އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަންވިލާ އަތުން ބަލިވެ ތާވަލުގެ 11 ވަނައަށް ޗެލްސީ ވެއްޓިއްޖެއެވެ.
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް ވިލާއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ ޗެލްސީއިން އުފެއްދި ނަމަވެސް ވިލާގެ ގޯލް ފޫއަޅުވާލެވޭގޮތެއްނުވިއެވެ. މި މެޗުގައި ވިލާއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗްގެ 18 ވަނަ މިނެޓްގައި ޖަހާ އެޓީމަށް ލީޑު ނަގާދިނީ އޮލީ ވޮޓްކިންސްއެވެ. އަދި ދެވަނަ ލަނޑު މެޗްގެ 56 ވަނަ މިނެޓްގައި ވިލާއަށް ކާމިޔާބުކޮށްދިނީ ޖޯން މެކްގިންއެވެ.
މިމެޗްގައި ޗެލްސީއިން ގިނަ ހަމަލާ ތަކެއް އުފެއްދި ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭގޮތެއްނުވިއެވެ.
މި ނާކާމިޔާބީއާއެކު ޗެލްސީގެ ކޯޗް ގްރަހަމް ޕޮޓަރއަށް އޮތް ޕްރެޝަރ އިތުރުވެގެން ދާނެކަންވަނީ ޔަގީންވެފައެވެ. އަދި ޗެލްސީގެ ހާލަތު ރަނގަޅު ކުރުމަށް އެޓީމްގެ ވެރިން ޕޮޓަރއަށް އަދި ކިހާދުވަހެއް ދޭނެތޯ މިއީ މިހާރު އެންމެންގެ ހިތުގާ އުފެދޭ ސުވާލެވެ. އަދި ޗެލްސީ މިހާރު އުޅެނީ 28 މެޗުން ލިބިފައިވާ 38 ޕޮއިންޓާއެކު ތާވަލްގެ 11 ވަނައިގައެވެ. މިކާމިޔާބީއާއެކު ވިލާ މިވަނީ އެޓީމްގެ ކޯޗް ކަމާއި އުނާއި އެމްރީ ހަވާލުވިފަހުން މިހާތަނަށް ކުޅުނު 14 މެޗުން 26 ޕޮއިންޓް ހޯދާފައެވެ. އަދި މިއީ އެމްރީ ވިލާ އާއި ހަވާލުވިފަހުން ރަށުން ބޭރުގައި ހޯދި ފަސްވަނަ ކާމިޔާބީއެވެ. މިކާމިޔާބީއާއެކު ވިލާ މިހާރުވަނީ 41 ޕޮއިންޓާއެކު ތާވަލްގެ 9 ވަނައަށް ކުރިއަށް ޖެހިލާފައެވެ.