ކުޅިވަރު

ފުރަތަމަ ފަހަރަށް ނާޕޮލީ ކުއާޓާއަށް


ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ނާޕޮލީ ޖާގަ ހޯދައިފިއެވެ.

މިމުބާރާތުގެ ކްއާޓަރ ފައިނަލުން ނަޕޯލީ ޖާގަހޯދީ ރައުންޑް އޮފް ސިކްސްޓީންގައި އެއިންޓްރެކްޓް ފްރޭންކްފަރޓް އާއި ބައްދަލުކުރިމެޗް 5 ލަނޑު ސުންލަނޑުގެ އެގްރިގޭޓް ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

މިދެޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގް 2 ލަނޑު ސުންލަނޑުން ނަޕޯލީ ރަށުން ބޭރުގައި ކާމިޔާބުކުރިއިރު ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗް 3 ލަނޑު ސުންލަނޑުން ކާމިޔާބުކުރީވެސް ނަޕޯލީއެވެ. ރޭގެ މެޗްގައި ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ނަޕޯލީއިންނެވެ. މިމެޗްގައި ނަޕޯލީގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ޖަހާދިނީ އިތުބާރު ފޯވަޑް ވިކްޓަރ އޮސިމްހެންއެވެ. އަދި މެޗްގެ 53 ވަނަ މިނެޓްގައި އޮސިމްހެންވަނީ ނަޕޯލީގެ ލީޑު ފުޅާކޮށްވެސް ދީފައެވެ. މިއީ އޭނާ މިސީޒަންގައި ނަޕޯލީއަށް 28 މެޗްގައި ޖަހާދިން 23 ވަނަ ލަނޑެވެ. މިމެޗްގައި ނަޕޯލީގެ ފަހު ލަނޑު މެޗްގެ 64 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޕިއޮޓްރޭ ޒިއެލިންސްކީއެވެ. މިމެޗްގައި މީގެ އިތުރުންވެސް ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށްވެސް ލިބިގެންދިޔައެވެ.

މިކާމިޔާބީއާއެކު ނަޕޯލީގެ ތާރީހްގައި ފުރަތަމަ ފަހަރަށް މިވަނީ ޗެމްޕިއަންސް ލީގުގެ ކްއާޓަރ ފައިނަލުން ޖާގަ ލިބިގެން ގޮސްފައެވެ. ކްއާތަރ ފައިނަލްގައި ނަޕޯލީއިން ވާދަ ކުރަންޖެހޭ ޓީމެއް އެނގިގެންދާނީ މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ގުރުއަތުލުމަށްފަހުއެވެ.