ދުނިޔޭގެ ވިޔަފާރި

އައިއެމްއެފުން ބަންގްލަދޭޝް އަށް 4.5 ބިލިއަން ޑޮލަރުގެ އެހީ ދެނީ


ބަންގްލަދޭޝް އަށް 4.5 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީ ދިނުމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު، އައިއެމްއެފް އިން އެއްބަސްވެއްޖެއެވެ.

މި އެހީގެ ސަބަބުން މިހާރު ހީނަރުވަމުންދާ ބަންގްލަދޭޝްގެ އިގދަށް ކުރިއެރުން ލިބޭނެ ކަމަށް އެ ގައުމުގެ މާލީ ވަޒީރު އޭއެޗްއެމް މުސްތަފާ ކަމާލު ވިދާޅުވިއެވެ. ބަންގްލަދޭޝްގެ 416 ބިލިއަން އެމެރިކާ ޑޮލަރުގެ އިޤްތިޞާދަކީ އަހަރުތަކެއް ވަންދެން ދުނިޔޭގެ އެންމެ އަވަހަށް ކުރިއަރަމުން އައި އެއް އިޤްތިޞާދެވެ. ނަމަވެސް ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ހަކަތައާއި ކާބޯތަކެތީގެ އަގު އުފުލުމާއި، އެ ޤައުމުގެ ބޭރު ފައިސާގެ ރިޒާވް ދަށްވުމުގެ ސަބަބުން އިޤްޞާދީ ދުވެލި ވަނީ ވަރަށް ބޮޑަށް މަޑުޖެހިފައެވެ.

އެއްބަސްވުމާއި ބެހޭގޮތުން އައިއެމްއެފް އިން ބުނީ މި އެއްބަސްވުމަކީ 42 މަހުގެ އެއްބަސްވުމެއް ކަމަށެވެ. އަދި ޖުމްލަ ފަންޑުގެ 3.2 ބިލިއަން އެމެރިކާ ޑޮލަރަކީ އެކްސްޓެންޑެޓް ކްރެޑިޓް ފެސިލިޓީ، އީސީއެފް އާއި އެކްސްޓެންޑެޑް ފަންޑް ފެސިލިޓީ، އީސީއެފް އިން ނަގާފައިވާ ފަންޑެއް ކަމަށާއި، މީގެއިތުރުން ގާތްގަޑަކަށް 1.3 ބިލިއަން އެމެރިކާ ޑޮލަރަކީ ރިޒިލިއަންސް އެންޑް ސަސްޓެއިނެބްލިޓީ ފެސިލިޓީ، އާރްއެސްފް އިން ނަގާފައިވާ ފަންޑެއް ކަމަށް އައިއެމްއެފް އިން ވަނީ ބުނެފައެވެ.

ބަންގްލަދޭޝްއަށް ދޭ މި އެހީގެ މަޤްޞަދަކީ އިގްތިސާދީ ގޮތުން ހަމަޖެހުން ބަންގްލަދޭޝް އަށް ގެނައުން ކަމަށް އައިއެމްއެފް އިން ބުނެއެވެ. ދުނިޔޭގެ އިޤްތިޞާދަށް އަންނަމުންދާ ހީނަރުކަމުގެ އަސަރު ބަންގްލަދޭޝްގެ އިޤްތިޞާދަށްވެސް ކޮންމެވެސް ވަރަކަށް ކޮށްފައިވާ ކަމަށް އައިއެމްއެފްގެ އެހީ އިޢުލާނުކުރުމުން އެ ޤައުމުގެ މާލީ ވަޒީރު މުސްތަފާ ވިދާޅުވިއެވެ.

ކޯވިޑުގެ ބަލިމަޑުކަމަށްފަހު ބަންގްލަދޭޝްގެ އިޤްތިޞާދީ ދުވެލި ހަލުއިވެފައި ވީ ނަމަވެސް ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ކަރަންޓު އެކައުންޓު ޑެފިސިޓް އިތުރުވެ، ބޭރު ފައިސާގެ ރިޒާވް ދަށްވުމާއި އިންފްލޭޝަންވެސް މަތިވުމުން ބަންގްލަދޭޝްގެ އިޤްތިޞާދީ ދުވެލި މަޑުޖެހުނީ ކަމަށް ބަންގްލަދޭޝްގެ އިޤްތިޞާދު ދިރާސާކުރާ ފަރާތެއް ކަމަށްވާ ރާހުލް އާނަންދު ބުންޏެވެ.

މި އެއްބަސްވުމަށް އައިއެމްއެފްގެ އެކްޒެކްޓިވް ބޯޑުން ރުހުން ދިނުން އަންނަ ހަފްތާގައި ކުރިއަށްދާނެ ކަމަށް މީޑިއާ ރިޕޯތުތައް ބުނެއެވެ. ސްރީލަންކާއާއި ޕާކިސްތާނަށްފަހު ބަންގްލަދޭޝް ވެފައި ވަނީ އައިއެމްއެފްގެ އެހީ އަށް އެދުނު ދެކުނު އެޝިއާގެ 3 ވަނަ ޤައުމަށެވެ.