ދުނިޔޭގެ ވިޔަފާރި

ޗައިނާއިން ބައެއް މުދަލުން ނަގާ ޓެރިފަށް ބަދަލު ގެންނަނީ


އަންނަ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހު ފެށިގެން ބައެއް މުދަލުން ނަގާ ޓެރިފަށް ބަދަލު ގެންނަން ޗައިނާއިން ނިންމައިފިއެވެ. އެގޮތުން ޓެރިފަށް ބަދަލު ގެންނަން ނިންމާފައި ވަނީ ތަރައްގީ އަވަސްކޮށް ކުރިއެރުވުމަށާއި އެތެރޭގެ ޑިމާންޑް ފުޅާކުރުމުގެ ގޮތުން ކަމަށް އެ ޤައުމުގެ މާލީ ވުޒާރާއިން ބުނެއެވެ.

ޗައިނާއިން ޓެރިފަށް ގެންނަ ބަދަލުތަކުގެ ތެރޭގައި އެލްމިނިއަމް އާއި އެލްމިނިއަމް އެލޮއިސްގެ އެކްސްޕޯޓް ޓެރިފް ބޮޑުކުރަން ނިންމާފައިވާ ކަމަށް ޗައިނާގެ ސްޓޭޓް ކައުންސިލް، ނުވަތަ ކެބިނެޓްގެ ޓެރިފް ކޮމިޝަނާއި ހަވާލާދީ މާލީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މިހާރު އޮންނަ އިމްޕޯޓް ޓެރިފް 7 ވައްތަރެއްގެ ކޯލް އިން އަންނަ އަހަރުގެ މާޗް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ނަގަން ނިންމާފައިވާއިރު، ގިނަ ގައުމުތަކަށް ޓެރިފް ނަގަން ފަށާނީ އޭޕްރީލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށް މާލީ ވުޒާރާއިން ވަކިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން އަޅާފައި އޮތް ހަރުކަށި ފިޔަވަޅުތައް އުވާލުމާއެކު، ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިޤްތިޞާދު އޮންނަ ޗައިނާގައި އަނެއްކާވެސް ވަނީ ކޯވިޑުގެ ބަލިމަޑުކަން ފެތުރެން ފަށާފައެވެ. މިއާއެކު އާންމު ރައްޔިތުންނަށް ލުއިކޮށްދިނުމުގެ ގޮތުން ކޯވިޑުން ދިފާޢުވުމަށް ބޭނުންކުރާ ބައެއް ބޭހުން ޓެރިފް އެއްކޮށް ކަނޑާލަން ޗައިނާއިން ވަނީ ނިންމާފައެވެ.

އަހަރަކު އެއްފަހަރު ބާއްވާ ސެންޓްރަލް އިކޮނޮމިކް ވޯކް ކޮންފަރެންސަށް ބަލާއިރު، ޑިމާންޑް ދަށްވުމާއި، ސަޕްލައި އަށް ބުރޫއެރުން އަދި އެތެރޭގެ ޑިމާންޑް އިތުރުކޮށް، އާންމުން ޚަރަދުކުރާ މިންވަރު އިތުރު ކުރުމަށް އިސްކަންދިނުމަށް ފިޔަވަޅުތައް އަޅާނެ ކަމަށް ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން ވަނީ ވަޢުދުވެފައެވެ.

ވިޔަފާރިވެރިންގެ ޑިމާންޑްތައް ފުއްދުމަށްޓަކައި ކޮފީ އުފައްދާ މެޝިންތަކާއި ޖޫސް ނެގުމަށް ބޭނުންކުރާ ތަކެތީގެ އިމްޕޯޓް ޓެރިފް އިތުރަށް ދަށްކުރާނެ ކަމަށް ޓެރިފް ކޮމިޝަނުން ވަނީ ބުނެފައެވެ.

ޓެކްނޮލޮޖީގެ މައްސަލަތަކުގައި އެމެރިކާއާއެކު ވާދަވެރިކަން ބޮޑުވަމުންދާއިރު، ޗައިނާއިން ވަނީ އަންނަ އަހަރުގެ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އިންފޮމޭޝަން ޓެކްނޮލޮޖީގެ 62 ވައްތަރެއްގެ އުފެއްދުމަކުން ގިނަ ޤައުމުތަކުން ނަގާ ޓެރިފް އިތުރަށް ކުޑަކުރުމަށް ނިންމާފައެވެ. އެ ފިޔަވަޅާއެކު ޗައިނާގެ ޖުމްލަ ޓެރިފް %7.4 އިން %7.3 އަށް ކުޑަވެގެންދާނެއެވެ.