ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ފުރަތަމަ މުބާރާތް ކަމަށްވާ އޯޕަން ޓެޕްބޯލް މުބާރާތުގެ ސެމީ ފައިނަލް ފަހު ދެ ޖާގަ އޭއާރްސީ އާއި ޝުގަ ކޯނުން ހޯދައިފިއެވެ.
މި ފަހަރުގެ އޯޕަން މުބާރާތުގައި 12 ޓީމެއް ބައިވެރިވެފައިވާއިރު، މުބާރާތުގެ ކުޅުން ކުރިއަށްދަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕަކުންވެސް އެންމެ މޮޅު ޓީމު ސެމީއަށް ދަތުރުކުރިއިރު، ސެމީގެ ފަހު ޖާގަ ލިބުނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރުވަނަ ޓީމަކަށެވެ.
މި މުބާރާތުގެ ގްރޫޕް ސީގެ އެއްވަނަ އޭއާރްސީން ހޯދީ ހޮނިހިރު ދުވަހުގެ ހަވީރު ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި ކުޅުނު ގްރޫޕް ސީގެ ދެވަނަ މެޗުން ކިންޒާ ކެފޭއާ ވާދަކޮށް 77 ލަނޑުން މޮޅުވެގެންނެވެ.
މި މެޗުގެ ގުރުދިމާވުމުން އޭއާރްސީ ކުޅުން އަރައި އޯވަރު ހަމަވިއިރު ތިން ކުޅުންތެރިން ނުބައިވެގެން ވަނީ 149 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 11 ބޯޅައިން 36 ލަނޑު ހެދި ލީމް ޝަފީގެވެ. ޖަވާބުގައި ކިންޒާ ކުޅެން އަރައި އަށްވަނަ އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 72 ލަނޑެވެ.
މީގެ އިތުރުން ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު ފުރަތަމަ މެޗުން މެރީ ކޯޏާ ވަނީ އޮއްފު އެފްސީ އަތުން އެއް ލަނޑުން މޮޅުވެފައެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ގުރު ދިމާވުމުން މެރީ ކޯނާ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު އެންމެ ކުޅުންތެރިއެއް ނުބައިވެގެން ވަނީ 140 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 21 ބޯޅައިން 35 ލަނޑު ހެދި ހަސަން ހަނީފާއި 16 ބޯޅައިން 31 ލަނޑު އެއްކުރި މުޙައްމަދު ހައިކަލެވެ.
ޖަވާބުގައި އޮއްފު އެފްސީ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު އެންމެ ކުޅުންތެރިއެއް ނުބައިވެގެން ހެދިފައިވަނީ 139 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 21 ބޯޅައިން 34 ލަނޑު ހެދި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފެވެ.
މި ނަތީޖާތަކާއެކު ގްރޫޕް ސީގެ އެއްވަނަ އޭއާރްސީން ހޯދީ ކުޅުނު ތިން މެޗުންވެސް މޮޅުވެ ނުވަ ޕޮއިންޓާއެކުއެވެ. މި ގްރޫޕުގެ ދެވަނަ އޮއްފު އެފްސީ އާއި ތިންވަނަ ކިންޒާ ކެފޭ އަދި ހަތަރުވަނަ މެރީ ކޯނާއަށް ވަނީ ތިން މެޗުން ތިން ޕޮއިންޓް ލިބިފައެވެ.
އަދި އެންމެ ގިނަ ޕޮއިންޓް ހޯދި ހަތަރުވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދި ޝުގަ ކޯން ހިމެނެނީ ގްރޫޕް ބީގައެވެ. ދެން ސެމީން ޖާގަ ހޯދީ ގްރޫޕް އޭގެ އެއްވަނަ އެމްއޭސީއެލް އާއި ގްރޫޕް ބީގެ އެއްވަނަ މީޓިއާސްއެވެ.
މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހުގެ ހަވީރެވެ.