއޭ ގެ ހިސާބުތަކުން ދައްކާގޮތުގައި 2021 ވަނަ އަހަރާއި އަޅާބަލާއިރު، މިދިޔަ ސެޕްޓެމްބަރު މަހު ވައިގެމަގުން ދަތުރުކުރި މީހުންގެ ނިސްބަތް ވަނީ %57 އިތުރުވެފައެވެ. އަދި ކޯވިޑުގެ ބަލިމަޑުކަމާއި ގުޅިގެން ދަތުރުފަތުރުކުރުމުގައި އަޅާފައިވާ ފިޔަވަޅުތައް ލުއިކުރުމުން ދަތުރުކުރާ މީހުން އިތުރުވެ ސެޕްޓެމްބަރު މަހު ވައިގެ ދަތުރުތައް ވަނީ ކޯވިޑުގެ ބަލިމަޑުކަމުގެ ކުރިން އޮތް މިންވަރު ކަމަށްވާ %74 އަށް އަރާފައި ކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.
ދުނިޔޭގެ އެހެން ސަރަހައްދުތަކާއި ޚިލާފަށް ކޯވިޑުގެ ބަލިމަޑުކަމާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އެންމެ ފަހުން އުވާލި ސަރަހައްދަކަށް އޭޝިއާ ޕެސިފިކް ސަރަހައްދު ވެފައި އޮތް ނަމަވެސް އެންމެ ގިނަ މީހުން ދަތުރުކޮށްފައިވަނީ އެ އެ ސަރަހައްދަށެވެ. މިދިޔަ އަހަރާއި އަޅާބަލާއިރު އެ ސަރަހައްދަށް ދަތުރުކޮށްފައިވާ މީހުންގެ ނިސްބަތް ވަނީ %465 އަށް އިތުރުވެފައެވެ.
ޖަޕާން، ހޮންކޮންގް އަދި ޓައިވާނުންވެސް ދާދިފަހުން ވަނީ ކޯވިޑުގެ ބަލިމަޑުކަމާއިހެދި ދަތުރުފަތުރުކުރުމުގައި އަޅާފައިވާ ފިޔަވަޅުތައް އުވާލާފައެވެ. ނަމަވެސް އެ ސަރަހައްދުގެ އެންމެ ބޮޑު އިގްތިސާދު އޮންނަ ޗައިނާ އިން އަދިވެސް އޮތީ ކޮންމެހެން ކުރަން ނުޖެހޭ ދަތުރުތައް ކުރުން އެ ގައުމުގެ ރައްޔިތުންނަށް މަނާކޮށްފައެވެ. އަދި އެމީހުންގެ ހަރުކަށި "ޒީރޯ ކޯވިޑް ޕޮލިސީ" ގެ ދަށުން އެގައުމަށް އެތެރެވާ ކޮންމެ މީހަކު 10 ދުވަހަށް ކަރަންޓީނުވާން ޖެހޭ އުސޫލުވެސް ޗައިނާއިން ދަނީ ދަމަހައްޓަމުންނެވެ.
ދެވަނަ އަށް އެންމެ ގިނައިން މީހުން ދަތުރުކޮށްފައިވަނީ މެދުއިރުމައްޗަށެވެ. އެ ސަރަހައްދަށް ދަތުރުކޮށްފައިވާ މީހުންގެ ނިސްބަތް ވަނީ %150 އަށް އިތުރުވެފައެވެ. ތިން ވަނައަށް އެންމެ ގިނައި މީހުން ދަތުރުކުކޮށްފައި ވަނީ އުތުރު އެމެރިކާއަށެވެ. އެއީ %129 އެވެ. އޭގެފަހުން %99 މީހުންނާއިއެކު ދެން ކުރީގައި އޮތީ ލެޓިން އެމެރިކާއެވެ.
އެފްރިކާ ސަރަހައްދުން %91 ކުރިއެރުމެއް ހޯދިއިރު ޔޫރަޕުން ހޯދާފައިވަނީ %78 ގެ ކުރިއެރުމެކެވެ.
ބޭރުގެ ދަތުރުތައް %122 އަށް ކުރިއަރާފައިވާއިރު އެތެރޭގެ ދަތުރުތައް އިތުރުވެފައި ވަނީ އެންމެ %7 އެވެ.
ގައުމުތަކުގެ އިޤްތިސާދީ ދުވެލި މަޑުޖެހިފައިވާތީ، ޑިމާންޑު ދަށްވެ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާއި އަޅާބަލާއިރު މިއަހަރުގެ ސެޕްޓެމްބަރު މަހު ކާގޯ ދަތުރުތައް ވަނީ %11 އަށް ދަށްވެފައެވެ.