އުތުރު ކޮރެޔާގެ އަސްކަރީ ސަމްބެރިންއަކުން ކްރޫޒް މިސައިލްތަކެއް ޓެސްޓުކޮށްފިއެވެ. އުތުރު ކޮރެޔާއިން މިސައިލް ޓެސްޓުތަކެއް ހަދާފައި މި ވަނީ، އެމެރިކާއާއި ދެކުނު ކޮރެޔާ ގުޅިގެން އަސްކަރީ ތަމްރީނުތަކެއް ފެށުމާ ގުޅިގެން، އެ ކަމަށް ރައްދުދިނުމުގެ ގޮތުންނެވެ.
އުތުރު ކޮރެޔާއިން ބުނެފައި ވަނީ އެ ޤައުމުގެ އަސްކަރިއްޔާއިން "ސްޓްރެޓީޖިކް" ކްރޫޒް މިސައިލްތަކެއްގެ ޓެސްޓު ހަދާފައިވާ ކަމުގައެވެ. އެ ޤައުމުން "ސްޓްރެޓީޖިކް،" މި ބަސް ބޭނުންކުރަނީ ނިއުކްލިޔަރ ހަތިޔާރު އުފުލުމުގެ ގާބިލުކަން ހުރި މިސައިލްތަކަށެވެ. މިސައިލްތައް އުދުއްސައިލާފައި ވަނީ ކަނޑުގެ އަޑީގައި ދަތުރުކުރަމުންދިޔަ ސަބްމެރިންއަކުންނެވެ.
މިއީ، އެ ޤައުމުގެ ސަބްމެރިން އުޅަނދުފަހަރުގެ ގާބިލުކަން ދެނެގަތުމަށް ޓެސްޓުކޮށްފައިވާ މިސައިލްތަކެއް ކަމަށާއި، ސަބްމެރިން ޔުނިޓަކީ "ނިއުކްލިޔަރ ޑިޓެރެންޓް" ނުވަތަ އެ ޤައުމަށް ނިއުކްލިޔަރ ހަމަލާއެއް ދިނުން ހުއްޓުވުމަށް އުފައްދާފައިވާ ޔުނިޓެއް ކަމުގައި ވެސް އުތުރު ކޮރެޔާއިން ބުންޏެވެ.
އުތުރު ކޮރެޔާއިން މިސައިލް ޓެސްޓެއް ހެދުމާ ގުޅިގެން ދެކުނު ކޮރެޔާގެ އަސްކަރިއްޔާ ވަނީ ތައްޔާރީ ހާލަތަކަށް ގެނެސްފައެވެ. އަދި، އެމެރިކާގެ ޖާސޫސީ އިދާރާތަކާ ގުޅިގެން އުތުރު ކޮރެޔާއިން ޓެސްޓުކޮށްފައިވާ މިސައިލްތަކުގެ މަޢުލޫމާތު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމުގައި ދެކުނު ކޮރެޔާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފް (ޖޭ.ސީ.އެސް) އިން ބުންޏެވެ.
ދެކުނު ކޮރެޔާއާއި އެމެރިކާ ގުޅިގެން "ފްރީޑަމް ޝީލްޑް 23"ގެ ނަމުގައި އަސްކަރީ ތަމްރީނުތަކެއް ފަށާފައި ވަނީ މާރިޗު 13 ވަނަ ދުވަހުއެވެ. މި ތަމްރީނުތައް 11 ދުވަހުގެ މުއްދަތަކަށް ކުރިއަށްދާނެއެވެ. މި އަހަރުގެ ތަމްރީނުތައް ވަރަށް ބޮޑުވާނެ ކަމަށް ދެ ޤައުމުން ވެސް ވަނީ ބުނެފައެވެ.
މި ތަމްރީނުތަކަކީ އުތުރު ކޮރެޔާއަށް އަރައި، އެ ޤައުމު ހިފުމަށް ތައްޔާރުވުމުގެ ގޮތުން އެމެރިކާއާއި ދެކުނު ކޮރެޔާއިން ކުރިއަށްގެންދާ ތަމްރީނުތަކެއް ކަމުގައި އުތުރު ކޮރެޔާއިން ދަނީ ތުހުމަތު ކުރަމުންނެވެ. މި ތަމްރީނުތަކަށް ރައްދު ދިނުމުގެ ގޮތުން އުތުރު ކޮރެޔާއިން ދަނީ ދޭތެރެދޭތެރެއިން މިސައިލް ޓެސްޓުތައް ހަދަމުންނެވެ. މީގެ ތެރޭގައި އެހެން ބައްރެއްގައި އޮންނަ ޤައުމަކަށް ހަމަލާދިނުމަށް ބޭނުންކުރެވޭނެ ދުރު ރާސްތާ "އިންޓަރކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް" (އައި.ސީ.ބީ.އެމް) ވެސް ހިމެނެއެވެ.