ކުރިއަށް އޮތް 12 ވަރަކަށް ދުވަހުގެ ތެރޭގައި ނިއުކްލިޔަރ ހަތިޔާރެއް ބިނާކުރުމަށް ބޭނުންވާ މިންވަރަށް "ފިސައިލް މެޓީރިޔަލް" އުފެއްދުމުގެ ގާބިލުކަން އީރާނުން ހޯދާފައިވާ ކަމުގައި އެމެރިކާގެ ދިފާޢީ އިދާރާގެ އިސް އޮފިޝަލެއް ވިދާޅުވެއްޖެއެވެ. އެމެރިކާއިން ކުރިން ގަބޫލުކުރަމުން ގޮސްފައި ވަނީ، ނިއުކްލިޔަރ ބޮމެއް ހެދުމަށް ބޭނުންވާ މިންވަރަކަށް ޔުރޭނިއަމް މުއްސަނދިކޮށް ފިސައިލް މެޓީރިޔަލް އުފެއްދުމަށް އީރާނަށް އަހަރަކަށްވުރެ ގިނަ ދުވަސް ހޭދަވާނެ ކަމުގައެވެ.
12 ވަރަކަށް ދުވަހުގެ ތެރޭގައި އީރާނަށް ނިއުކްލިޔަރ ބޮމެއް އުފެއްދޭނެ ކަމުގައި ވިދާޅުވެފައި ވަނީ ވައިޓް ހައުސްގެ އަންޑަރސެކްރެޓަރީ އޮފް ޑިފެންސް ފޯރ ޕޮލިސީ ކޮލިން ކާލްއެވެ. އޭނާ މި ކަން ހާމަކުރައްވާފައި ވަނީ، އީރާނާއެކު ދުނިޔޭގެ ބާރުތަކުން ކުރިން ހަދާފައި އޮތް ނިއުކްލިޔަރ ހަކަތައާ ބެހޭ އެއްބަސްވުން އަލުން އިޔާދަކުރުމަށް އެމެރިކާ ސަރުކާރުން މަސައްކަތް ކުރަމުންދާ ސަބަބާ ގުޅޭ ގޮތުން ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއަށް ހާޒިރުކޮށް ސުވާލު ކުރުމުންނެވެ.
އީރާނުގެ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމުގެ ދަށުން ނިއުކްލިޔަރ ބޮމެއް އުފައްދަން މަސައްކަތްކޮށްފާނެ ކަމަށް ބަލައި، އެ ކަން ހުއްޓުވުމަށް ދުނިޔޭގެ ބާރުތަކުން ވަނީ 2015 ވަނަ އަހަރު އީރާނާއެކު އެއްބަސްވުމެއް އެކުލަވައިލާފައެވެ. އެ އެއްބަސްވުމުގެ ދަށުން، އީރާނުން ނިއުކްލިޔަރ ހަތިޔާރު އުފައްދަން މަސައްކަތް ނުކުރާނަމަ، ހުޅަނގުން އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިތަކެއް ދެވޭނެއެވެ.
ނަމަވެސް، 2018 ވަނަ އަހަރު، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގައި އެ އެއްބަސްވުމަށް އަމަލުކުރުން ވަނީ ހުއްޓައިލާފައެވެ. އަދި، އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ދަނީ، އެ އެއްބަސްވުން އަލުން އުޔާދަކުރުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް، އެ ކަމާ ގުޅޭ މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދިފައެއް ނުވެއެވެ.
"އެއްބަސްވުން އުވައިލި ފަހުން އީރާނުން ވަނީ ނިއުކްލިޔަރ ހަތިޔާރެއް އުފައްދަން ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުޅާކޮށް، ވަރުގަދަކޮށްފައި. ކުރިން ބެލެވުނީ، ބޮމެއް ހަދަން ބޭނުންވާ މިންވަރަށް ފިސައިލް މެޓީރިޔަލް ތައްޔާރު ކުރަން އެ ޤައުމަށް 12 ވަރަކަށް ދުވަސް ނަގާނެ ކަމަށް. ނަމަވެސް، މިހާރު އިނގޭ އެންމެ 12 ދުވަހުގެ ތެރޭގައި ވެސް އީރާނަށް އެ ކަން ކުރެވިދާނެ ކަން،" ކާލް ވިދާޅުވިއެވެ.
އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ މައްސަލަ ހައްލުކުރަން އެމެރިކާއިން ބޭނުންވަނީ ސުލްޙައާއި މަޝްވަރާގެ މަގު ކަމުގައި ކާލް ވިދާޅުވިއެވެ. ނަމަވެސް، އެއްބަސްވުން އަލުން އިޔާދަކުރުމުގެ މަސައްކަތްތައް މި ވަގުތަށް ހުއްޓިފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.
އީރާނަށް އެންމެ 12 ދުވަހުން ނިއުކްލިޔަރ ބޮމަކަށް ބޭނުންވާ މިންވަރަކަށް ފިސައިލް މެޓީރިޔަލް ތައްޔާރުކުރެވޭނެ ކަމަށް ކާލް ވިދާޅުވި ނަމަވެސް، ބޮމެއް ހެދޭނެ ފުރިހަމަ ގާބިލުކަން އެ ޤައުމަށް އަދި ހޯދިފައި ނުވާ ކަމަށް އެމެރިކާގެ ބައެއް އޮފިޝަލުން ގަބޫލުކުރެއެވެ. އަދި، އެ ކަމަށް ބޭނުންވާ ހުރިހާ ޓެކްނޮލޮޖީގެ ކުރިއެރުންތައް ވެސް އީރާނަށް ހޯދިފައި ނުވާ ކަމަށް އެމެރިކާގެ ދިފާޢީ ދާއިރާގެ ބައެއް އޮފިޝަލުން ގަބޫލުކުރެއެވެ.
އީރާނުން ހުސްވި ހަފުތާގައި ވަނީ ބާރުގަދަ ދުރުރާސްތާ ކްރޫޒް މިސައިލެއް އެ ޤައުމުގެ އަސްކަރީ މަރުކަޒުތަކަށް ފޮނުވާފައެވެ. އައު ކްރޫޒް މިސައިލެއް އުފައްދާފައިވާ ކަން އެ ޤައުމުގެ ރިވޮލޫޝަނަރީ ގާޑްސްގެ އިސް ކޮމާންޑަރަކު ހާމަކޮށްފައި ވަނީ، ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމައިގައި ރަޝިޔާއިން އީރާނުގައި އުފައްދާ ޑްރޯން ބޭނުންކުރަމުންދާތީ ހުޅަނގުން ކަންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އީރާނުން އަލަށް އުފައްދާފައިވާ ކްރޫޒް މިސައިލަކީ 1,650 ކިލޯމީޓަރު ދުރަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ މިސައިލެއް ކަމުގައި އެ ޤައުމުގެ ރިވޮލޫޝަނަރީ ގާޑްސްއިން ހާމަކުރެއެވެ. ރިވޮލޫޝަނަރީ ގާޑްސްގެ އެރޯސްޕޭސް ފޯސްގެ އިސްވެރިޔާ އާމިރުޢަލީ ހާޖީޒާދާ ވިދާޅުވީ، އަލަށް އުފައްދާފައިވާ ކްރޫޒް މިސައިލްތައް އެ ޤައުމުގެ އަސްކަރީ މަރުކަޒުތަކަށް މިހާރު ފޯރުކޮށްދީފައިވާ ކަމުގައެވެ.
ފަހަކަށް އައިސް އީރާނުން ވަނީ އެ ޤައުމުގެ މިސައިލް ޕުރޮގުރާމު އިތުރަށް ފައްކާކޮށްފައެވެ. އަދި، ބާރުގަދަ މިސައިލް އުފެއްދުން އިތުރުކޮށްފައެވެ. މިއީ، އެމެރިކާއާއި ހުޅަނގުން ގޮންޖެހުމުގެ ގޮތުން އީރާނުން ހިންގަމުންދާ އަމަލުތަކެއް ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ނަމަވެސް، އީރާނުން ބުނަނީ، އެއީ އެ ޤައުމުގެ ދިފާޢުގައި ހިންގަމުންދާ އަސްކަރީ ޕުރޮގުރާމުތަކެއް ކަމުގައެވެ.