ރަޝިއާ އަތުން ތެޔޮ އަދިވެސް ގަންނާނެ ކަމަށާއި އެކަމުން އިންޑިއާއަށް ފައިދާވާ ކަމަށް އިންޑިއާގެ ޚާރިޖީ ވަޒީރު، ސުބްރަމާނިޔަމް ޖައިޝަންކަރް އަންގާރަ ދުވަހު ވިދާޅުވެއްޖެއެވެ.
ޖައިޝަންކަރް މިހެން ވިދާޅުވީ ރަޝިއާއެކު އިންޑިއާއިން މިއަހަރު ތެރޭ ބާއްވާ ފަސް ވަނަ ބައްދަލުވުން ނިންމަވާލެއްވުމަށްފަހުއެވެ. މި ބައްދަލުވުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކުރުމުގެ ގޮތުން ބޭއްވި ބައްދަލުވުމެއް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
މިއީ ފެބްރުއަރީ މަހު ފެށި ރަޝިއާ ޔުކްރެއިން ހަނގުރާމައަށްފަހު ޖައިޝަންކަރް ރަޝިއާއަށް ދަތުރުކުރާ ފުރަތަމަ ފަހަރެވެ. ޖައިޝަންކަރުގެ މި ދަތުރުފުޅުގައި ރަޝިއާގެ ޚާރިޖީ ވަޒީރު ސަރުގޭ ލަވްރޯފްއާ ބައްދަލު ކުރައްވާނެއެވެ. މީގެއިތުރުން ބޮޑު ވަޒީރުގެ ނާއިބާއި ވިޔަފާރިއާއި ބެހޭ ވަޒީރުއާ ވެސް ބައްދަލު ކުރައްވާނެއެވެ.
ޖައިޝަންކަރު މިދަތުރުފުޅު ކުރައްވާއިރު އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ޖެނެޓް ޔެލެން މިހަފްތާ ތެރޭ އިންޑިއާއަށް ދަތުރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުފުޅުގައި ރަޝިއާގެ ތެލަށް އަގެއް ކަނޑައެޅުމާއި ބެހޭގޮތުންނާއި އެނޫންވެސް ކަންކަމާއިމެދު އިންޑިއާގެ އޮފިޝަލުންނާއި ޖެނެޓް މަޝްވަރާކުރައްވާނެއެވެ.
މިދިޔަ ޑިސެމްބަރު މަހު އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީވެސް ވަނީ ރަޝިއާގެ ރައީސް ވުލަދްމީރް ޕޫޓިންއާއި ބައްދަލުކުރައްވާފައެވެ.
ޗައިނާއަށްފަހު ރަޝިއާ އަތުން ތެޔޮ އެންމެ ގިނައިން ގަންނަ ގައުމަކީ އިންޑިއާއެވެ. އެގޮތުން އޮކްޓޫބަރު މަހު ނިއުދިއްލީއަށް އިމްޕޯޓްކުރި ޖުމުލަ ތެލުގެ %22 އިމްޕޯޓުކޮށްފައިވަނީ ރަޝިއާއިންނެވެ.
ރަޝިއާ ޔުކްރެއިން ހަނގުރާމަ ފެށުމާއި ގުޅިގެން ހުޅަނގުން އޮތީ ރަޝިއާގެ ހަކަތަ ގަތުން މުޅިން ކަހަލަ ގޮތަކަށް ހުއްޓާލާފަ އެވެ. އަދި އިގުތިސާދީ ގޮތުން ރަޝިއާއަށް ދަތިކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް ވެސް ވަނީ އަޅާފައެވެ.
ދުނިޔޭގެ އެހެން ގައުމުތަކުން ޚާއްސަކޮށް އިންޑިއާ އާއި ޗައިނާއިން ހުޅަނގަށް އެއްބާރުލުންދީ ރަޝިއާގެ ހަކަތަ ގަތުން ހުއްޓާލަން ހުޅަނގުން އޮތީ ގޮވާލާފަ އެވެ. ނަމަވެސް އިންޑިއާއިން ވަނީ ރަޝިއާއިން ތެލާއި ގޭސް ގަތުން އިތުރުކޮށްފައެވެ.
އަދި އިންޑިއާއަށް އަސްކަރީ ސާމާނު ޒަމާނުއްސުރެ އެންމެ ގިނައިން ފޯރުކޮށްދެނީ ރަޝިއާއިންނެވެ. ރަޝިއާ އަކީ އިންޑިއާއިން ބޭސް ފޯރުކޮށްދޭ ހަތަރު ވަނައަށް އެންމެ ބޮޑު މާކެޓެވެ.