ޚަބަރު

އުތުރު ކޮރެޔާއިން މިސައިލް ޓެސްޓެއް ތަޖުރިބާކޮށްފި


އުތުރު ކޮރެޔާއިން ޓެސްޓު ކުރި މިސައިލެއް ޖަޕާނުގެ އިޤްތިޞާދީ ކަނޑުގެ ސަރަޙައްދަށް ވެއްޓުމުން، އެ ޤައުމުން ނުރުހުން ފާޅުކޮށްފިއެވެ. ޖަޕާނުން ބުނީ، އުތުރު ކޮރެޔާއިން ޓެސްޓު ކޮށްފައި ވަނީ އިންޓަރކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް (އައި.ސީ.ބީ.އެމް)އެއް ކަމަށް ބެލެވޭ ކަމުގައެވެ. އެއީ، އެހެން ބައްރެއްގައި އޮންނަ ޤައުމަކަށް ހަމަލާދިނުމަށް ބޭނުން ކުރެވޭނެ ދުރު ރާސްތާ މިސައިލެކެވެ.

އުތުރު ކޮރެޔާއިން ޓެސްޓުކޮށްފައިވާ މިސައިލް 66 މިނެޓަށް ވައިގެ ތެރޭގައި ދަތުރުކޮށްފައިވާ ކަމަށާއި، 900 ކިލޯމީޓަރުގެ ދުރުމިނަކަށް އުދުހިފައިވާ ކަމުގައި ޖަޕާން ސަރުކާރުގެ ތަރުޖަމާނު ހިރޮކާޒޫ މަޓްސުނޯ ވިދާޅުވިއެވެ. އަދި، 5,700 ކިލޯމީޓަރު އުހަށް ދަތުރުކުރުމަށް ފަހު މިސައިލް ވެއްޓިފައި ވަނީ، ޖަޕާނުގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދަށް ކަމުގައި އޭނާ ވިދާޅުވިއެވެ.

"ޖަޕާނުން ދަނީ ސަރަޙައްދީ ހަމަޖެހުމާއި ސުލްޙަމަސަލަންކަން ނަގައިލަން މަސައްކަތް ކުރަމުން. މިއީ، އެއްވެސް ހާލެއްގައި މަޢާފު ކުރެވޭ ފަދަ އަމަލެއް ނޫން. ރަސްމީ ކޮށް މި ކަމާ މެދު ނުރުހުން ފާޅުކުރާ ނަން. އަދި، އެމެރިކާއާއި ދެކުނު ކޮރެޔާއާ ގުޅިގެން މި ކަމާ ދެކޮޅަށް ފިޔަވަޅު އަޅާނަން. އ.ދ.ގެ ސަލާމަތީ މަޖިލީހަށް ވެސް މައްސަލަ ހުށަހަޅާނަން،" މަޓްސުނޯ ވިދާޅުވިއެވެ.

ޖަޕާނުގެ ދިފާޢީ ވަޒީރުގެ ނައިބު ޓޮޝީރޯ އިނޯ ވިދާޅުވީ، އުތުރު ކޮރެޔާގެ މިސައިލް ވެއްޓިފައި ވަނީ އެ ޤައުމުގެ އުތުރުގައިވާ ހޮކައިޑޫގެ ރަށެއް ކަމުގައިވާ އޮކިނާވާއާ ހުޅަނގުން 200 ކިލޯމީޓަރު ދުރަށް ކަމުގައެވެ. އަދި، މިއީ ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ސުލްޙަމަސަލަސްކަން ނަގައިލަން ހިންގާފައިވާ އަމަލެއްގެ ގޮތުގައި ބޮޑުވަޒީރު ފުމިޔޯ ކިޝިޑާ ދެކެވަޑައިގަންނަވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ހުސްވި 2022 ވަނަ އަހަރު އުތުރު ކޮރެޔާއިން ވަނީ ގިނަ ޢަދަދެއްގެ މިސައިލް ޓެސްޓުތަކެއް ހަދާފައެވެ. މީގެ ތެރޭގައި އައި.ސީ.ބީ.އެމް. ވެސް ހިމެނެއެވެ. 2022 ވަނަ އަހަރުގެ ނޮވެންބަރު މަހު އުތުރު ކޮރެޔާއިން ޓެސްޓު ކުރިން އެހެން މިސައިލެއް ވެސް ޖަޕާނުގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދަށް ވެއްޓި، މަސްރަޙު ހޫނުވިއެވެ. އެ މިސައިލް ދަތުރުކޮށްފައި ވަނީ ޖަޕާނުގެ މަތިންނެވެ.