ކުޅިވަރު

ލީޑްސް ބަލިކޮށް އާސެނަލުން އުންމީދު ދަމަހައްޓައިފި


އިނގިރޭސި ޕްރިމިއާ ލީގުގައި ތާވަލުގެ އެއްވަނައިގައި އުޅޭ އާސެނަލްއިން ލީޑްސް ޔުނައިޓެޑްގެ މައްޗަށް ހޯދި ކާމިޔާބީއާއެކު ލީގު ކާމިޔާބު ކުރުމަށް ކުރާ އުންމީދު ދަމަހައްޓައިފިއެވެ.

އާސެނަލްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި މެޗް އާސެނަލްއިން ބޮޑަށް ކޮންޓްރޯލް ކުރިއިރު ގިނަ ހަމަލާ އުފައްދާފައިވަނީވެސް އާސެނަލްއެވެ. ނަމަވެސް މިމެޗްގެ ކުރީކޮޅުގައި ރަނގަޅަށް ކުޅުނު ތަން ފެނިގެންދިޔައީ ލީޑްސްއިންނެވެ. މިގޮތުން މެޗްގެ ކުރީކޮޅުގައި ލީޑްސްއިން ވަނީ ރަނގަޅު ދެތިން ހަމަލާ އުފައްދާ އާސެނަލްގެ ގޯލަށް ނުރައްކާވެސް ކޮށްފައެވެ. މިމެޗް އާސެނަލް ކޮޅަށް އެނބުރިގެންދިޔައީ ފުރަތަމަ ހާފް ނިމެން 10 މިނެޓަށް ވެފައިވަނިކޮށް އާސެނަލްއަށް ލިބުނު ޕެނަލްޓީއާއެކުއެވެ.

މި ޕެނަލްޓީ ކާމިޔާބުކޮށްދީ އާސެނަލްއަށް މިމެޗްގައި ލީޑު ނަގާދިނީ ގެބްރިއެލް ޖޭސުސްއެވެ. މިމެޗްގައި އާސެނަލްގެ ދެވަނަ ލަނޑު މެޗްގެ 47 ވަނަ މިނެޓްގައި ޖަހާދިނީ ބެން ވައިޓްއެވެ. މިމެޗްގައި އާސެނަލްގެ ތިންވަނަ ލަނޑު މެޗްގެ 55 ވަނަ މިނެޓްގައި ޖަހާދިނީ ފުރަތަމަ ލަނޑުވެސް ޖަހާދިން ޖޭސުސްއެވެ. މިމެޗްގައި ލީޑްސްއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ 76 ވަނަ މިނެޓްގައި ޖަހާދިނީ ރަސްމުސް ކްރިސްޓެންސެންއެވެ. އަދި މިމެޗްގައި އާސެނަލްއިން ކާމިޔާބުކުރި ފަހު ލަނޑު މެޗްގެ 84 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ގްރަނިޓް ޜަކާއެވެ.

މިކާމިޔާބީއާއެކު އާސެނަލްއިން މިވަނީ މިހާތަނަށް ކުޅުނު 29 މެޗްގައި 72 ޕޮއިންޓް ހޯދާ ތާވަލްގެ އެއްވަނައިގާ އެޓީމަށް ލިބިފައިވި 8 ޕޮއިންޓްގެ ލީޑު ދަމަހައްޓާފައެވެ. ނަމަވެސް އާސެނަލް ވަނީ ދެވަނައިގާ އުޅޭ މެންޗެސްޓަރ ސިޓީއަށް ވުރެ އެއްމެޗް އިތުރަށް ކުޅެފައެވެ. އާސެނަލްއަށް ލިގުގައި މިހާރު ބާކީ 9 މެޗް އޮތް އިރު ލީގު ކާމިޔާބު ކުރުމުގެ އަމިއްލަ ބާރު އާސެނަލްއަށް އެބައޮތެވެ. ނަމަވެސް އާސެނަލްއަށް ކުރިއަށް އޮތް 9 މެޗްގެ ތެރޭގައި ގަދަ ހައެއްގައި ހިމެނޭ ތިން ޓީމާއި އޭގެ އިތުރުން ލިވަޕޫލާއި ޗެލްސީ އާއި ބައްދަލުކުރުން އެބައޮތެވެ. ރޭގެ މެޗުން ބަލިވުމުން ލީޑްސް މިހާރު އުޅެނީ 26 ޕޮއިންޓާއެކު ތާވަލްގެ 16 ވަނައިގައެވެ.