އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސް ބަލިކޮށް ތާވަލުގެ އެއްވަނައިގައި އުޅޭ އާސެނަލާ ދެމެދުގައިވާ ފަރަގު އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ކުޑަކޮށްފިއެވެ.
ޕެލަސްގެ ދަނޑުގައި ކުޅުނު މިމެޗް ސިޓީން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީއިންނެވެ. ނަމަވެސް ޕެލަސްއިން މިމެޗްގައި ޑިފެންޑް ކުރަމުންދިޔަލެއް ވަރުގަދަ ކަމުން ސިޓީއަށް ލަނޑެއް ޖެހުމުގައި ދިޔައީ ގިނަ އުނދަގޫ ތަކަކާއި ކުރިމަތިލަމުންނެވެ.
މިމެޗްގައި ސިޓީއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެޓީމުން ޖަހާފައިވަނީ މެޗްގެ 78 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއިންނެވެ. މިޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށްދިނީ އަރލިންގ ހާލަންޑްއެވެ. މިއީ ޕެލަސްގެ މައިކަލް އޮލީސޭ އެޓީމްގެ ޕެނަލްޓީ އޭރިއާ ތެރެއިން ސިޓީގެ ކެޕްޓަން އިލްކައި ގުންޑޮގާންއަށް ކުރި ފައުލަކާއި ގުޅިގެން ދިން ޕެނަލްޓީއެކެވެ. މި ޕެނަލްޓީ އާއެކު ހާލަންޑް ވަނީ މިފަހަރު ލީގުގައި މިހާތަނަށް 28 ލަނޑު ކާމިޔާބުކޮށްފައެވެ.
މިމެޗްގައި ޕެލަސްއިން ވަރުގަދައަށް ޑިފެންޑް ކުރި ނަމަވެސް ސިޓީއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ދެތިން ފުރުސަތު ލިބިގެން ގޮސްފައެވެ. އަދި ޕެލަސްއިންވެސް ވަނީ ކައުންޓަރ އެޓޭކްގައި ދޭތެރެ ދޭތެރެއިން ސިޓީގެ ގޯލަށް ނުރައްކާ ކޮށްފައެވެ.
މިކާމިޔާބީއާއެކު ސިޓީން މިހާރު ވަނީ ކުޅުނު 27 މެޗުން 61 ޕޮއިންޓް ހޯދައި އެއްވަނައިގާ އުޅޭ އާސެނަލާ ދެމެދުގައިވާ ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފައެވެ. ނަމަވެސް އާސެނަލުން ފުލަމާ ދެކޮޅަށް ކުޅޭ މެޗް ކާމިޔާބުކޮށްފި ނަމަ އެ ޓީމަށް އަނެއްކާވެސް ފަސް ޕޮއިންޓްގެ ލީޑެއް ލިބިގެންދާނެއެވެ. އަދި މިމެޗުން ބަލިވުމުން ޕެލަސް އުޅެނީ 27 ޕޮއިންޓާއެކު ތާވަލުގެ 12 ވަނައިގައެވެ.