މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖު 2023 ގެ ކުއާޓާ ފައިނަލް މެޗުތަކުން މޮޅުވެ ރ. އިނގުރައިދޫ، ގދ. ވާދޫ، ލ. ގަން އަދި ދ. ކުޑަހުވަދޫ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
މި މުބާރާތުގެ ސެމީ ފައިނަލަށް މި ހަތަރު ޓީމު ދަތުރުކުރިއިރު، މީގެ ތެރެއިން އިނގުރައިދޫ އަދި ވާދޫން ސެމީ ފައިނަލަށް ދަތުރުކުރި މިއީ ފުރަތަމަ ފަހަރެވެ.
ރެހެންދި ފުޓްސަލް ދަނޑުގައި އެންމެ ފަހުގެ ޗެމްޕިއަން ތ. ތިމަރަފުއްޓާއި، ލ. ގަން ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 ގެ ނަތީޖާއަކުންނެވެ. ޕެނަލްޓީގައި ގަމުން ކުރިހޯދީ 5-4 އިންނެވެ.
އިނގުރައިދޫން ސެމީ ފައިނަލަށް ދަތުރުކުރީ ނައިވާދޫގެ މައްޗަށް ޕެނަލްޓީގައި ކުރިހޯދައިގެންނެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 3-3 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. ޕެނަލްޓީގައި އިނގުރައިދޫން ކުރިހޯދީ 5-7 ގެ ނަތީޖާއަކުންނެވެ.
ކުޑަހުވަދޫ އާއި ބ. އޭދަފުށި ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ. ޕެނަލްޓީގައި ކުޑަހުވަދޫން ކުރިހޯދީ 3-2 ގެ ނަތީޖާއަކުންނެވެ.
ޕެނަލްޓީއަށް ނުގޮސް ކުއާޓާ ފައިނަލް ނިންމާލީ ވާދޫންނެވެ. މާފަންނުގެ މައްޗަށް ވާދޫން ކުރިހޯދީ 4-1 ގެ ނަތީޖާއަކުންނެވެ.
މި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅޭނީ އަންނަ އަންގާރަ ދުވަހުއެވެ. ފުރަތަމަ ސެމީގައި އިނގުރައިދޫން ނުކުންނާނީ ގަމާއި ދެކޮޅަށެވެ. އަދި ދެވަނަ ސެމީގައި ވާދޫން ނުކުންނާނީ ކުޑަހުވަދޫ އާއި ދެކޮޅަށެވެ.
މި ފަހަރުގެ ސެމީ ފައިނަލަށް ދަތުރުކުރި ޓީމުތަކުން މީގެ ކުރިން ގޯލްޑަން ފުޓްސަލް ޗެލެންޖު ކާމިޔާބުކޮށްފައެއްނުވެއެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މި މަހުގެ 19 ވަނަ ދުވަހުއެވެ.