ދުނިޔޭގެ ވިޔަފާރި

އިންފްލޭޝަން ކޮންޓްރޯލްކުރުމަށް އާޖެންޓީނާ ސަރުކާރުން ވިޔަފާރިވެރިނާއެކު އެއްބަސްވުމަކަށް


މިއަހަރު ގާތްގަޑަކަށް %100 އަށް އަރާނެ ކަމަށް ލަފާކުރާ އާޖެންޓީނާގެ އިންފްލޭޝަން ކޮންޓްރޯލު ކުރުމަށް 1500 ތަކެތީގެ އަގު ފްރީޒް ނުވަތަ ރެގިއުލޭޓް ކުރުމަށް އެ ގައުމުގެ ސުޕަމާކެޓްތަކާއިއެކު އާޖެންޓީނާގެ ސަރުކާރުން އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

އާ އަގުތައް ކަނޑައެޅުމާއި ބެހޭގޮތުން އާޖެންޓީނާގެ އިގްތިޞާދާއި ބެހޭ ވުޒާރާއިން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ކާބޯތަކެއްޗާއި ބުއިންތަކުން ފެށިގެން ސާފުކުރާ ސާމާނުވެސް ހިމެނޭ ގޮތަށް ތަކެތީގެ އާ އަގުތައް ކަނޑައެޅުމުގެ މި އުސޫލުގެ ސަބަބުން ތަކެތީގެ އަގުތައް ހަމަޔައަކަށް އެޅުމަށް އެހީތެރިވެދޭނެއެވެ.

ފްރީޒިންގް ސްކީމްގެ ކަނޑައެޅުމުގެ ކުރިން ގާތްގަޑަކަށް 4 މަސް ދުވަސް ވަންދެން ބައެއް ތަކެތީގެ އަގުތައް ގާތްގަޑަކަށް %4 އަށް އުފުލޭނެއެވެ. އަނެއްބައި ތަކެތި މިހާރު ހުރި އަގަށް ސްކީމް ފެށި ނަމަވެސް ކޮންމެ މަހަކު %4 އެ ތަކެތީގެ އަގަށް އިތުރުވާނެ ކަމަށް ސަރުކާރުގެ ބަޔާނުގައިވެއެވެ.

އާޖެންޓީނާގައި މިހާރު އޮތް ވެރިކަމަށް އެ ގައުމުގެ ރައްޔިތުންގެ މާބޮޑު ތާއީދެއް ނެތެވެ. ތަކެތީގެ އަގު އުފުލެމުން ދާތީ އާޖެންޓީނާގެ ރައްޔިތުން އަންނަނީ އެކަމާއި ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ. އިންފްލޭޝަން އާއިއެކު ބޭރު ފައިސާގެ ރިޒާވް ދަށްވެ، ޑެފިސިޓްވެސް ބޮޑުވަމުން ދާތީ އާޖެންޓީނާގެ އިގްތިޞާދީ ދުވެލި ވަނީ ވަރަށް ބޮޑަށް މަޑުޖެހިފައެވެ. އެގޮތުން އެޤައުމުގެ ފަގީރުންގެ ނިސްބަތް މިހާރުވެސް ވަނީ %40އަށް އަރާފައެވެ. މިކަމާއި ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހުވެސް އެތައްހާސް ބަޔަކު ވަނީ މަގުތަކަށް ނިކުމެ ސަރުކާރަށާއި އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު، އައިއެމްއެފް އަށް ފާޑުކިޔައި މުޒާހަރާ ކޮށްފައެވެ. އައިއެމްއެފް އިން ވަނީ އާޖެންޓީނާއަށް ބިލިއަނުން ފައިސާގެ އެހީ ވެދީފައެވެ.

ޒަމާންތަކަކަށް އިގްތިސާދީ ހީނަރުކަމާ ކުރިމަތިލަމުން ގެންދާ އާޖެންޓީނާއިން ވަނީ އައިއެމްއެފްއާއި އެކު 44 ބިލިއަން އެމެރިކާ ޑޮލަރުގެ އެއްބަސްވުމެއްގައި މި އަހަރު ކުރީކޮޅު ސޮއިކޮށްފައެވެ. މިއީ 2018 ވަނަ އަހަރު އައިއެމްއެފްއާ އެކު ހަދައި މިހާރު ފެއިލްވެފައިވާ އެއްބަސްވުމުގެ ބަދަލުގައި ހެދި އެއްބަސްވުމެކެވެ.

އާޖެންޓީނާގެ އިގްތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ އަސްލު ސަބަބަކީ އައިއެމްއެފް ކަމަށް އެ ގައުމުގެ ގިނަ ބަޔަކު ގަބޫލު ކުރެއެވެ.