ހަކަތައިގެ އަގު ކޮންޓްރޯލުކޮށް ގޭސް އުފައްދާ މިންވަރު އިތުރުކުރުމުގެ ގޮތުން ގާތްގަނޑަކަށް 8.96 ބިލިއަން އެމެރިކާ ޑޮލަރުގެ ޕެކޭޖެއް ތަޢާރަފްކުރަން އިޓަލީވިލާތުން ނިންމާފައިވާ ކަމަށް އިޓަލީ ސަރުކާރުގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ.
އިޓަލީވިލާތުގެ ޓްރެޝަރީގެ އަހަރީ އިކޮނޮމިކް އެންޑް ފައިނޭންޝިއަލް ޑޮކިއުމެންޓް، ޑީއީއެފް ގައި ޝާއިއުކޮށްފައިވާ ގޮތުން މި ޕެކޭޖްގެ ސަބަބުން އެ ޤައުމުގެ މިއަހަރުގެ ބަޖެޓް ޑެފިސިޓް ކުރިލަފާކޮށްފައިވާ މިންވަރު ކަމަށްވާ %5.1 އިން %5.6 އަށް އިތުރުވާނެއެވެ.
މި ޕެކޭޖްގެ ދެބައިކުޅަ އެއްބައި ހޭދަކުރާނީ އަހަރު ނިމޭއިރު ޓެކްސް ލުއިކުރުމަށާއި، ހަކަތަ އުފައްދާ ކުންފުނިތަކަށާއި ފަގީރު ގޭބީސީތަކަށް ސަބްސިޑީ ދިނުމަށެވެ. މިއީ އިޓަލީވިލާތުގެ ކުރީގެ ސަރުކާރުން ތަޢާރަފްކޮށް ނޮވެމްބަރުމަހާއި ހަމައަށް ފަންޑުކޮށްފައިވާ ކަންކަމެވެ.
ގޭސް އުފައްދާ މިންވަރު އިތުރުކުރުމުގެ ގޮތުން 4 ބިލިއަން ޔޫރޯ ޕެކޭޖްގެ ދަށުން ކަނޑައަޅާނެއެވެ. މީގެ ސަބަބުން އަހަރުގެ ފަހުކޮޅަށް ބޭނުންވާ ގޭސް ރައްކާކުރުމަށް ދައުލަތުގެ ގޭސް އުފައްދާ ކުންފުނި ގޭސްޓޮރޭ ދެއި ސަރުވެޒީ އެނާޖެޓިކީ، ޖީއެސްއީ އަށް ފަސޭހަވާނެއެވެ. ގޭހުގެ އަގު މިހާރު ދަށްވަމުންދާތީ، ޖީއެސްއީ އިން އުފައްދާ ގޭސް ރައްކާކޮށްފައި ބެހެއްޓުމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ.
އަންނަ އަހަރުވެސް އިޤްތިޞާދު ފުޅާކުރުމުގެ ސިޔާސަތުގެ ތެރެއިން އިޓަލީވިލާތުގެ ބަޖެޓް ޑެފިސިޓް %4.5 އަށް ކުޑަކުރުމަށް ވަނީ އަމާޒު ހިފާފައެވެ. މީގެކުރިން ބަޖެޓް ޑެފިސިޓް %3.4 އަށް ކުޑަކުރުމަށް ސެޕްޓެމްބަރު މަހު ވަނީ އަމާޒު ހިފާފައެވެ.