ކުޅިވަރު

13 އަހަރު ފަހުން ބޮކުރީ އަލުން ވިކްޓަރީއަށް


ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ހުނަރުވެރި ވިންގް ހުސެއިން ނިޔާޒް މުޙައްމަދު (ބޮކުރީ) އަލުން އޭނާ އެންމެ ފުރަތަމަ ކެރިއަރު ފެށި ކުލަބު ކަމަށްވާ ވިކްޓަރީ ސްޕޯޓްސް ކުލަބަށް ބަދަލުވެއްޖެއެވެ.

އުމުރުން މިހާރު 34 އަހަރުގެ ބޮކުރީ މީގެ ކުރިން ވަނީ 2007-2010 ވިކްޓަރީއަށް ކުޅެފައެވެ. އެހެންކަމުން އޭނާ އަލުން ވިކްޓަރީއަށް ސޮއިކުރީ 13 އަހަރު ފަހުންނެވެ.

ވިކްޓަރީ ދޫކޮށް 2011-2012 އަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅުމަށްފަހު ބޮކުރީ ވަނީ 2013 ވަނަ އަހަރު ސައްތައިން ސައްތަ ރިކޯޑަކާއެކު ރާއްޖޭގެ ހުރިހާ މުބާރާތެއް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުން ކާމިޔާބުކުރިއިރު، އެ ޓީމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

އޭގެ ފަހުން 2014 ވަނަ އަހަރުގެ ސީޒަނުގައި އުފަން ރަށަށް ނިސްބަތްވާ މަހިބަދޫ ސްޕޯޓްސް ކުލަބު ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދުމާއެކު އޭނާ ފެނުނީ އެ ޓީމުންނެވެ. މަހިބަދޫއަށް ފުރަތަމަ ޑިވިޝަނުގައި އެއް ސީޒަން ކުޅުމަށް ފަހު ބޮކުރީ ވަނީ އެނބުރި މާޒިޔާއަށް ބަދަލުވެ އެ ޓީމުގައި ކާމިޔާބު ތިން ސީޒަން ހޭދަކޮށްފައެވެ.

އޭގެ ފަހުން ލިބުނު ސީރިއަސް އަނިޔާއެއްގެ ސަބަބުން ދެ އަހަރު ފުރަތަމަ ޑިވިޝަނުގެ ކުލަބަކުން ނުފެނި ހުރުމަށްފަހު 2020 ވަނަ އަހަރު ބޮކުރީ ވަނީ އޭރު ދެވަނަ ޑިވިޝަނުގައި އޮތް ކުލަބު ވެލެންސިއާއަށް ކުޅެފައެވެ. އަދި އެ ކުލަބު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ކޮށްދިނުމަށްފަހު، 2020/2021 ވަނަ އަހަރުގެ ސީޒަންގައި ބޮކުރީ ވަނީ ވެލެންސިއާއެކު ފުރަތަމަ ޑިވިޝަނުގައި ކުޅެފައެވެ. އެކަމަކު އެ ސީޒަނަށްފަހު އެންމެ ފަހުން ބޮކުރީ ގަލޮޅު ދަނޑުން ފެނިފައިވަނީ މިދިޔަ އަހަރުގެ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ޖޭޖޭ ސްޕޯޓްސް ކުލަބުންނެވެ.

މި ވަގުތު ދެވަނަ ޑިވިޝަނުގައި އޮތް ވިކްޓަރީއަށް ބޮކުރީ ސޮއިކުރިއިރު، އެ ކުލަބުން ވަނީ ފުރަަތަމަ ޑިވިޝަނާއި ގައުމީ ޓީމުގެ ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ (އަކޫ) އާއި މުޙައްމަދު އުމެއިރުގެ ސޮއިވެސް ހޯދާފައެވެ. މީގެ އިތުރުން ވެލެންސިއާއަށް ކުޅެމުން އައި ހުސެއިން ފައިސަލް (ފައިޓޯ) އާއި، މިދިޔަ ސީޒަނުގެ ދެވަނަ ޑިވިޝަނުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ކުޅުނު އިބްރާހީމް ސިނާހު (ސިނާ) އާއި މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކުލަބުގެ ކެޕްޓަން އަޙްމަދު ރިލްވާން (ބެން) އަދި ސައްދާމް ހުސެއިންވެސް ވިކްޓަރީން ވަނީ ގެނެސްފައެވެ.