ކުޅިވަރު

ސެންޓްރަލް އޭޝިއަން މުބާރާތުން ރަން މެޑެލް ހާސިލުކުރި ރާއްޖޭގެ ޕެއާއަށް ހޫނު މަރުހަބާއެއް


ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންގެ ބީޗްވޮލީބޯޅަ ޓުއާގެ ރަން މެޑަލް ހާސިލުކުރި ގައުމީ ބީޗްވޮލީ ޓީމުގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް) އަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ބަންގްލަދޭޝްގެ ކޮކްސް ބާޒާރުގައި ކުރިއަށްދިޔަ މުބާރާތުން ހޯދި ކާމިޔާބީއަށްފަހު ޓީމު އެނބުރި މާލެ އައިސްފައިވަނީ އާދީއްތަ ދުވަހުގެ ރޭގަނޑުއެވެ.

ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ ހޯދި ކާމިޔާބީ ފާހަގަކުރުމަށް، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އާއި ޔޫތު މިނިސްޓްރީ ގުޅިގެން ވަނީ ސޯޝަލް ސެންޓަރުގެ ބޭރުގައި ހާއްސަ އިވެންޓެއް ބާއްވާފައެވެ. މި އިވެންޓުގައި ވޮލީ އާއިލާގެ ގިނަ އަދަދެއްގެ ކުޅުންތެރިންނާއި ބީޗު ވޮލީ ޓީމު ކުޅުންތެރިންގެ އާއިލާގެ އިތުރުން ވޮލީއަށް އެކި ގޮތްގޮތުން ހިދުމަތްކޮށްދެއްވާފައި ތިއްބެވި ބޭފުޅުން ބައިވެރިވިއެވެ.

މިއީ ސަރަހައްދީ ލެވަލްގެ މުބާރާތަކުން ރާއްޖެ އަށް ވޮލީބޯޅައިގައި ލިބުނު ފުރަތަމަ ރަން މެޑަލް އެވެ. ހަ ގައުމުން އަށް ޕެއާ ވާދަކުރި، މުބާރާތުގެ ޗެމްޕިއަންކަން ރާއްޖޭގެ ޕެއާ ހޯދީ ފައިނަލުގައި ނޭޕާލްގެ އެއް ވަނަ ޕެއާ، މަން ބަހާދުރު ޝްރެސްތާ އާއި ދިލް ބާހާދުރު ސުނާރު ބަލިކޮށްގެންނެވެ.

އެނބުރި ރާއްޖެ އައުމަށްފަހު ޕީއެސްއެމް ސްޕޯޓްސް އިން ކުރި ސުވާލަކަށް ޖަވާބުދެމުން ރަން މެޑަލް ހާސިލުކުރި ޕެއާގައި ހިމެނޭ ކުޑަ ކާއްޓޭ އަދި އެޑަމް ބުނީ މިއީ ބުރަ މަސައްކަތުން ހޯދި ކާމިޔާބީއެއް ކަމަށާއި އަމާޒަކީ މުސްތަގްބަލުގައި މިފަދަ އިތުރު ކާމިޔާބީތަކެއް ހޯދުން ކަމަށެވެ. އަދި ރަން މެޑަލް ހޯދުނީ ގިނަ ބައެއްގެ މަސައްކަތުން ކަމަށާއި އެ ކަމަށް ހުރިހާ ފަރާތަކަށް ޝުކުރުއަދާކުރާ ކަމަށެވެ.

ކުޅިވަރާ ބެހޭ ވަޒީރު މަހުލޫފް ވިދާޅުވީ، ކުޅިވަރު ކުރިއެރުވުމަށް މި ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތެރެއިން ބީޗްވޮލީ އަށް ވެސް މިހާތަނަށް ގިނަ ކަންތައްތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި ބީޗްވޮލީން ރާއްޖެ އަށް ރަން މެޑަލް ގެނެސްދިނުމަކީ ސަރުކާރުން ބީޗްވޮލީ އަށް ކޮށްދޭ ކަންތައްތަކުން ހާސިލްކުރަން ބޭނުންވި ލަނޑުދަނޑި ކަމަށާއި އުންމީދަކީ ކުރިއަށް އޮތްތަނުގައި ވެސް އެ ފަދަ ކާމިޔާބީ ހޯދުން ކަމަށްވެސް ވަޒީރު ފާހަގަކުރެއްވި އެވެ.

މީގެ ކުރިން ބީޗްވޮލީބޯޅައިގައި ރާއްޖޭން ވަނީ ބައިނަލްއަގުވާމީ ލެވަލްގައި އެކި ފަންތީގެ މުބާރާތްތަކުން ކާމިޔާބީތަކެއް ހޯދައިފައެވެ. އެ ގޮތުން 2019 ވަަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ޓީމު އިވެންޓް ބައިން ރިހި މެޑަލް ހޯދާފައެވެ.