ޚަބަރު

ޔަހޫދީ ސިފައިން ޖިނީނަށް އަރައި ފަލަސްޠީނުގެ ތިން މީހުން ޝަހީދުކޮށްލައިފި


އިސްރާޢީލުން ވެރިވެގަނެފައިވާ ހުޅަނގު އައްސޭރީގެ ޖިނީނަށް ޔަހޫދީ ޖައްބާރު ސިފައިން އަރައި ހިންގި ލާއިންސާނީ އުދުވާންތަކެއްގައި ފަލަސްޠީނުގެ ތިން މީހުން ޝަހީދުކޮށްލައިފިއެވެ. ހުޅަނގު އައްސޭރީގެ އުތުރުގައިވާ ޖަބާއަށް އަރައި ޔަހޫދީ ޓެރެރިސްޓު ސިފައިން ހިންގި އުދުވާންތަކުގައި ފަލަސްޠީނުގެ ތިން މީހުން ޝަހީދުކޮށްލާފައި ވަނީ ބަޑި ޖަހައި ދިން ހަމަލާތަކެއްގައެވެ.

ޔަހޫދީ ސިފައިން ހަމަލާދީ ޝަހީދުކޮށްލާފައި ވަނީ 26 އަހަރުގެ ސުފިޔާން ފަޚުރީއާއި، 22 އަހަރުގެ އަޙްމަދު ފަޝަފްޝާއާއި، 25 އަހަރުގެ ނާޔިފް މަލައިޝާއެވެ. އެ މީހުން ޝަހީދުވެފައި ވަނީ ޔަހޫދީ ސިފައިން ދިން ބަޑީގެ ހަމަލާތަކެއްގައި ކަން ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ވަނީ ކަށަވަރު ކޮށްދީފައެވެ.

ޔަހޫދީ އިސްރާޢީލުގެ ޤައުމީ ސަލާމަތާ ބެހޭ ޖައްބާރު ވަޒީރު އިތަމާތް ބެން-ގުވީރު ވަނީ، ޔަހޫދީ ސިފައިން ހިންގި ލާއިންސާނީ އުދުވާންތައް ދިފާޢުކޮށްފައެވެ. އަދި، ފަލަސްޠީނުގެ ކުށެއް ނެތް މުސްލިމުން ޝަހީދުކޮށްލުމުގައި ހަރަކާތްތެރިވި ޔަހޫދީ ޓެރެރިސްޓު ސިފައިންނަށް މަރުޙަބާ ކިޔާފައެވެ.

ޔަހޫދީ ސިފައިން ބުނީ، އެ މީހުން ބަރުހަތިޔާރާ އެކު ޖަބާއަށް އަރާފައި ވަނީ ދެ ޓެރެރިސްޓުން ހައްޔަރުކުރުމަށް ކަމުގައެވެ. އެ ދެ ޓެރެރިސްޓުންނަކީ އިސްރާޢީލުގެ ޢާންމުންނަށް ހަމަލާދިނުމުގައި ބައިވެރިވެފައިވާ ދެ މީހުން ކަމުގައި ވެސް ޔަހޫދީ އަސްކަރިއްޔާއިން ބުނެއެވެ. ޝަހީދުކޮށްލާފައިވާ ތިން މީހުންގެ ތެރެއިން ފަޚުރީއާއި ފަޝަފްޝާއަކީ، ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދުކުރަމުންދާ އިސްލާމިކް ޖިހާދު ޖަމާޢަތުގެ ދެ މެންބަރުންނެވެ.

އެ ޖަމާޢަތުން ވަނީ، އެ ޖަމާޢަތުގެ ދެ މެންބަރުން ޝަހީދުކޮށްލި ހާދިސާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި، އެ ކަމުގެ ބަދަލުހިފާނެ ކަމުގެ އިންޒާރު ދީފައެވެ. މީގެ އެއް ދުވަސް ކުރިން، ޔަހޫދީ ޓެރެރިސްޓު ސިފައިން ވަނީ ޖިނީނަށް އަރައި ފަލަސްޠީނުގެ އިތުރު ހަ މީހަކު ޝަހީދުކޮށްލާފައެވެ.

ޖިނީން ރެފިޔުޖީ ކޭމްޕަށް ވަދެ ޔަހޫދީ ސިފައިން ދިން ހަމަލާތަކުގައި ރޮކެޓް ފަދަ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްފައިވާ ކަމުގައި ފަލަސްޠީނުން ބުނެއެވެ. އަދި، މިއީ ހަނގުރާމައިގެ އަމަލެއްގެ ގޮތުގައި ސިފަކޮށް، ފަލަސްޠީނުގެ ރައީސް މަޙްމޫދު އައްބާސްގެ ތަރުޖަމާނު ނަބީލް އަބޫ ރުދައިނާ ވަނީ ޔަހޫދީ ސިފައިންގެ އުދުވާންތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ.

ޔަހޫދީން ސިފައިންގެ ހަމަލާތަކުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ތެރޭގައި 49 އަހަރުގެ ޢަބްދުލް ފައްޠާޙް ޙުސައިން ޚުރޫޝާ ހިމެނޭ ކަމުގައި ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނެއެވެ. ޔަހޫދީ ސިފައިން ޖިނީނަށް އަރާފައި ވަނީ އޭނާ ޝަހީދުކޮށްލުމުގެ ބޭނުމުގައި ކަމަށް ބެލެވެއެވެ. ފެބްރުވަރީ 26 ވަނަ ދުވަހު ހުޅަނގު އައްސޭރީގެ ހުވާރާގައި ދިން ހަމަލާއެއްގައި އިސްރާޢީލުގެ ދެ ޔަހޫދީން މަރައިލުމުގެ ފަހަތުގައި ވަނީ އޭނާ ކަމަށް ޔަހޫދީ ސިފައިން ތުހުމަތު ކުރެއެވެ.

ޔަހޫދީ ޖައްބާރު ސިފައިން މި އަހަރުގެ ތެރޭގައި ހިންގާފައިވާ އުދުވާންތަކުގައި ޝަހީދުކޮށްލާފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ޢަދަދު މިހާރު ވަނީ 74 އަށްވުރެ އިތުރުވެފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް ޢާންމުންނާއި ކުޑަކުދިންނެވެ. އުމުރުން ދުވަސްވީ އަންހެނެއް ވެސް ވަނީ ޝަހީދުކޮށްލާފައެވެ.