ދުނިޔޭގެ ވިޔަފާރި

އެޑިޑާސްގެ ވިޔަފާރި ދަށްވާނެކަމަށް ލަފާކޮށްފި


މަޝްހޫރު ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓާއި ސްޕޯޓްސް ވެއާ އުފައްދާ ޖަރުމަނުވިލާތުގެ ކުންފުނި، އެޑިޑާސް އާއި ދެމެދު އޮތް ޕާޓްނަރޝިޕް ނިމުމަކަށް ގެނައުމުން އެކަމުގެ އަސަރު ކުންފުންޏަށް ކުރާނެކަމަށް ބުނެ އެޑިޑާސްގެ ވިޔަފާރި ދަށްވާނެ ކަމަށްއެ ކުންފުނިން ހާމަކޮށްފިއެވެ.

އެޑިޑާސް ކުންފުނިން މިގޮތަށް ލަފާކޮށްފައިވާއިރު، އާ ސީއީއޯއެއް ކުންފުންޏާއި ގުޅެން ތައްޔާރުވަމުންދާތީ އިންވެސްޓަރުންގެ އުންމީދު ބޮޑުވެ، އެޑިޑާސްގެ ހިއްސާގެ އަގު ވަނީ ބޮޑުވެފައެވެ.

އެޑިޑާސްގެ އާ ސީއީއޯގެ މަގާމާއި އަންނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން ހަވާލުވާނީ 2013 ވަނަ އަހަރުން ފެށިގެން ވާދަވެރި ޕޫމާގެ ސީއީއޯއަކަށް ހުރި ބިޔޯން ގޯލްޑަންއެވެ. ގޯލްޑަން ސީއީއޯއަކަށް ހަމަޖައްސަނީ އެޑިޑާސްގެ ކުރީގެ ސީއީއޯ ކެޝްޕާ ރޯސްޓެޑް އެ މަގާމުން އިސްތިއުފާދިނުމާއި ގުޅިގެންނެވެ.

މިހުރިހާ ގޮންޖެހުންތަކަކާއިއެކު އެޑިޑާސްގެ މިއަހަރުގެ އާމްދަނީ ކުރިން ލަފާކުރިވަރަށްވުރެ ދަށްވާނެކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ކުންފުނީގެ އޮޕަރޭޓިން މާޖިން އަށް ލިބޭނީ %2.5 ކަމަށްވެސް އެޑިޑާސްއިން ބުނެއެވެ.

ކާންޔޭއާއި އެޑިޑާސް ޕާޓްނާޝިޕެއްގެ ދަށުން މަސައްކަތްކުރަމުން އަންނަނީ 2013 އިން ފެށިގެންނެވެ. އެގޮތުން އެޑިޑާސް އާއި ކަންޔޭގެ ބްރޭންޑް ޔީޒީ ގުޅިގެން އެކި އުފެއްދުންތައް މިހާތަނަށް ނެރެމުން އައިސްފައިވެއެވެ. އެޑިޑާސް އަކީ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ސްޕޯޓްސް ވެއާ ބްރޭންޑެވެ. ނަމަވެސް ފަހަކަށް އައިސް ކަންޔޭ އާއި އެޑިޑާސްއާ ދެމެދު ހިޔާލު ތަފާތުވެ، ކަންޔޭގެ ފަރާތުން ކުންފުންޏާއި އެތަނުގެ ބޯޑަށް ފާޑުކިޔުންތައް އަމާޒުވާތީ އެ އެއްބަސްވުން އަލުން ރިވިއު ކުރަން ނިންމާފައިވާކަމަށް މީގެކުރިން އެޑިޑާސްއިން ވަނީ ބުނެފައެވެ.

އެއްބަސްވުން ރިވިއުކުރަން ނިންމަން ޖެހުނީ ދެ ފަރާތުގެ މެދުގައި މައްސަލަ ހައްލުކުރަން މިހާތަނަށް ކުރެވުނު މަސައްކަތްތަކުގައި އަލިމަގެއް ނުފެނުނީމަކަމަށް އެޑިޑާސްއިން ބުނެވެ. ނަމަވެސް އެޑިޑާސް އާއި ޔީޒީ ގުޅިގެން މިހާތަނަށް ކުރެވުނު މަސައްކަތްތަކީ އެތުލީޓުންނާއި އާޓިސްޓުންނަށް ހާއްސަކޮށްގެން ކުރެވުނު އެންމެ ކާމިޔާބު އެއް މަސައްކަތްކަމަށް އެޑިޑާސްއިން ބުނެއެވެ.