އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއިން ލިވަޕޫލް ބަލިކޮށް ތާވަލްގެ އެއްވަނައިގައި އުޅޭ އާސެނަލް އާއި ދެމެދުގައި ފަރަގު އިތުރަށް ފުޅާވިޔަނުދީ ހިފަހައްޓާލައިފިއެވެ.
ސިޓީގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ ފަހަތުން އަރާ 4-1 ގެ ނަތީޖާއަކުންނެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީއިންނެވެ. ސިޓީއިން މިމެޗް ފެށީ ވަރަށް ފޯރިއާއެކުއެވެ. މިގޮތުން ލިވަޕޫލްގެ ގޯލަށް ނުރައްކާތެރި ދެތިން ހަމަލާވެސް އުފެއްދިއެވެ. އެކަމަކު މިމެޗްގެ ފުރަތަމަ ލަނޑު ޖަހާ މެޗްގެ ލީޑު ނެގީ ލިވަޕޫލްއިންނެވެ. ލިވަޕޫލުން އުފެއްދި ކައުންޓަރ އެޓޭކެއްގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިއޮގޯ ޖޮޓާ ތަނަވަސްކޮށްދިން ފުރުސަތެއްގައި މުހަންމަދު ސަލާހްއެވެ.
ވޭތުވެދިޔަ ސީޒަން ތަކުގައި ސިޓީގެ އެންމެ ބޮޑު ވާދަވެރިންގެ ގޮތުގައި ބެލެވިފައިވި ލިވަޕޫލްގެ މިލަނޑާއެކު ސިޓީއަށް ސިހުން ލިބިގެންދާނެކަމަށް ހީވި ނަމަވެސް ސިޓީ ފެނިގެންދިޔައީ އެޓީމްގެ ކުޅުން އިތުރަށް ވަރުގަދަކޮށް ލަނޑެއް ޖެހޭތޯ ކުރަމުންދިޔަ މަސައްކަތް އިތުރު ކުރި ތަނެވެ. ނަތީޖާއަކަށް ވެގެންދިޔައީ މެޗްގެ 27 ވަނަ މިނެޓްގައި ޖެކް ގްރީލިޝް ތަނަވަސްކޮށްދިން ފުރުސަތެއްގައި ހޫލިއަން އަލްވަރޭޒް މެޗްގެ ނަތީޖާ ހަމަހަމަކުރުމެވެ. އަދި ދެވަނަ ހާފްގެ ކުޅުން ފެށިތާ ފުރަތަމަ މިނެޓްގައި ސިޓީއިން ވަނީ މިމެޗްގެ ލީޑު ނަގާފައެވެ. މިލަނޑު ރިޔާދު މަހްރެއިޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖަހާދިނީ ކެވިން ޑި ބްރުއިނަރއެވެ.
މި މެޗްގައި ސިޓީގެ ތިންވަނަ ލަނޑު މެޗްގެ 53 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އިލްކައި ގުންޑޮގާންއެވެ. އަދި ފަހު ލަނޑު މެޗްގެ 74 ވަނަ މިނެޓްގައި ޖަހާދިނީ ގްރީލިޝްއެވެ.
މިކާމިޔާބީއާއެކު ސިޓީއިން މިވަނީ މިހާތަނަށް ކުޅުނު 28 މެޗުން 64 ޕޮއިންޓް ހޯދާފައެވެ. ތާވަލްގެ އެއްވަނައިގާ އުޅޭ އާސެނަލްވެސް ރޭ ކުޅުނު މެޗުން މޮޅުވެފައިވުމުން މިދެޓީމްގެ މެދުގައިވާ ފަރަގު އުޅެނީ އަށް ޕޮއިންޓްގައެެވެ. ނަމަވެސް ސިޓީ އަދި ނުކުޅެ އެއް މެޗް އެބައޮތެވެ. އެމެޗް ކާމިޔާބުކޮށްފި ކަމަށްވާނަމަ ދެޓީމްގެ ދެމެދުގައިވާ ފަރަގު ފަސް ޕޮއިންޓަށް ކުދަވުމުގެ ފުރުސަތުވެސް އެބައޮތެވެ. މިމެޗުން ބަލިވުމުން ލިވަޕޫލް އުޅެނީ 27 މެޗުން ލިބިފައިވާ 42 ޕޮއިންޓާއެކު ތާވަލްގެ 8 ވަނައިގައެވެ.