ޚަބަރު

ހަތް އަހަރަށްފަހު ސަޢޫދީ ޢަރަބިއްޔާއާއި އީރާނުން ސިޔާސީ ގުޅުން ގާއިމުކޮށްފި


ހަތް އަހަރަށްފަހު ސަޢޫދީ ޢަރަބިއްޔާއާއި އީރާނާ ދެމެދު އަލުން ސިޔާސީ ގުޅުން ގާއިމުކުރުމަށް ދެ ޤައުމުން އެއްބަސްވެއްޖެއެވެ. ޗައިނާއިން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން މި ކަމާ ގުޅޭ މަޝްވަރާތައް ބާއްވާފައި ވަނީ، ބެއިޖިންގައެވެ. ސަޢޫދީ ޢަރައްބިއްޔާއާއި އީރާނާ ދެމެދު އަލުން ގުޅުން ގާއިމުކުރުމަށް ދެ ޤައުމުން އެއްބަސްވެފައި ވަނީ ހަތަރު ދުވަހުގެ މަޝްވަރާތަކަށް ފަހުއެވެ.

މި މަޝްވަރާތަކުގައި ދެ ޤައުމުގެ ސަލާމަތީ ދާއިރާގެ އިސް ބޭފުޅުން ބައިވެރިވިއެވެ. މި ކަމާ ގުޅޭ ގޮތުން ސަޢޫދީ ޢަރަބިއްޔާއާއި އީރާނާއި ޗައިނާއިން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ދެ ޤައުމުގައިވާ އެމްބަސީތައް އަލުން ހުޅުވާނެ ކަމުގައެވެ. އަދި، ދެ ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް އިޙުތިރާމުކޮށް، ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަނުމަށް ވެސް ދެ ޤައުމުން ވަނީ އެއްބަސްވެފައެވެ.

ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން އަލުން ގާއިމުކޮށްފައި ވަނީ ދެ ޤައުމުގެ ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ. 2019 ވަނަ އަހަރު ސަޢޫދީ ޢަރަބިއްޔާގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކަށް ދީފައިވާ މިސައިލާއިން ޑްރޯން ހަމަލާތަކެއްގެ ފަހަތުގައި ވަނީ އީރާނު ކަމަށް ސަޢޫދީން ވަނީ ތުހުމަތުކޮށްފައެވެ. ގަލްފް ކަނޑުގައި އޮތް ސަޢޫދީގެ ތެޔޮ ޓޭންކަރުތަކަކަށް އީރާނުން ހަމަލާދީފައިވާ ކަމަށް ވެސް އެ ޤައުމުން ތުހުމަތުކުރިއެވެ. ނަމަވެސް، އީރާނުން ވަނީ ތުހުމަތުތައް ދޮގުކޮށްފައެވެ.

ޔަމަނުގައި ހަރަކާތްތެރިވާ ހޫޘީ ޖަމާޢަތަކީ ވެސް އީރާނުން ވާގިވެރިވެދޭ ބަޔެކެވެ. އެ ޖަމާޢަތުން ވެސް ވަނީ، ސަޢޫދީ ޢަރަބިއްޔާއަށް މިސައިލް ހަމަލާތަކެއް ދީފައެވެ. އަދި، 2022 ވަނަ އަހަރުގެ ތެރޭގައި އެކުވެރި ޢަރަބި ޢިމާރާތް (ޔޫ.އޭ.އީ)އަށް ވެސް ހޫޘީން ވަނީ ހަމަލާތަކެއް ދީފައެވެ.

ސަޢޫދީ ޢަރަބިއްޔާއާއި އީރާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ ސަޢޫދީގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު މުޞްޢަދު ބިން މުޙައްމަދު އަލް-ޢައިބާނާއި އީރާނުގެ ސަލާމަތާ ބެހޭ އިސް އޮފިޝަލެއް ކަމުގައިވާ ޢަލީ ޝަމްޚާނީއެވެ. މި އެއްބަސްވުމާ އެކު، 2001 ވަނަ އަހަރު އެކުލަވައިލި ސަލާމަތާ ބެހޭ އެއްބަސްވުމަށް އަލުން އަމަލުކުރަން ފެށުމަށާއި، ވިޔަފާރިއާއި އިޤުތިޞާދީ ދާއިރާއިން ކުރިން ހަދާފައިވާ އެއްބަސްވުންތަކަށް އިޙުތިރާމު ކުރުމަށް ވެސް ދެ ޤައުމުން ވަނީ އަހުދުވެފައެވެ.

މި އެއްބަސްވުމާ ގުޅޭ ގޮތުން ޗައިނާގެ ކޮމިޔުނިސްޓު ޕާޓީގެ ޚާރިޖީ ސިޔާސަތާ ބެހޭ އިސްވެރިޔާ ވޮންގް ޔީ ވިދާޅުވީ، މިއީ ވަރަށް ތާރީޚީ އެއްބަސްވުމެއް ކަމަށާއި، މި އެއްބަސްވުމުން ދޭހަކޮށްދެނީ މަޝްވަރާއާއި ސުލްޙައިގެ ބާރު ކަމުގައެވެ. އަދި، ބައިނަލްއަޤުވާމީ މަސްރަޙުގައި ހުރި މި ފަދަ މައްސަލަތައް ހައްލުކުރުމުގައި ޗައިނާއިން މެދުވެރިއެއްގެ ދައުރު އަދާކުރުމުގައި އިސްކޮށް ހަރަކާތްތެރިވުމުގައި ދެމިއޮންނާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

މި ކަމާ ގުޅޭ ގޮތުން އެމެރިކާގެ ވައިޓް ހައުސްގެ ޤައުމީ ސަލާމަތާ ބެހޭ އޮފީހުގެ ތަރުޖަމާނު ވިދާޅުވީ، ޔަމަނުގެ ދާޚީލީ ހަނގުރާމަ ނިމުމަކަށް ގެނެސް، މެދުއިރުމައްޗަށް ސުލްޙަ ގެނައުމަށް ކުރާ މި ފަދަ ކޮންމެ ކަމަކަށް އެމެރިކާއިން މަރުޙަބާ ކިޔާ ކަމުގައެވެ. ޖޯ ބައިޑަންގެ ވެރިކަމުގައި އެމެރިކާއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮތް ގުޅުންތައް ވަނީ ހީނަރުވެފައެވެ. ދެ ޤައުމުގެ ދެމެދުގައި ދެބަސްވުންތައް އުފެދިފައި ވަނީ ސަޢޫދީ ޢަރަބިއްޔާގެ އިންސާނީ ހައްޤުތަކުގެ ހާލަތާއި، ޔަމަނުގެ ހަނގުރާމައާއި، ސަޢޫދީން ތެޔޮ އުފައްދާ މިންވަރާ ގުޅޭ މައްސަލަތަކުގައެވެ.

ސަޢޫދީ ޢަރަބިއްޔާއިން ރަޝިޔާއާ އެކު ގުޅުން ބާއްވާތީ ވެސް އެމެރިކާއިން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އަދި، އެމެރިކާގެ އެންމެ ބޮޑު ހަތުރު ކަމުގައި އެ ޤައުމުން ދެކޭ ޗައިނާއާ އެކު ވެސް ސަޢޫދީ ޢަރަބިއްޔާއިން ދަނީ ގާތް ގުޅުމެއް ބާއްވަމުންނެވެ. ޗައިނާގެ ރައީސް ޝީ ޖިންޕިންގް ދާދިފަހުން ސަޢޫދީ ޢަރަބިއްޔާއަށް ޒިޔާރަތެއް ކުރައްވާފައިވެއެވެ.

ސަޢޫދީ ޢަރަބިއްޔާއާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމަކީ ސުންނީންނާއި ޝިޔަޢީންނާ ދެމެދު އުފެދިފައިވާ ކޯޅުންގަނޑެކެވެ. މި ކޯޅުންގަނޑު މެދުއިރުމަތީގެ ސަރަޙައްދުތަކަށް ފެތުރި، ދެ ޤައުމުން ދަނީ ސޫރިޔާއާއި ޔަމަނުގެ ދާޚިލީ ހަނގުރާމައިގައި ވާދަވެރި ފަރާތްތަކަށް އެއްބާރުލުން ދީފައެވެ.

ސަޢޫދީ ޢަރަބިއްޔާއިން އީރާނާ އެކު ސިޔާސީ ގުޅުން ކަނޑައިލާފައި ވަނީ 2016 ވަނަ އަހަރު ތެހެރާނުގައި ހުންނަ ސަޢޫދީ ޢެމްބަސީއަށް ބަޔަކު ވަތް ހާދިސާއާ ގުޅިގެންނެވެ. އެ ހާދިސާ ހިނގާފައި ވަނީ، ސަޢޫދީ ޢަރަބިއްޔާއިން އެ ޤައުމުގައި އުޅޭ ޝިޔަޢީންގެ ދީނީ ޢިލްމުވެރިއަކަށް މަރުގެ އަދަބު ދިނުމާ ގުޅިގެންނެވެ.

ނަމަވެސް، ދެ ޤައުމުގެ މެދުގައި އަލުން ސިޔާސީ ގުޅުން ގާއިމުކުރުމުން، މެދުއިރުމަތީގެ ސުލްޙަ ގާއިމުކުރުމަށް އިތުރު ދޮރުތަކެއް ހުޅުވިގެން ގޮސްފައިވާ ކަމުގައި އީރާނުގެ ޚާރިޖީ ވަޒީރު ޙުސައިން ޢަބްދުاللهހިއަން ވިދާޅުވިއެވެ. އަދި، އެ މަސައްކަތް ރަނގަޅު މިސްރާބަކަށް ދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި އޭނާ ވިދާޅުވިއެވެ. މިހާރު އަމަލުކުރުން ހުއްޓައިލާފައިވާ އީރާނުގެ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމާ ގުޅޭ އެއްބަސްވުން އަލުން އިޔާދާކުރުމަށް ވެސް ސަޢޫދީން ދަނީ ބާރުއަޅަމުންނެވެ.